ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމީތީ ޝުކުރުވެރިވަން - މައުމޫން

ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޕާލިމެންޓުން ނިންމީތީ ޝުކުރުވެރިވާ ކަމަށް ރާއްޖޭގައި ދިގު 30 އަހަރުގެ ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގަ ވިދާޅުވީ ރާއްޖޭގެ ޑިމޮކުރަސީ އަލުން އިޔާދަ ކުރުމަށް ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޕާލިމެންޓުން ނިންމީތީ ޝުކުރުވެރިވާ ކަމަށާއި މިއީ ރާއްޖޭގެ ސަރުކާރުން ޑިމޮކުރަސީ އާއި އިންސާނީ ހައްގު ތަކަށް އިޙުތިރާމް ނުކުރާތީ ދިން ރަގަޅު މެސެޖެއް ކަމަށެވެ.
ދައުލަތުގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޕާލިމެންޓުން ގޮވާލި ގޮވާލުމަށް ކުރީގެ ރައީސް ނަޝީދު ވެސް ވަނީ މަރުހަބާ ކިޔާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ކަމަށެވެ. އަދި އެއަށް ފަހު އެމްއެންޑީއެފްގެ އިސްވެރިންނަށާއި، އުއްތަމަ ފަނޑިޔާރަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ޔޫރަޕިއަން ޕާލަމެންޓްގައި ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ކުރި ބަހުސްގައި ބައެއް މެމްބަރުން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކާ ދެކޮޅަށް ދައުވާތައް ކޮށް ހުކުމްތައް ކޮށް ޖަލުގައި ބަންދުކޮށްފައި ވާތީ ކަންބޮޑުވުން ފާޅު ކުރާ ކަމަށެވެ.
އަދި އެހެންކަމުން ރާއްޖެއާ މެދު ފިޔަވަޅު އަޅަން ފެންނަ ކަމަށާއި ދިވެހި ސަރުކާރަށް އެންމެ ބޮޑަށް އަސަރުކުރާނެ ފިޔަވަޅަކީ ރާއްޖެއަށް ދަތުރުކުރުން މަނާކުރުން ކަމަށެވެ.
އީޔޫ ޕާލަމެންޓަށް ދިވެހިރާއްޖެ އާއި ބެހޭ ގޮތުން ހުށަހެޅި ޤަރާރަކީ ވަކި ފަރާތަކަށް ބުރަވެފައިވާ އަސާސެއްނެތް ޤަރާރެއް ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެފައެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވީ އީޔޫ ޕާލަމެންޓަށް ހުށަހެޅި ޤަރާރުގައި ހުރި ކަންތައްތަކާއި ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅު ހަދާ އެޤަރާރުގައި ހުރި ތުހުމަތުތައް ދޮގު ކުރާ ކަމަށެވެ.
"ޤަރާރަކީ އެއްފަރާތަކަށް ޖެހިފައިވާ، ސިޔާސީ މަޤުޞަދުތަކެއް ހާސިލް ކުރުމަށްޓަކައި ތައްޔާރުކޮށްފައި އޮތް ދޮގު ތުހުމަތުތަކެއް އެކުލެވޭ ޤަރާރެއް. އެއީ ރާއްޖޭގެ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަން ތައްޔާރުކޮށްފައި އޮތް ޤަރާރެއް." ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ