ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ކުރީގެ ރައީސް އަބްރަހަމް ލިންކަން ހޯއްދެވި ނަތީޖާ ހޯއްދަވާނެ ކަމަށް އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ދުނިޔޭގެ ކާމިޔާބު ލީޑަރުންނަކީ ނާކާމިޔާބުގެ ތެރެއިން ކާމިޔާބު ހޯއްދަވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގަތް ނަތީޖާއާ ގުޅިގެން ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރެއްވުމަށް އެއްވެސް ޖެހިލުމެއް ނެތް ކަމަށެވެ. 2008ގެ ރިޔާސީ އިންތިޚާބުގައި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ)ގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވާ އުމަރު ނަސީރަށް ލިބިވަޑައިގަތީ 2472 ވޯޓެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ވިދާޅުވީ ސިޔާސީ މީހުންނަށް ދިމާވާ ނާކާމިޔާބީގައި ފަހަތަށް ޖެހެން ނުވާނެ ކަމަށާއި ފަހަތަށް ޖެހޭ މީހުން ވާނީ ފެއިލް ކަމަށެވެ. އެމެރިކާގެ އެންމެ ވަރުގަދަ ރައީސަކީ އަބްރަހަމް ލިންކަން ކަމާއި، ރައީސްކަމުގެ މަގާމަށް ތިން ފަހަރު ވާދަކުރައްވައި، އެމުއްދަތުގެ ތެރޭގައި ކޮންގްރެސްއަށް ވެސް ދެފަހަރު އޭނަ ވާދަކުރެއްވިކަން އުމަރު ފާހަގަކުރެއްވިއެވެ. އުމަރު ވިދާޅުވީ ޖެހިޖެހިގެން ޖުމްލަ ފަސް އިންތިޚާބުން ނާކާމިޔާބު ވުމުން ވެސް ފަހަތަށް ޖެހިވަޑައިނުގެން ސާބިތުކަމާއެކު ކުރިއަށް ވަޑައިގަތުމުގެ ނަތީޖާއަކީ އެމެރިކާ ދުށް އެންމެ ވަރުގަދަ ރައީސަކަށް އޭނަ ވެވަޑައިގަތުން ކަމަށެވެ. އެހެންކަމުން އަބްރަހަމް ލިންކަން ފަދައިން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑަށް ރިޔާސީ އިންތިޚާބުގައި ނާކާމިޔާބުވީ އަށް އަހަރު ކުރިން އިނގޭތޯ. އޭގެ ފަހުން ވަރަށް ދިގު މުއްދަތެއް ފާއިތުވެއްޖެ. އަށް އަހަރުތެރޭ ވަރަށް ގިނަ މަސައްކަތް ސިޔާސީ މައިދާނުގައި ކޮށްފިން. އެކަމަކު ބަދަލުނުވާ އެކައްޗެއް އެބައޮތް. އެއީ އަޅުގަނޑު ގަބޫލުކުރާ ހަމަތައް. އެދުވަހުވެސް ހިފެހެއްޓި ހަމަތަކުގައި މިއަދުވެސް ހިފަހައްޓައިގެން މިހުރީ. އެހެންވީމަ މީގެ އަށް އަހަރު ކުރީގެ ރިޒަލްޓެއް ނޫން މިއަދު ނިކުންނާނީ. އަބްރަހަމް ލިންކަން ނެރުނު ނަތީޖާ އިރާދަކުރެއްވިއްޔާ މިފަހަރު ނެރޭނަން" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ 2008ގައި ވޯޓުލީ މީހުންގެ 1.5 ޕަސެންޓު ލިބިވަޑައިގެންފައިވާއިރު، އެއީ އޭނަ ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތް ތަނާ ބޭއްވި އިންތިޚާބެއް ކަމަށެވެ. އެދުވަހުގެ ސިޔާސީ މާހައުލާއި، އެދުވަހު ރައްޔިތުން ދެކޭގޮތާއި، މިއަދުގެ ހާލަތު ވަރަށް ތަފާތު ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ވޭތުވެދިޔަ އަށް އަހަރުތެރޭ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގި ބޮޑެތި ހުރިހާ ކަމެއްގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ އޭނަ ކަމަށެވެ. އަދި ސިޔާސީ އިސްމަގާމުތަކެއް ވެސް ފުއްރުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
އުމަރު ވަނީ ޑީއާރުޕީގެ ނާއިބުރައީސްކަން ކުރައްވާފައެވެ. އަދި ޕީޕީއެމް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، ޕީޕީއެމްގެ ނާއިބުރައީސްގެ މަގާމުގެ ވެސް ފުރުއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަން ނިންމަން ކުރި މަސައްކަތުގައި އެންމެ ބޮޑު ދައުރެއް ކުޅުއްވި އެެއް ބޭފުޅަކީވެސް އުމަރެވެ. މީގެ އިތުރަށް ދައުލަތުގެ އެންމެ އިސް އެއް މަގާމު ކަމުގައިވާ ހޯމް މިނިސްޓަރުކަން ވެސް އޭނަ ވަނީ ކުރައްވާފައެވެ.
އުމަރު ވިދާޅުވީ އަށް އަހަރު ކުރިން ރިޔާސީ އިންތިޚާބަށް ނިކުމެވަޑައިގަތީ މެސެޖު ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށާއި އެދުވަހުން ފެށިގެން، ގަބޫލުކުރައްވާ ހަމަތަކާއި ސިފަތައް ރައްޔިތުންނަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ. އެއްމެސެޖެއް އެއްގޮތަކަށް ދެއްވަމުން ގެންދެވުމުން މިއަދު ރައްޔިތުން ދެކޭގޮތް ވެސް ބަދަލުވެ ތާއީދު ބޮޑުވެފައިވާ ކަމަށް އުމަރު ގަބޫލުފުޅު ކުރައްވައެވެ. އެހެންކަމުން ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވެންވީ ސަބަބެއް ނެތް ކަމަށާއި އިންތިޚާބު އަންނައިރު ފަހަތްޕުޅުގައި ވަރަށް ފުޅާ ކޯލިޝަނެއް އޮންނާނެ ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
އަބްރަހަމް ލިންކަން ނެރުއްވި ނަތީޖާ ނެރޭނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ