ޕީޕީއެމްގެ ހުށަހެޅުމަށް މިއަދު ޖަވާބުދޭނެ: މައުމޫން

ގައުމު އަޅުވެތިކަމުން ސަލާމަތް ކުރުމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި - ދިވެހީން" ކެމްޕެއިނާއި ގުޅުމުގެ ދައުވަތު ދީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފޮނުއްވި ސިޓީއަށް މިއަދު ޖަވާބު ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ މި ދައުވަތު އެމްއާރްއެމްގެ އިތުުރުން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭ އާއި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް އިއްޔެ ވަނީ ފޮނުވާފަ އެވެ.
އެކަމާއި ގުޅޭގޮތުން އަވަސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެ ސިޓީއާ ގުޅިގެން ޕާޓީގެ އިސް ބައެއް ބޭފުޅުންގެ މަޝްވަރާ ހޯއްދަވާފައިވާ ކަމަށެވެ. އަދި ސިޓީގެ ޖަވާބު މިއަދުގެ ވަގުތެއްގައި ދެއްވާނެ ކަމަށެވެ.
ރަައީސް މައުމޫނަކީ ޕީޕީއެމް އުފެއްދެވި އެ ޕާޓީގެ ބާނީ އެވެ. އަދި އެ ޕާޓީގެ ފުރަތަމަ އިންތިހާބީ ރައީސެވެ. ރަައީސް ޔާމީނާއި ރައީސް މައުމޫންގެ ގުޅުން ގޯސްވެފައި ވަނިކޮށް ކޯޓް މެދުވެރިކޮށް ޕީޕީއެމްގެ ކޮންޓްރޯލް ރައީސް ޔާމީން ހޯއްދެވި އެވެ. އަދި އެމަނިކުފާނުގެ ވަފާތެރި މެންބަރުން މެދުވެރިކޮށް ރައީސް މައުމޫން ޕާޓީން ވަކިކުރެއްވި އެވެ. އެމްއާރްއެމް އިސްލާހީ ހަރަކާތެއްގެ ގޮތުގައި ފެށި ފަހުން ސިޔާސީ ޕާޓީއަކަށް ބަދަލުކުރެއްވީ އެކަމާއި ގުޅިގެންނެވެ.
ޕީޕީއެމްގެ ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން ތިން ޕާޓީއަކީ މި ސަރުކާރު ކޯލިޝަން އޮތް ޕާޓީތަކެވެ. އެ ޕާޓީތަކުގެ ލީޑަރުންނަކީ ކޯލިޝަން ޕާޓަރުންނެވެ. އެއީ އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އަދާލަތު ޕާޓީގެ ރަައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މިއީ ސަރުކާރާ "ތޮޅެން" ވީ ވަގުތު ނޫން ކަމަށެވެ. ކޮވިޑްގެ ސަބަބުން ގައުމުގެ ހުރިހާ ދިމާއަކަށް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށާ މިއީ އެކުގައި ތިބެ ގެއްލުނު ކަންކަން ހޯދަންވީ ވަގުތު ކަމަށެވެ.
ގާސިމް ވަނީ ސަރުކާރުގައި އޮތް ނަމަވެސް ޖުމްހޫރީ ޕާޓީއާ އެކު ވެވުނު އެއްބަސްވުމުގައިވާ ގޮތަށް ކަންކަން ހިނގަމުން ނުދާ ކަމަށްވެސް ވިދާޅުވެފަ އެވެ. އެކަން އެހެން އޮތް ނަމަވެސް ސަރުކާރާ ދެކޮޅުވެ މަސައްކަތް ކުރުމުގެ ޝައުގެެއް އަދި ކުރަން ޖެހޭ ސަބަބެއް ވެސް މިވަގުތު ނެތް ކަމަށް ވިދާޅުވި އެވެ.
ދެން ދައުވަތު ފޮނުވި އެމްޑީއޭ އަކީ 2018ގެ ރިޔާސީ އިންތިހާބާ ހަަމައަށް ރައީސް ޔާމީނާ އެކު އޮތް ޕާޓީ އެކެވެ. އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަކީ 2013 އިން 2018 އަށް ހިނގި ރަައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާ އެންމެ އަރިސް އެކުވެރިޔާ އެވެ. އަދި ކޯލިޝަން ޕާޓްނަރެވެ. ނަމަވެސް އިންތިހާބުގެ ކެމްޕެއިން ފެށުމާއެކު އެމްޑީއޭއިން ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާކަން ހާމަކޮށްފަ އެވެ. ނަމަވެސް ރައީސް ޔާމީނާއި ފެއަށް ޖެހިވަޑައިގެން ރައީސް ސޯލިހަށް ސިޔާސީ ގޮތުން އެހީތެރިިކަން ފޯރުކޮށްދެއްވި ކަމުގެ އަޑުތައް އޮވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ