ފެނަކައިން ހިދުމަތްދޭ ރަށްތަކުން ކަރަންޓު ކެނޑުން ކުޑަވެއްޖެ

ފެނަކައިން ހިދުމަތްދޭ ރަށްތަކުން ކަރަންޓު ކެނޑުން މިހާރު ވަނީ ބޮޑުތަނުން ކުޑަވެފައި ކަމަށް، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ގާތްގަނޑަކަށް 60 ޖެންސެޓް ރަށްތަކަށް ފޮނުވުނު ކަމަށާއި އަދި މިއަހަރުގެ މިހާތަނަށް 30 އަށް ވުރެ ގިނަ ޖެންސެޓް ރާއްޖޭގެ އެކި ރަށްތަކަށް ފޮނުވާލެވިފައިވާ ކަމަށެވެ.
އަދި ފެނަކައިގެ ތަފާސް ހިސާބުތަކުންނާއި، ބަލާ މިންގަނޑުތަކުން ފެނަކައިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ވެސް ކަރަންޓު ކެނޑުން ނިސްބަތުން މިހާރު ވަރަށް ބޮޑު ތަނުން ކުޑަވެފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
"ފެނަކަ އިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ވެސް ކަރަންޓު ކެނޑުމުގެ ކަންތައްތައް މިއަދަށް ވަނީ ވަރަށް ބޮޑުތަނުން ކުޑަވެފައި" ސައީދު ވިދާޅުވިއެވެ.
ފެނަކައިން ދެމުންދާ ހިދުމަތަކީ ވަރަށް އަސާސީ ހިދުމަތެއް ކަމަށާއި އެހެންކަމުން ކޮވިޑް-19 ގެ ހާލަތުގައި ވެސް ފެނަކައިގެ އަމާޒަކަށްވީ މެދުކެނޑުމެއް ނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި އިންތިޒާމުތައް ވަރަށް ހަރުދަނާ ގޮތެއްގައި ރާވައިގެން ތަރުތީބުކޮށްގެން ކުރިއަށް ގެންދިޔުން ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އަދި ފެނަކައިގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ވަރަށް މަލްޓިސްކިލް މުވައްޒަފުންތަކެއް ކަމަށާއި އެގޮތުން ފްރަންޓްލައިނުގައި މިހާރުވެސް ފެނަކައިގެ 350 މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން މާލެ ކައިރީ ސަރަހައްދުތަކުގައި އެކި މަސައްކަތުގައި ފެނަކައިގެ 80 ވަރަށް މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ދެމުންދާ އަސީސީ ހައްޤުތައް ފޯރުކޮށްދިނުން" ސައީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ