ކޮރޯނާ ވައިރަސް ޖެހިގެން ޗައިނާއިން އިތުރު 103 މީހަކު މަރުވެއްޖެ އެވެ. ހޯމަ ދުވަހަކީ މި ވައިރަސް ފެތުރެން ފެށި ފަހުން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ.
މިއާއެކު ކޮރޯނާވައިރަސް ޖެހިގެން މަރުވި ޗައިނާ މީހުންގެ އަދަދު 1011 އަށް ވަނީ އަރާފައެވެ. އަދި ހޮންކޮންގް އާއި ފިލިޕީންސުން މަރުވި މީހުންނާއި އެކު ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު 1013 އަށް އަރާފައެވެ.
މި ވައިރަސް ޖެހިގެން މަރުވި މީހުންގެ ތެރެއިން 974 މީހުންނަކީ ހުބެެއި ޕްރޮވިންސްއަށް ނިސްބަތްވާ މީހުންނެވެ. އެ ޕްރޮވިންސްގައި އިތުރު 2097 މީހަކު އެ ބައްޔަށް ޕޮޒިޓިވްވިއިރު، އެ ޕްރޮވިންސްގެ ހޮސްޕިޓާތަކުގައި 25000 އަށްވުރެ ގިނަ މީހުން ވަނީ އެޑްމިޓްކޮށްފައެވެ. އޭގެ ތެރެއިން 1298 މީހުންގެ ހާލު ސީރިއަސް އެވެ.
ކޮރޯނާވައިރަސް ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 42500 އަށް އަރާފައެވެ.
ކޮރޯނާވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދިޔަނަމަވެސް ވައިރަސް އަލަށް ޖެހޭ މީހުންގެ ނިސްބަތް ކޮންމެވެސް ވަރަކަށް މަދުވަމުން އަންނަ ކަމަށް ލަފާކުރެވެއެވެ.
މިދިޔަ ޑިސެމްބަރ މަހު ފެތުރެން ފެށި ކޮރޯނާވައިރަސްގެ ނުރައްކާތެރިކަން ދުނިޔެއަށް ފާހަގަވީ ޖަނަވަރީ މަސް ނިމެން އުޅެނިކޮށެވެ. އެއާއި އެކު ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ އެގައުމުތަކުގެ ރައްޔިތުން ޗައިނާ އަށް ދަތުރުކުރުން މަނާކޮށް، އަދި ޗައިނާ އިން އެގައުމުތަކަށް މީހުން އެތެރެވުން ވެސް ހުއްޓުވާފައެވެ. ޗައިނާ އިން ވެސް ވޫހާން ކަރަންޓީންކޮށް ވަރުގަދަ ފިޔަވަޅުތަކެއް އެޅިއެވެ.
މުޅި ދުނިޔެއަށް ބަލި ފެތުރިގެން ނުދިޔައީ އެހެންވެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
ކޮރޯނާ ވައިރަސް ޖެހިގެން އިތުރު 103 މީހަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ