އައިއެސްއިން އެމެރިކާގެ އިތުރު ރައްޔިތުން ރަހީނުކުރުމުގެ ފުރުސަތު ބޮޑު - އެފްބީއައި

ސީރިއާ އާއި އިރާގުގެ ބޮޑު ބައެއް ކޮންޓްރޯލްކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން އެމެރިކާގެ އިތުރު ރައްޔިތުން ރަހީނުކުރުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން އިންޒާރުދީފި އެވެ.
އެފްބީއައިގެ ޑިރެކްޓަރު ޖޭމްސް ކޯމޭ ވިދާޅުވީކޮންގްރެސްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމެރިކާއިން އިރާގުގައި ހަރަކާތްތެރިވަމުން އަންނަ އައިއެސް ހަނގުރާމަވެރިންނާއި ދެކޮޅަށް ވައިގެ މަގުން ހަމަލާދޭން ފެށި ފަހުން އައިއެސްއަށް އޮތް ތާއީދު ބޮޑު ކަމަށެވެ.
އައިއެސް ހަނގުރާމަވެރިން މުޅި ދުނިޔެއަށް ބިރު ދައްކަމުން އަންނަ ކަމަށާއި އައިއެސް އާޢި ގުޅެން ބޭނުންވާ މީހުން ހޯދައި އެމީހުން ތަމްރީނުކޮށް ހަނގުރާމައިގައި ބައިވެރިކުރުވަމުންދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި އައިއެސްއިން ބޭނުންވަނީ އެމީހުންނާއި ގުޅޭނެ މީހުން ގިނަ ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އައިއެސްއިން ސޯޝަލް މީޑިއާގައި ތަފާތު ހަރަކާތްތައް ހިންގާ އެމެރިކާގެ ރައްޔިތުން އެމީހުންގެ މަގަށް އަޅުވައިގެން އެމެރިކާއަށް ހަމަލަދިނުމަށް ރާވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އައިއެސްއިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދާ ދިއުމާއި އިންޓަނެޓުގައި އެމީހުންނަށް ލިބޭ ތާއީދު ވެސް ވަނީ އިތުރުވެފައި އެމެރިކާއިން އިރާގަށް ވައިގެ ހަމަލާތައް ދޭން ފެށި ފަހުން." ޖޭމްސް ކޯމޭ ވިދާޅުވި އެވެ.
ކޯމޭ އިތުރަށް ވިދާޅުވީ އައިއެސްއިން މެރިކާގެ ނޫސްވެރިޔާ ޖޭމްސް ފޯލޭ އާއި ސްޓީވަން ސްޓޮލޮޕްގެ ކަރު ބުރިކޮށްލާ ވީޑިއޯތަކާއި އެހެނިހެން ވީޑިއޯތައް އާންމުކުރަނީ މީހުންގެ ސަމާލުކަން ހޯދުމަށާއި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށެވެ.
އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި ވަގު ބާޒާރުގައި ތެޔޮ ވިއްކައިގެންނާއި ވައްކަންކޮށްގެންނާއި ޖިޒީގެ ގޮތުގައި ދުވާލެއްގެ މައްޗަށް އެއް މިލިއަން އެމެރިކާ ޑޮލަރު އައިއެސް އިން ހޯދައެވެ.
އިރާގުގައި ހަނގުރާމަކުރަމުންދާ އައިއެސް ޖަމާއަތުން ވަނީ މިއަހަރުގެ ޖޫންމަހު އިސްލާމީ ހިލާފަތެއް ގާއިމުކޮށް އެ ޚިލާފަތުގެ ޙަލީފާއެއްގެ ގޮތުގައި އަބޫ ބަކުރު އަލް ބަޣްދާދީ ކަނޑައަޅާފަ އެވެ.
އައިއެސް އިން އިއުލާން ކުރި ޚިލާފަތުގެ ބާރުގެ ދަށުގައި އިރާޤުގެ ދިޔަލަ ޕްރޮވިންސުން ފެށިގެން ސީރިއާގެ ހަލަބު އާއި ހަމައަށް ހުރި ހުރިހާ ސިޓީއެއް ހިމެނޭ ކަމަށް އައިއެސް އިން ބުނެއެވެ.
އައިއެސްއިން އިރާގާއި ސީރިއާގެ ބޮޑު ބައެއް ހިފާފައިވާއިރު އެމެރިކާ އިސްވެ އޮވެ 30 ގައުމެއް ގުޅިގެން  އައިއެސް އާއި ދެކޮޅަށް މަސައްކަތް ކުރަން ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ