ރާއްޖެ އަމާން ކުރަން ޒުވާނުންގެ ހިއްސާ އިތުރު ކުރަން ގާސިމް ގޮވާލައްވައިފި

ރާއްޖޭގެ ވެށި އަމާން ކުރުމުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށް ބައިވެރިވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، މި މޭރުމުން ވާހަކަފުޅު ދެއްކެވީ ވެރިރަށް މާލޭގެ މައްޗަންގޮޅީ އަވަށަށް ނިސްބަތްވާ ޒުވާނުންތަކެއް ޖުމްހޫރީ ޕާޓީއަށް ސޮއި ކުރުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އވިދާޅުވީ ދިވެހިން ދުވަހަކު ވެސް ދެކެން ބޭނުން ނުވާ، ނޭދެވޭ މަންޒަރުތައް ދިވެހިންގެ ގައުމުގައި އާންމުވެ ފެންނަމުންދާ ދިއުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މާރާމާރީ އާއި އެހެނިހެން ބޮޑެތި ކުށްތައް ރާއްޖޭގައި އާންމު ވަމުންދާއިރު އެ މަންޒަރުތައް ބަލަން ޒުވާނުން ތިބެން ހެޔޮ ނުވާނެ ކަމަށާއި ރާއްޖެއަށް ހަމަޖެހުން ގެނައުމަށް އަދި ރާއްޖެގެ ވެށި އަމާން ކުރުމަށް ކުރެވޭ މަސައްކަތުގައި ހުރިހާ ޒުވާނުންނަށް ބައިވެރިވާން އިލްތިމާސް ކުރައްވާ ކަމަށެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވީ ކޮންމެ ޤައުމެއްގައި ވެސް އެޤައުމުގެ ކުރިމަގަށްޓަކައި ޒުވާނުންނަކީ ވަރަށް މުހިންމު ބައެއް ކަމަށާ ސިޔާސީ ޕާޓީތައް ހަމަ މަގުގައި ކުރިއަށް ގެންދިއުމަށް ވެސް ޒުވާނުންގެ ރޯލާއި މުހިންމުކަން ބޮޑު ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ އަބަދުވެސް އަމާޒަކީ ދިވެހިން ބޭނުންވާ ބަދަލު މިޤައުމަށް ގެނައުން. މިކަމުގައި ޒުވާނުންގެ ދައުރު ބޮޑު،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ