ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ހުންނެވީ ގުޅިފައިވާ ޕާޓީތަކާއި އެކު ވަރަށް ސާބިތުކަންމަތީގައި ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީން މިހެން ބުނެފައި މިވަނީ އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިނުވެ ސަރުކާރާއި އެކު ކުރިއަށް ދާން ގާސިމް އިބްރާހިމް ނިންމަވައިފި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ސަރުކާރަށް ތާއީދުކުރާ ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެންނެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަކީ އެމަނިކުފާނުވެވަޑައިގަންނަވާ ވައުދުގެ މަތީގައި ސާބިތުވެ ހުންނަވާނެ ބޭފުޅެއް ކަމަށެވެ.
ގާސިމް އިބްރާހީމަކީ ދިވެހި ގައުމާއި ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް އިސްލާހީ މަސައްކަތުގައި އަބަދުވެސް އިޚްލާސްތެރިކަން ދައްކަވާނެ ބޭފުޅެއް ކަން ފާހަަގަކުރައްވަމުން ސަމީރު ވިދާޅުވީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ގާސިމް އިބްރާހީމްގެ އަގުވައްޓާލުމުގެ ގޮތުން ދޭތެރެދޭތެރެއިން ދައްކަމުން ގެންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެެއް ނެތް ފިތުނަވެރި ވާހަކަތަކެއް ކަމަށެވެ.
ސަމީރު ވިދާޅުވީ ގާސިމް އިބްރާހީމް ދިވެހި ރައްޔިތުންނާ މިވަގުތު ކިތަންމެ ދުރުގައި ހުންނެވި ނަމަވެސް އިސްލާހީ މަސައްކަތުގައި މިވަގުތު ވެސް އެމަނިކުފާނު ބުރަމަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވާ ކަމަށެވެ. ގާސިމް އިބްރާހީމް ސަރުކާރާ ގުޅިވަޑައިގެންފި ކަމަށް ބުނެ ތަފާތު ވާހަކަތައް ދައްކަނީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ބައިބައިވުން އުފައްދަން ކަމަށާއި ނަމަވެސް އެކަމުގައި ސަރުކާރަށް ލިބޭނެ ކާމިޔާބެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ މިދަނޑިވަޅުގައި އިދިކޮޅު އިސްލީޑަރުންނާއި ގުޅޭގޮތުން ހާއްސަކޮށް ގާސިމް އިބްރާހިމަށް އަމާޒުކޮށްގެން ފިތުނަ އުފައްދަން ވަރަށް ގިނަ ވާހަކަތަކާއި ވަރަށް ގިނަ މައްސަލަތައް ފެންމަތިކުރާނެ ކަމަށެވެ. އެފަދަ ވާހަކަތަކަށް ގުޅިފައިވާ ޕާޓީތަކުގެ އާންމު މެންބަރުން ސަމާލުކަން ނުދެއްވުމަށް އިލްތިމާސްކުރައްވަމުން ސަމީރު ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުގެ ހަތަރު ލީޑަރުން އެކުގައި ކުރިއަށް ވަޑައިގަތުމަށް ސޮއި ކުރެއްވި އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތުގައި ގާސިމް އިބްރާހީމް ސާބިތުވެ އެބަހުންނެވި ކަމަށާއި ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒުގައި ހުއްޓުމެއް ނެތި އިސްލާހީ މަސައްކަތްތައް ކުރިއަަށް ގެންދާ ކަމަށެވެ.
ސަމީރު އިތުރަށް ވިދާޅުވީ މި ވަގުތަކީ ޖޭޕީއާއި އަދި ގުޅިފައިވާ ޕާޓީތަކުން އައު ހިތްވަރަކާއެކު މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި، ގުޅިފައިވާ ޕާޓީތަކުން މަސައްކަތްކުރަމުންދަނީވެސް އެމަގުން ކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ފަތުރާފާނެ ދޮގު މައުލޫމާތަކަށް ރައްޔިތުން ހޭލާ ތިބުމަށްވެސް ސަމީރު ވަނީ އެދިވަޑައިގެންފަ އެވެ.
ގާސިމް އިސްލާހީ މަސައްކަތުގައި ހުންނެވީ ސާބިތުކަމާއެކު: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ