ގާނޫނުއަސާސީ އޮތީ ތަޅުއެޅުވިފައެއް ނޫން: މައުމޫން

ގާނޫނުއަސާސީ އޮތީ ތަޅުއެޅުވިފައި ކަމަށް ވިދާޅުވިޔަސް އެ ގާނޫނުއަސާސީ އޮތީ އެގޮތަށް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ މިހާރު ގައުމުގެ ވަލިއްޔުލް އަމުރަކީ ގާނޫނުއަސާސީ ކަމަށާއި އޭގައިވާ ގޮތަށް ނޫން ގޮތަކަށް އެއްވެސް މީހަކަށް އަމަލުނުކުރެވޭނެ ކަމަށެވެ.
"ބުއްދި ގަބޫލްނުކުރާ ކަންތައްތައް ފެންނާތީ އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އަޅުގަނޑުމެންނަކީ އިންސާނުން. މާތްﷲ ވަނީ އަޅުގަނޑުމެންނަށް ބުއްދި ދެއްވާފައި. އެއާ އެއްގޮތަށް ކަންތައްތައް ކުރަން ޖެހޭނީ،" ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ކުރާ ކަންތައްތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ވާހަކަދައްކަވަމުން މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުރިހާ އެންމެންނާ މެދު ވެސް އަމަލުކުރަން ޖެހޭނީ އެއް ހަމައަކުން ކަމަށެވެ. ނަމަވެސް މިހާރު މިފެންނަނީ "ކުދި ކެކުރި ބޮޑު ކެކުރި" އުސޫލް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ތިޔަބޭފުޅުން [އިދިކޮޅު ފަރާތްތަކުން] ތިޔަކުރައްވާ މަސައްކަތަކީ އެއްވެސް ހާލެއްގައި ގައުމުގެ ހަލަބޮލިކަން އުފައްދަވަން ނުވަތަ ފިތުނަ ފަސާދަ އުފައްދަވަން ކުރައްވާ މަސައްކަތެއް ނޫން. އެހެން ކިޔައިގެން ވެސް ބައެއް ބަޔާންތައް އެބަ ނެރޭ. ތިޔަ ބޭފުޅުން ތިޔަ މަސައްކަތްކުރައްވަނީ ގާނޫނުއަސާސީ ނަގަހައްޓަވަން،" އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފް ކުރައްވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މަޖިލީހުގެ ހިމެނިވަޑައިގަންނަވާ ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން މަސައްކަތްކުރައްވަނީ ގާނޫނުއަސާސީ ދެމެހެއްޓުމުގެ އިތުރުން ގައުމުގެ ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މަސައްކަތް ކަމަށެވެ.
"[ތިޔަ މަސައްކަތް ކުރައްވަނީ] އަމިއްލަ އެދުމުގެ ހެދުން އަޅައިގެން ގައުމު ފަސާދަކުރާކަށް ނޫން. ތިޔަ މަސައްކަތްކުރައްވަނީ އިހުލާސްތެރިކަމާއެކު ގައުމަށް ހިދުމަތްކުރެއްވުމަށް. ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާނޫނުއަސާސީގައި ހުރިހާ ފަރާތްތަކުން އަމަލުކުރަން ޖެހޭނީ އެއާ އެއްގޮތަށް ކަމަށެވެ. އަދި އެއާ އެއްގޮތަށް އަމަލުނުކުރާތީ އެ މަނިކުފާނުގެ ބޮލަށް އުނދަގޫފުޅުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"ގާނޫނުއަސާސީއަކު ނޫން ތަޅު އެޅުވިފައި ހުރީ. ތަޅު އަޅުވާފައި ހުރީ މަޖިލީހުގައި. އަޅުގަނޑު ދުށިން އޭގެ ފޮޓޯ ވެސް. އެކަމަކު ގާނޫނުއަސާސީގައި އެބުނާ ނިޒާމުގައި ހުރީ ތަޅު އެޅުވިފައެއް ނޫން. އެހެރީ ހުދޫދުތައް ބަޔާންކޮށްފައި،" 2008 ގައި ގާނޫނުއަސާސީ ތަސްދީގު ކުރެއްވި ރައީސް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި ހިމެނޭ އެކި ހައްގުތަކާއި މިނިވަންކަމުގެ ބާބުތަކުގައި ހިމެނޭ މާއްދާތަކާ ބެހޭ ގޮތުން ވަރަށް ތަފުސީލްކޮށް ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ ގާނޫނުއަސާސީގައި ކޮންމެ ބާރެއްގެ ވާޖިބުތަކާއި ހައްގުތަކާއި އެ ހައްގުތައް ފެށޭ ތަނާއި ނިމޭތަނާއި ފާރަވެރިވާ ގޮތްތައް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑު ހިތަށް އަރަނީ ހުރިހާ ބޭފުޅުން ދައުލަތު މަތީ މަގާމާ ހަވާލުވުމުގެ ކުރިން ހުވައެއް ކުރައްވަން ޖެހޭ. ރައީސުލްޖުމްހޫރިއްޔާ ވެސް އެ ހުވާގައިވާ ގޮތަށް އަމަލުކުރަން މާތްﷲ ގަންދީ ހުވާކުރުމަށްފަހު އެ ހުވާގައިވާ ގޮތަށް އަމަލުކުރަން ޖެހޭ. އެއީ ވަރަށް ބޮޑު ހުވައެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ