2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ގދ.ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދަޢުވާ ކުރާ 89 މީހުން ބަންދުން ދޫކޮށްލައި، އެމީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލުމުން ހާމަވަނީ އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުނުވާ ކަމަށް ކޯޓުން ނިންމާފައިވާ ކަން ކަމަށް އެމްޑީޕީގެ ޤާނޫނީ ޓީމުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ބާއްވަން އޮތް މައްސަލައިގެ ޝަރީޢަތަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުން ހާޒިރުވެފައި ނުވުމުން، ކޯޓުން ވަނީ ގދ.ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ދަޢުލަތުން ދަޢުވާކުރާ 89 މީހުން ވެސް ބަންދުން ދޫކޮށްލާފައެވެ. އަދި އެ މައްސަލަ ކޯޓުން ވަނީ ބޭރު ވެސް ކޮށްލާފައެވެ.
ކްރިމިނަލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގ ކުރިމަތީގައި މިއަުދ ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލާ ފަރީޝާ އަބްދުﷲ ވިދާޅުވީ މިކަމުން ދޭހަވަނީ، ކޯޓުން މިމައްސަލަ ބަލައި ނިންމައިފި ކަމާށާއި، އެމައްސަލަ ނިމުމާ އެކު ވަކި ގޮތެއް ކޯޓުން އަޅާފައިވާ ކަމަށެވެ.
"ދަލީލެއް ގޮތުގައި އަޅުގަނޑުމެންނަށް ނެގޭ، މައްސަލައިގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ހުރިހަ އެންމެން ވެސް ވަނީ އިއްޔެ ދޫކޮށްލާފައި. އެއީ މައްސަލަ ނިމުމާ ގުޅިގެން، އެޔަށް ވަކި ގޮތެއް ކަނޑައެޅިއްޖެ ކަން ހާމަވާ ކަން. ދޫކޮށްލުމުން އެއިން އެބަ އިނގޭ ޓެރަރިޒަމްގެ ތުހުމަތު ކުރެވިގެން 89 މީހުންގެ މައްޗަށް ކުރި މި ދަޢުވާ އެއިން އެއްވެސް މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅައި ނިމިއްޖެކަން،" ފަރީޝާ ވިދާޅުވިއެވެ.
ފަރީޝާ އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ޓެރަރިޒަމްގެ ދަޢުވާ ކުރި އެއްވެސް މީހެއްގެ މައްޗަށް ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ކޯޓުން ހުކުމް ކޮށްފައި ނުވާ ކަމަށާއި، ކޯޓުގެ އިއްޔެގެ ނިންމުމުން ވަނީ، އެއްވެސް މީހެއްގެ މައްޗަށް ދަޢުވާ ސާބިތުނުވާ ކަމަށް ހާމަވެފައި ކަމަށެވެ.
އަދި، ކޯޓުން ދަޢުވާ ސާބިތުނުވާ ކަމަށް ނިންމާ މައްސަލައެއް އަނބުރާ ކޯޓަށް ވެއްދުމަކީ ޤާނޫނު އަސާސީގެ 60 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށް ފަރީޝާ ވިދާޅުވިއެވެ.
"ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކުރެވިފައި އެބަވޭ އެއް މައްސަލައަކާ ގުޅިގެން އެކަކުގެ މައްޗަށް ދެވަނަ ފަހަރަކަށް ޝަރީޢަތަކަށް ދަޢުވާއެއް ނުއުފުލެވޭނެއޭ. ޤާނޫނު އަސާސީގެ 60 ވަނަ މާއްދާއިން ރައްޔިތުންނަށް ކަނޑައެޅިފައިވާ ހައްޤެއް އެއީ، ކޮންމެ ފަރުދަކަށް ވެސް އެމީހެއްގެ މައްޗަށް އެއް ކަމަކާ ގުޅިގެން، އެއް ކުށެއްގައި، އެއް ހަޤީޤަތްތަކެއްގެ މައްޗަށް ބިނާކޮށް އެއް ދުވަހެއްގައި ހިނގި ކަމެއް އެކެއްގެ މައްޗަށް ދެވަނަ ފަހަރަށް ޝަރީޢަތް ނުކުރެވޭނެއޭ، ނުވެސް ހުށަހެޅޭނެއޭ. ދެން ޤަނޫނު އަސާސީގެ 16 ވަނަ މާއްދާގައި މުތުލަޤު ހައްޤަކަށް ދެވިފައިވާ ހައްޤެއް އިތުރަށް ހަނި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން މެނުވީ. އެފަދަ ޤާނޫނެއް އަދި އުފެދިފަކާ ނެތް. ހަޤީޤަތުގައި މި މައްސަލައަށް ވަނީ ގޮތެއް ނިމިފައި،" ފަރީޝާ ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނިންމާފައި ވަނީ، ޕީޖީ އޮފީހުން އެމައްސަލަ ކޯޓުގައި ބެލުމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލުމަށެވެ. އަދި އެމައްސަލަ ކޯޓުން އަލުން ބަލަން ފަށާނީ ދައުލަތުގެ ވަކީލުން ހަމަޖެއްސުމަށްފަހު ކޯޓަށް އެމައްސަލަ އަލުން ހުށަހެޅުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފައި ވެއެވެ.
އެމްޑީޕީ ޤާނޫނީ ޓީމުގެ ވަކީލް ހަސަން ލަތީފް ވިދާޅުވީ، އަދަބެއް ލިބޭ ޖިނާޢީ މައްސަލަތަކުގައި ދެފަހަރަށް އަދަބު ލިބޭ ގޮތަށް، ޢާންމު އުސޫލެއްގެ ގޮތުން ޕްރޮސެކިއުޓަރުން އަމަލު ނުކުރާނެ ކަމަށާއި، އަދި މައްސަލަތަކުގެ ހަޤީޤަތުގެ މައްޗަށް ބަލައި ކޯޓުން ވަކި ގޮތަކަށް ނިންމާފައިވާ އިރު، އެ ހަޤީޤަތްތަކުގެ މައްޗަށް ބެލުމަށް ފަހު ޕްރޮސެކިއުޓަރުން އަލުންބަލުން މައްސަލަ ހުށަނާޅާނެ ކަމަށެވެ.
"އަޅުގނޑުމެން ޤަބޫލުކުރަން ޕީޖީ ދެވަނަފަހަރަށް އެމައްސަލަ ހުށަނާޅުއްވާނެ ކަމަށް، އަދި ޕީޖީ ހުށަހެޅިޔަސް ކޯޓުން އެމައްސަލަ އިތުރަށް ބަލައިނުގަންނާނެކަމަށް،" ހަތަން ލަތީފް ވިދާޅުވިއެވެ.
ކޯޓުން ވަނީ 89 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުނުވާކަމަށް ނިންމާފައި - އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ