ޢިއްޒުއްދީން ސްކޫލަށް ނުދާން ޢަރަބިއްޔާ ސްކޫލް ބެލެނިވެރިން ނިންމައިފި

ޢިއްޒުއްދީން ސްކޫލާ ޝެއަރ ކުރާގޮތަށް ޢަރަބިއްޔާ ސްކޫލުގެ ކުދިން ނުފޮނުވާން އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ނިންމައިފިއެވެ.
އެ ސްކޫލުގެ ބެލެނިވެރިން މިގޮތަށް ނިންމީ، އަންނަ އަހަރު ޢަރަބިއްޔާ ސްކޫލް، އިންގްލިޝް މީޑިއަމް ސްކޫލަކާ (ޢިއްޒުއްދީން ސްކޫލާ) އެއްކޮށްލަން މަޝްވަރާ ކުރަމުންދާ ކަމަށް ބުނާ ވަގުތެއްގައެވެ.
އަރަބިއްޔާ ސްކޫލުގައި ރޭ ބޭއްވުނު ބެލެނިވެރިންގެ ބައްދަލުވުމުގައި ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ބެލެނިވެރިން ވަނީ މިއީ ޢަރަބި އިސްލާމީ ތަޢުލީމު ނައްތާލަން ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށާއި ޢިއްޒުއްދީނަކީ މިހާރުވެސް 200 ދަރިވަރުން ކިޔަވާމުންދާ އިންގްލިޝް މީޑިއަމް ސްކޫލެއްކަން ފާހަގަކޮށްފައެވެ.
އަދި އިންގްލިޝް މީޑިއަމް ސްކޫލެއް ހިންގަމުން ދަނިކޮށް، ޢަރަބި މީޑިއަމް ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުން ވަދެ، ދަރިވަރުންނަށް ކިޔަވައިދޭން އުޅުމަކީ ކުކުޅު ކޮށްޓެއްގެ ތެރެއަށް ދަނޑިބޭނުން ކަހަލަ ކަމެއްގެ ގޮތުގައިވެސް ބެލެނިވެރިން ވަނީ ސިފަކޮށްފައެވެ.
މިކަން މިގޮތަށް މިރާވަނީ ކުޑަޖާގައެއްގައި ގިނަދުވަހު ތިބެންޖެހި، ޕްލޭ ގްރައުންޑާއި، ލެބްފަދަ އެތައް ވަސީލަތަކުން ދަރިން މަޙްރޫމްވެ، ދެޖިންސްގެ ކުދިން މަސްހުނިވެ، ކުދިންގެ ކިޔެވުން ގެއްލި، ބެލެނިވެރިން މާޔޫސްވެ، ދަރިން ސްކޫލުން ކަނޑައިގެން ގެންދިއުމަށް މަގުފަހި ކުރުމަށް ކަމަށްވެސް ބެލެނިވެރިން ބުނެއެވެ.
ބެލެނިވެރިން މިހާރު ބޭނުންވަނީ ކުރީގެ ނާދީ ހުރިތަނުގަ ޢަރަބިއްޔާގެ އައު ޢިމާރާތެއް ސަރުކާރުން އަޅައިދިނުމަށެވެ.
ހިރިޔާ ސްކޫލް ކައިރީ އޮތް ހުސްބިމާއި، އެނޫންވެސް ހުސް ބިންތައް މާލޭގައި އެބަހުރިކަން ބެލެނިވެރިން ފާހަގަކުރެއެވެ.
ރޭގެ ބައްދަލުވުމުގައި ބެލެނިވެރިން ވަނީ ޢިއްޒުއްދީން ޝެއަރ ކުރާގޮތަށް ނުދާން ނިންމާފައެވެ.
އަަރަބިއްޔާ ސްކޫލުގެ ހާލަތު ގޯހުން ގޯހަށް ގޮސްފަވާއިރު އެސްކޫލުން ދަރިވަރުން ނެރޭނީ ދަރިވަރުންނަށް ނުރައްކާވާ ހާލަތަށް ދިއުމުން ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.
އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި އެމިނިސްޓްރީ އާއި ސަރުކާރުންވެސް ވަރަށް ކަންބޮޑުވާ ކަމަށާއި އެސްކޫލް ހުޅުވުނީ 2013 ގައި ކަމަށެވެ. އެހެންކަމުން އެސްކޫލަށް އަދި މާ ގިނަދުވަސް ނުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެ ސްކޫލްގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އަދި އެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި ވަގުތުން ވަގުތަށް ކުރަންޖެހޭ މަރާމާތުތައް ދެނެގަތުމަށް ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދަންޖެހޭ ކަމަށް އިސްޕެކްޝަން ރިޕޯޓުން ދައްކާތީ އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ