ދީބާޖާ އަށް ފައިސާދޭން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ކުރަން ނިންމައިފި

ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުމަށް އެޓާނީ ޖެނެރަލް އޮފީހުން ނިންމަވައިފި އެވެ.
އެޓާނީ ޖެނެރަލް އޮފީހުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެމައްސަލަ ރިވިއު ކުރުމަށް ނިންމަވާފައި ވަނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއިމެދު އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ ކަމަށެވެ.
ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 174މިލިއަން ރުފިޔާ ދިނުން މަޑުޖައްސާލުމަށްފަހު އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު ފާސްކޮށްފަ އެވެ.
ބަންޑާރަނައިބުގެ އޮފީހުން އެކުލަވާލި ސެޓްލްމަންޓް ކޮމިޓީން، މީގެ ކުރިން ވަނީ ދީބާޖާ އަށް ބަދަލުގެ ގޮތުގައި 174 މިލިޔަން ރުފިޔާ ދިނުމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހަށް ލަފާދީފަ އެވެ. މި ލަފައާއިއެކު ރައީސް ވަނީ ދީބާޖާ އަށް ދޭންޖެހޭ ފައިސާ ދިނުމަށް ނިންމަވާފަ އެވެ.
އެ މައްސަލައިގައި ބަންޑާރަނައިބު އިބްރާހީމް ރިއްފަތު މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ގިނަ ސުވާލުތަކެއް ކޮށްފައިވާއިރު ރިފްއަތު އޭރު ވިދާޅުވެފައި ވަނީ ދީބާޖާއަށް ބަދަލުދޭންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާކޮށްގެން ސަރުކާރަށް ކާމިޔާބުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ދީބާޖާ އާއިއެކު ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް ޚިދުމަތް ނުދޭ ކަމަށް ބުނެ އެއްބަސްވުން އުވާލި މައްސަލާގައި ދީބާޖާއިން ސިވިލް ކޯޓުގައި ކުރި ދައުވާ އާއި ގުޅިގެން 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރި ހުކުމްގައި ބުނެފައި ވަނީ އެއްބަސްވުން 29 މޭ 2013 ގައި އުވާލީ ބ. ފުޅަދު އާއި ފެހެންދޫއަށް ފެރީގެ ޚިދުމަތް މެދުކެނޑިފައިވާތީކަން އޭރުގެ މިނިސްޓްރީ އޮފް ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާ އާއިއެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން އުވާލީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ސަރުކާރުން ނެވެ. އެ މައްސަލައިގައި ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ނަމަވެސް ކޯޓުން ބޭރުން މި މައްސަލަ ހައްލުކޮށް 348 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދީބާޖާ އަށް ދިނުމަށް ނިންމެވީވެސް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ސެޓްލްމަންޓް ކޮމިޓީން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ