ކައުންސިލްތަކާއި ރައްޔިތުން "އުތެމަ" ބަޔާނާ ދެކޮޅަށް ނިކުތުމަށް ގޮވާލައިފި

މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އެފަދަ ޢަމަލުތަކަށް ޤާނޫނީ ބާރުތައް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކުރާ މަސައްކަތްތައް ފާޅުކޮށް ފެންނަންހުރި ބަޔާނެއް “އުތެމަ” ޖަމްޢިއްޔާއިން ނެރެފައިވާ ކަމަށާއި، އެޖަމްޢިއްޔާއާއި އެކަމުގައި ބައިވެރިވެފައިވާ ފަރާތަކުގެ އެ ޢަމަލުތަކަށް އިންކާރުކޮށް އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށް ޢިލްމް ވެރިންގެ ގުޅުމުން ބުނެފިއެވެ.
ޢިލްމް ވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “އުތެމަ” ޖަމްޢިއްޔާ ނިވާފަތްގަނޑެއްކަމުގައި ހަދައިގެން ތިބެ، “އެމްޑީއެން” އިން ނެރެފައިވާ ރިޕޯޓަށް ތާއީދުކުރާކަން ހާމަކުރުމުގެ އިތުރުން، “އެމްޑީއެން”ގެ އެ ރިޕޯޓުގައިވެސް ހިމަނާފައިވާ ފަދަ، އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނާވެސް ޚިލާފު އެތައް ކަމެއް ހިމަނައިގެން، މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އެފަދަ ޢަމަލުތަކަށް ޤާނޫނީ ބާރުތައް ހޯދައިދިނުމަށް މަގުފަހިކުރުމަށް ކުރާ މަސައްކަތްތައް ފާޅުކޮށް ފެންނަންހުރި ބަޔާނެއް ނެރެފައިވާތީ، އުތެމައާއި އެކަމުގައި ބައިވެރިވެފައިވާ ފަރާތަކުގެ އެ ޢަމަލުތަކަށް އިންކާރުކޮށް އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އެފަދަ ޢަމަލުތަކަކީ ނުރަނގަޅު ކަންތައްތަކެއް ކުރުވައިގެން، ދިވެހި ރައްޔިތުންގެ ފުށުން ނުރަނގަޅު ނަތީޖާއެއް ޙާޞިލުކުރުމަށް އެފަދަ ފަރާތްތަކުން ހިންގާ މަކަރުވެރި ޖަރީމާތަކަކަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޢިލްމް ވެރިންގެ ގުޅުމުގެ ބަޔާނުގައި ވެއެވެ.
”މިފަދަ ވަގުތު ތަކުގައި ހުރިހައި ޢިލްމުވެރިންނާއި ދިވެހި ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ކުރިންވެސް ޘާބިތުކަން ދެއްކެވި އުޞޫލުން، އެންމެހާ ޢިލްމުވެރިންނާއި ތިޔަ ލޮބުވެތި ރައްޔިތުން ޘާބިތުކަން މަތީ ތިއްބެވުމަށާއި ވިސްނުންތެރިކަމާއި ރޭވުންތެރިކަމާއެކުގައި، ޝަރުއީ އަދި ޤާނޫނީ އިމުގެ ތެރެއިން ހަރުދަނާ ފިޔަވަޅެއްނޫނީ ނޭޅުއްވުމަށާއި، ލާދީނީ ޢަމަލުތަކާ ދެކޮޅަށް ވިސްނުންތެރިކަމާއެކު ތިޔަ ބޭފުޅުންނަށް ވެސް އެޅުއްވެން ހުރި ހުރިހައި ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް، އިލްތިމާސް ކުރަމެވެ. އަދި މިފަދަ ކަންކަމާ ގުޅިގެން މިހާތަނަށް ޢިލްމުވެރިންގެ ފަރާތުން ކޮށްފައިވާ ކަންކަމާއި އަދި ކުރަމުން ގެންދާ ކަންކަމުގެ އިތުރުންވެސް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން އިތުރަށް ދެން ކުރެވެންހުރި އަދި ކުރަންޖެހޭ ކަންކަން ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމުގެ ޔަޤީންކަމާއި، މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެފަރާތްތަކަށް ބާރު އެޅުމުގެ ގޮތުން ކުރެވެން ހުރި ކަންކަން ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.” އެ ބަޔާނުގައި ބުނެފައިވެއެވެ
” އަދި މިފަދަ ދަނޑިވަޅެއްގައި ކައުންސިލުގެ އިދާރާތައް ފަދަ ދައުލަތުގެ ބައެއް މުއައްސަސާތަކުން އަމިއްލައަށް އިސް ނަންގަވައި ލާދީނީ އަމަލުތައް ކުށްވެރި ކުރައްވައި ބަޔާން ނެރުއްވަމުން ގެންދެވުމަކީ، އިސްލާމްދީނުގެ ދިފާޢުގައި ދިވެހިރާއްޖޭގެ ރައްޔިތުން ސާބިތުކަމާއެކު ތިބިކަން، މިފަދަ ޖަރީމާތައް ހިންގުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހާމަވެ، އެފަރާތްތަކަށް މާޔޫސްކަން ލިބިގެންދާނެކަމެއްކަމަށް ވާތީ، ދީނަށް ނަޞްރު ދިނުމުގައި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުންނާއި އެމުއައްސަސާތަކުގެ ވެރިންވެސް އެކަމުން ހިތްވަރާއި ނަމޫނާ ލިބިވަޑައިގެން އެކަންކަން ކުރިޔަށް ގެންދެވުމަށް އިލްތިމާސްކުރަމެވެ.” އިތުރަށް އެބަޔާނުގައި ބުނެފައި ވެއެވެ.
އެބަޔާނުގައި އިތުރަށް ބުނެފައި ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައި، ކައު އިތުރު ނަބިއްޔާ މުޙައްމަދުގެ ފާނު މެދުވެރިކުރައްވައި ބާވައިލެއްވި އިސްލާމީ ޝަރީޢަތުގައި އަޅުތަކުންގެ މައްޗަށް އެއްވެސް އަނިޔާވެރިކަމެއް ނުވާކަމަށެވެ. އަދި އެއީ ހެޔޮ ނިޔަތެއްގައި ޢަދުލުވެރި ބަހެއް ބުނި ކޮންމެ ޣައިރު މުސްލިމަކުވެސް އިޤުރާރުވާ ކަމެއް ކަމަށް އެބަޔާނުގައި ވެއެވެ. އަދި އިސްލާމް ދީނުގެ ޢަދުއްވުންގެ ތެރެއިން ވެސް މަދު ބަޔަކު މެނުވީ އެކަމަށް ހެކިވާކަމަށާއި، ޙައްގެއް ބާޠިލެއް ބެލުމެއްނެތި މާއްދިއްޔަތަށް ލެނބި، ޢަދުލުވެރިކަމުން އެއްކިބާވެ ބޮޑާކަމާއި އަނިޔާވެރިކަމުގައި ޙައްދު ފަހަނައަޅާފައިވާ ޙަސަދަވެރިޔަކު ފިޔަވައި އެނޫން ގޮތަކަށް މިހާތަނަށް ބުނެފައި ނުވާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
” އިސްލާމީ ޝަރީޢަތުގެ މަތިވެރި އަލިކަން ދިވެހިންނަށް ލިބުނީއްސުރެ، މިޖީލާ ހަމައަށް ރައްކާތެރިކަމާއެކު އިސްލާމީ ދަންމަރު ފޯރުކޮށްދެއްވުމަށް އިސްލާމްދީނުގެ ޙައްޤުގައި ދިވެހި ކާބަފައިން ވަނީ އަގުހުރި އެތައް ޤުރުބާނީތަކެއް ވެވަޑައިގެން އެމަގުގައި އެތައްބޭފުޅުންނެއް ޖިހާދުކުރައްވައި ޝަހީދުވެވަޑައިގެންފައެވެ. ﷲގެ އިރާދަފުޅާ މިންވަރުފުޅުން އަޅުގަނޑުމެންނާ ހަމައަށް މަތިވެރި އިސްލާމީ ހިދާޔަތު ފޯރާފައިވަނީ ކާބަފައިންގެ އެ މަތިވެރި ޤުރުބާނީތަކާވެސް އެކުގައެވެ.” އެބަޔާނުގައި ބުނެފައި ވެއެވެ.
ޢިލްމުވެރިންގެ ގުޅުމުން ބުނެފައި ވަނީ އަބަދުވެސް ދީނުގެ މަތިވެރި އުޞޫލުތައް ދިވެހިބިމުން ފުހެލުމަށް މަސައްކަތްކުރާ ބަޔަކު، ބޭރުންނާއި އެތެރެއިން ތަފާތު ޙަމަލާތައް މެދުނުކެނޑި ދެމުން ދާކަންވެސް ފެންނަން އޮތް ކަމަށެވެ.
” އެގޮތުން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ނަމުގައި ބަޔަކު ހިންގާފައިވާ ދީނަށް ފުރައްސާރަކުރުމުގެ ޖަރީމާތަކާއި ދެކޮޅަށް، މާތް ﷲ ގެ ވާގިފުޅާއެކު ދިވެހި ލޮބުވެތި ރައްޔިތުންގެ ބުރަ މަސައްކަތާއި ކެނޑިނޭޅި ކުރި އިހުތިޖާޖުތަކުގެ ސަބަބުން ދިވެހި ސަރުކާރުން އެމް.ޑީ.އެން އުވާލަން ނިންމި ނިންމުމަކީ މުހިއްމު އިބްތިދާއީ ފިޔަވަޅެކެވެ. އަދި އެއީ ދިވެހި ރައްޔިތުން އިސްލާމްދީނުގެ ދިފާޢުގައި ކުރެއްވި ބުރަ މަސައްކަތުގެ މޭވާއެއްގެ ގޮތުން މާތްﷲ މިންވަރު ކޮށްދެއްވި މަތިވެރިކާމިޔާބީއެއްވެސް މެއެވެ.” ޢިލްމުވެރިންގެ ގުޅުމުން ބުނެފައި ވެއެވެ.
ޤާނޫނީ ޝަޚްސެއްގެ ނަން ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ބަޔަކަށް ހިންގޭނޭ އެންމެ ބޮޑު ޖަރީމާ ހިންގި ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ކުރަންޖެހޭ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގޮސް ހުއްޓިފައި އޮތްކަމަށާއި، ކަމާބެހޭ އެއްވެސް އަދާހަމަކުރުމެއް ރައްޔިތުންނާއި ހަމަޔަށް ފޯރާދީފައި ނެތުމަކީ، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ކުރިމަތީގައި ކަމާ ބެހޭ މުއައްސަސާތައް ބަލިކަށިވެ ނިކަމެތިވެފައިވާ ކަމުގެ ތުހުމަތުކުރުމަށް ދެވޭ ފުރުސަތެއްކަމަށް އެބަޔާނުގައި ވެއެވެ.
ޢިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައި ބުނެފައި ވަނީ އެފަދަ ކަންކަން އެހެން ހިނގަމުން ދިއުމުގެ ސަބަބުން، އެފަދަ ނޭއްގާނީ ޢަމަލުތައް ހިންގާ ފަރާތްތަކަށް ހިތްވަރު ލިބި، ތަކުރާރުކޮށް އެފަދަ އިތުރު ޖަރީމާތަކަށް އަރައިގަންނަމުންދާ މަންޒަރު ފެންނަމުންދާއިރު އެކަން އެގޮތަށް ދޫކޮށްލެވިފައި އޮތުމަކީ އިސްލާމީ ވިންދެއްޖަހާ ހިތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޢިލްމުވެރިންގެ ގުޅުމަކީ ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ނިސްބަތްވެ ވަޑައިގަންނަވާ ޖަމާއަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ