މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ދައުރު އަދާ ކުރުމަށް ދަތި ކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރާ ދައުވާގެ ޝަރީއަތުގައި ފުލުހުންގެ ހެކި ބަސް ނެގިދާނެ ކަމާމެދު އަލީ ވަހީދު ވަކީލު އަދި ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއްސުއޫދު މިއަދު ސުވާލު އުފައްދައިފި އެވެ.
އެމްޑީޕީ މެންބަރު އަލީ ވަހީދާއޕީޕީއެމްގެ މަހުލޫފްގެ މައްޗަށް ދައުވާ ކުރަނީ އެ ދެ ބޭފުޅުންގެ ވެސް ޑީއާރްޕީގައި އުޅުއްވަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މާޗް 25، 2010 ގައި މުލީއާގެ ހިމެނޭ ސަރަހައްދަށް އިތުރު ބަޔަކާއެކު އެއްވެ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ އެވެ. ފުލުހުންގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ކުރަނީ "ފުލުހުންގެ ދައުރު އަދާ ކުރުމަށް ދަތި ކުރުމުގެ ކުށުގެ ދައުވާ" އެވެ.
މިއަދުގެ ޝަރީއަތުގައި އަލީ ވަހީދާއި މަހްލޫފްގެ މައްޗަށް ކުރާ ދައުވާ ސާބިތު ކުރުމަށް ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ ހަތަރު ފުލުހުންނެވެ. ދައުލަތުގެ ވަކީލާ ޒިމްނާ އަބްދުލްމުހްސިން ވިދާޅުވީ އެ ހަތަރު މީހުން ހުށަހެޅުއްވީ ދައުވާގައި ބުނާ ހުރިހާ ކަމެއް ސާބިތު ކުރުމަށް ކަމަށެވެ.
އަލީ ވަހީދުގެ ވަކީލު ސުއޫދު ވިދާޅުވީ އާންމުކޮށް ހުރިހާ މައްސަލައެއްގައި ވެސް ފުލުހުންގެ ހެކި ބަހަކީ މުހިންމު އެއްޗެއް ކަމަށެވެ. ނަމަވެސް މި މައްސަަލައަކީ ފުލުހުން ކުރި އަމުރަކަށް ނުކިޔަމަންތެރިވި ކަމަށް ބުނާ މައްސަލައެއް ކަމުން އަމުރު ކުރާ ފަރާތް ހެއްކެއްގެ ގޮތުގައި ގަބޫލު ކުރެވޭނެތޯ ނޫންތޯ އެއީ ސުވާލެއް ކަމަށެވެ. އޭގެ އިތުރުން ސުއޫދު ވިދާޅުވީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނާއިރު ސީދާ އަލީ ވަހީދުގެ މައްޗަށް އަމުރެއް ކޮށްފައިވާކަން ދައުވާއަކުން ވެސް ބަޔާނަކުން ވެސް ނޭނގޭ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި މިފަދަ މައްސަލަތަކުގައި ނުކިޔަމަންތެރިވި ކަމަށް ބުނާ އަމުރު ރައްދުވެފައިވާންޖެހޭނީ ސީދާ ދައުވާ ލިބޭ ފަރުދުގެ މައްޗަށް ކަމަށެވެ.
ފުލުހުންގެ ހެކި ބަހާމެދު ސުވާލު އުފެއްދުމުން އެކަމަށް އެއްޗެއް ވިދާޅުވުމަށް ދައުލަތަށް ގާޒީ ފުރުސަތު ދެއްވި އެވެ. ނަމަވެސް ވަކީލާ ވިދާޅުވީ މިވަގުތު އެކަމަށް އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި މަހްލޫފް ވަކީލު ހާޒިރުވެވަޑައިގެން ނެތުމުން ސީދާ މައްސަލައާ ގުޅޭ ގޮތުން އޭނާ އެއްޗެއް ވިދާޅެއް ނުވެ އެވެ. އެކަމަކު އަދާ ކުރާ ވަޒީފާގެ ގޮތުން މައްސަލަ ދިގުދެމިގެންދާތީ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ވިދާޅުވެ މައްސަލަ އަވަސް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
މިއަދުގެ އަޑުއެހުމަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރި ގޮތާމެދު ވެސް އަލީ ވަހީދުގެ ފަރާތުން މިއަދު ޝަރީއަތުގައި ވާހަކަ ދެއްކެވި އެވެ. ސުއޫދު ވިދާޅުވީ އަލީ ވަހީދަށް ޗިޓު ރައްދު ކޮށްފައި ވަނީ ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުން މަޖިލީހަށް ހާޒިރުވުމަށް ނިންމައި ގެއަށް ވަޑައިގެން ތަނުން ކަމަށެވެ. އަދި އެއީ އިއްތިފާގަކަށްވި ނަމަވެސް އެކަމާމެދު ސުވާލު އުފުދޭ ކަމުން ދުރާލާ ޗިޓު ރައްދު ކޮށްދިނުމަށް ގާޒީ އަރިހުން އެދިވަޑައިގެންނެވި އެވެ.
މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ ޗިޓު ރައްދުކޮށްފައި ވަނީ އެއްގޮތަކަށް ވެސް އެގޮތަކަށް ބަލައިގެން ނޫން ކަމަށާއި އަލީ ވަހީދާއި މަހްލޫފަކީ މަޖިލީހުންގެ މެންބަރުން ކަމުން މި މައްސަލައިގައި ކޯޓުން ވެސް އެ ދެ ބޭފުޅުންނަށް ހާއްސަ ލުއި ފަސޭހަތަކެއް ދީފައިވާނެ ކަމަށެވެ. އަދި މިއަދުގެ އަޑުއެހުން ނިންމާލެއްވީ މިމަހުގެ 22 ގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނު ކުރެއްވުމަށްފަހު އެވެ.
އަލީ ވަހީދާއި މަހުލޫފްގެ ޝަރީއަތުގައި ފުލުހުންގެ ހެކިބަސް ނެގިދާނެ ކަމާމެދު ސުވާލު އުފައްދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ