އުއްތަމަ ފަނޑިޔާރުގެ ޖަވާބު ހޯދަން އިދިކޮޅު ސިޔާސީ ބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގެންފި

އުއްތަމަފަނޑިޔާރާ ބައްދަލުކުރެއްވުމަށް އިދިކޮޅު ސިޔާސީ ބޭފުޅުން ފޮނުވި ސިޓީއަށް މިހާތަނަށްވެސް ޖަވާބެއް ނުލިބުމުން، އެކަން އޮތްގޮތެއް ބެލުމަށް އިދިކޮޅު ސިޔާސީ ބޭފުޅުން ސުޕްރީމް ކޯޓަށް ވަޑައިގެންފި އެވެ.
މިބޭފުޅުން މިއަދު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްއާ ބައްދަލުކުރުމަށް އެދި ފޮނުވި ސިޓީއަށްވެސް ޖަވާބެއް ނުލިބޭތީ ޕީޖީ އޮފީހަށްވެސް ވަޑައިގެންފައެވެ.
ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިދިޔަ ޖުލައިމަހުގެ 30ވަނަ ދުވަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ބައްދަލުކުރުމަށް އެދި ސިޓީއަކުން ސުޕްރީމް ކޯޓަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި މިހާތަނަށްވެސް އެސިޓީއަށް ޖަވާބެއް ލިބިފައި ނުވާތީ މިއަދު ސުޕްރީމް ކޯޓަށް ވަޑައިގަތީ އެކަމުގައި ޖަވާބެއް ހޯދުމަށް ކަމަށެވެ.
މިއަދު ކޯޓަށް ވަޑައިގަތުމުން އެބޭފުޅުނަށް އަނެއްކާވެސް ފޯނުން ގުޅާލާނެ ކަމަށް ސުޕްރީމް ކޯޓުން ބުނި ކަމަށް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު އާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫނާއި، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީއާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފުގެ އިތުރުން އަދާލަތު ޕާޓިގެ ނައިބު ރައީސް އަލީ ޒާހިރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ