ފުރިހަމަ މިނިވަން ގައުމަކަށް ރާއްޖެވެފައިވާ ކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ 52 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާ ރައީސް މައުމޫން އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައެވެ.
ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ދިވެހި ގައުމިއްޔަތާއި އިސްތިގްލާލަށް ބަހާރުމޫސުން ގެނައި އުފާވެރި ދުވަހެއްކަމަށާ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ހަގީގީ މިނިވަންކަން އަޅުގަނޑުމެންނަށް ލިބުނު ދުވަސްކަމަށެވެ.
ނަމަވެސް މިފަދަ ދުވަހެއްގައި ކޮންމެ ދިވެހިރައްޔިތަކުގެ ވެސް ގަބޫލުކުރައްވަންޖެހޭ ހަގީގަތްތަކެއްވާކަން ފާހަގަކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެއީ ގައުމެއްގެ މިނިވަންކަން ގެއްލިގެންދަނީ ނުވަތަ އަޅުވެތިވަނީ އެހެން ބަޔަކު އެގައުމެއްގެ މައްޗަށް ބާރުގެ ބޭނުންކޮށް ނުވަތަ އެހެންބައެއްގެ އިސްތިއުމާރު އެދައުލަތެއްގެ މައްޗަށް ފޯރުވުމަކުން ނޫންކަމަށެވެ. އެގައުމެއްގެ އެތެރޭގެ ސިޔާސީ ހަމަޖެހުން ގެއްލި، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދުމަކީވެސް މިނިވަންކަން ގެއްލިދާނެ ސަބަބެއްކަމަށާ މިއަދު ދިވެހިރާއްޖޭގެ 52 ވަނަ މިނިވަން ދުވަސް ފާހަގަކުރާއިރު ކޮންމެ ދިވެހިރައްޔިތެއްގެ ހިތުގައި އުފެދޭ ސުވާލަކީ 52 ވަނަ މިނިވަން ދުވަސް ފާހަގަ ކުރާއިރު އަޅުގަނޑުމެން މި މާނަ ކުރާ "މިނިވަންކަން" މި ޤައުމުގައި އެބަ އޮތްތޯ ކުރެވޭ ސުވާލްކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"މިނިވަންކަން ހޯދުމަކީ އެކަމެއްގައި އެތައް ބައެއްގެ ބޮޑެތި ގުރުބާނީތަކަކާއި އެތައްބަޔެއް ހައްގުތަކެއް ޝާމިލްވާ ކަމެކެވެ. މިނިވަންކަން ހޯދުމަށްވުރެ، އެ ލިބުނު މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެކެވެ. ކިތަންމެ ގޮންޖެހުން ބޮޑުނަމަވެސް އެކަމުގެ ޒިންމާއާ މައްސޫލިއްޔަތު އެޅިފައި އޮންނަނީ އެއިރެއްގެ ސަރުކާރެއްގެ ބޮލުގައެވެ. ހަމައެހެންމެ އެ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުންވެސް މަސައްކަތްކުރަން ޖެހެއެވެ. އެއީ އެކަންކުރުމަކީ ދިވެހިރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނު އަސާސީން ދިވެހި ދައުލަތާއި ރައްޔިތުންނަށް ލާޒިމްކޮށްފައިވާ ކަމަކަށްވާތީއެވެ." ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ދިވެހިރައްޔިތުން މި ގައުމުގެ 52 ދެވަނަ މިނިވަން ދުވަހާއި ކުރިމަތިލާއިރު، ގައުމު އޮތީ މާކުރިން މިނިވަން ވެފައިކަަމަށާ މިހާރު ގައުމުގައި ޕޯޗުގީޒުންނެއް އަދި އިނގިރޭސީންނެއްވެސް މިގައުމުގައި ނެތްކަމަށް މައުމޫން ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންނަށް މިނިވަންކަން ލިބިފައިވާ މިންވަރާއިމެދު ސުވާލު ވަނީ އުފެދިފައިކަމަށާ ގާނޫނު އަސާސީގައި ބަޔާންކުރާ ފަދައިން ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އައިސް ދެމިއޮންނަނީ ރައްޔިތުންގެ އަތްމަތީގައި ކަމާއިމެދު މިއަދު ޝައްކު އުފެދިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި މިނިވަން ލިބިދީފައިވޭތޯ މައުމޫން ވަނީ ސުވާލު ކުރައްވާފައެވެ.
"މިނިވަން ދުވަސް ބައްދަލުކުރި އިރު ރައްޔިތުންގެ މަޖިލީހުގައި ވަނީ ތަޅު އެޅުވިފައެވެ. ރައްޔިތުންގެ މަޖިލީހުގައި މިނިވަން ކަމާއިއެކު ވޯޓެއް ނެގުމުގެ ފުރުސަތެއް ނެތެވެ. ގާނޫނުއަސާސީއިން ބާރުލިބިގެން އުފެދިފައިވާ އެއްވެސް މިނިވަން މުއައްސަސާއެއް މިނިވަންކަމާއި އެކު މަސައްކަތް ކުރޭތޯއެވެ. ގާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާލުކުރުމުގެ މިނިވަންކަމެއްވެސް މިއަދަކު ނެތެވެ. ދިވެހިރާއްޖެ އާއި ބޭރުގެ އެކި ގައުމުތަކާއި އޮންނަ ގާތް ރަހުމަތްތެރި ކަމުގެ ގުޅުންވެސް މިއަދު މިވަނީ ހީނަރުވެފައެވެ. އެހެނީ ބޭރުގެ އެކި އެކި ޖަމާއަތްތަކާއި އަދި ބައެއް ގައުމުތަކާއި ޒަމާނުއްސުރެ އޮތް ހާރިޖީ ގުޅުން މިއަދު ވަނީ ކަނޑާލާފައެވެ." ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައެވެ.
"ހަގީގީ މިނިވަންކަމަކީ ސުލްހަމަސަލަސްކަމެވެ. ގައުމުގެ އިޖްތިމާއީ އަދި ފަރުދީ ހަމަޖެހުމެވެ. އަދުލު އިންސާފުގެ ކަށަވަރު ކަމެވެ. މުޖުތަމައުގެ ރައްކާތެރިކަމެވެ. ދިވެހި ލޮބުވެތި ރައްޔިތުންގެ މާލީ ފޯރުންތެރިކަމެވެ. ނަމަވެސް، މިއަދު އަހަރެމެން މިނިވަން ދުވަހެއް ފާހަގަ ކުރަމުންދާއިރު، މިގައުމުގައި އޮތީ އެފަދަ މާހައުލެއް ބާވައެވެ؟ ސިޔާސީ ނުކިޔަމަންތެރިކަމާއި ނުތަނަވަސްކަން އެއްފަރާތްކޮށް ވިސްނާލި ނަމަވެސް، ފުރިހަމަ މިނިވަން ގައުމަކަށް ދިވެހި ޤައުމުވެފައިވާ ކަމަށް ބުނެވޭނެ ޖާގައެއް ނެތޭ ދެންނެވިދާނެއެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ދިވެހި ގައުމާއި ބައްދަލުކުރި މި މިނިވަންދުވަހަކީ ފުރިހަމަ މިނިވަން ކަމެއްގެ ފެށުން ކަމުގައި ހެދުމަކީ ގައުމުގެ ވެރިކަމުގެ ގަދަރުވެރި ފަރާތްތަކުގެ މައި މަގުސަދަށް ހެދުން ވަރަށް މުހިންމުކަމެކެވެ. ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމުގެ ގޮތުން ރައްޔިތުންނަށް އިހްލާސްތެރި، އޯގާތެރި އަދި އިންސާފުވެރި ވެރިކަމެއް ކުރުން ވަރަށް މުހިންމެވެ." މައުމޫންގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ފުރިހަމަ މިނިވަން ގައުމަކަށް ރާއްޖެވެފައިވާ ކަމަށް ބުނެވޭނެ ޖާގައެއް ނެތް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ