ބެން އެންޑް ޖެރީއިން އިސްރާއީލަށް އައިސް ކްރީމް ވިއްކުން ހުއްޓާލައިފި، ރައްޔިތުން ތުން ފިއްތާފަ

އައިސްކްރީމް އުފައްދާ ކުންފުނި ”ބެން އެންޑް ޖެރީ“ އިން އިސްރާއީލަށް އައިސް ކްރީމް ވިއްކުން ހުއްޓާލަން ނިންމުމުން އެ ގައުމުގެ ރައްޔިތުން ތުން ފިއްތައިފިއެވެ.
ބެން އެންޑް ޖެރީއިން ނިންމީ އެ ކުންފުނިން އިސްރާއީލަށް އައިސްކްރީމް ވިއްކަން ހަދާފައިވާ އެގްރީމެންޓް 2022 ވަނަ އަހަރުގެ ނިޔަލަށް ހަމަވުމުން، އެ އެގްރީމެންޓު އާ ނުކުރާ ގޮތަށެވެ. މިދިޔަ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި އެ ކުންފުނިން ވަނީ އެކަން އިއުލާން ކޮށްފައެވެ.
އެ ކުންފުނީގެ އެ ނިންމުމާމެދު އިސްރާއީލުގެ ރައްޔިތުން ނުރުހުން ފާޅުކުރަމުން ދަނިކޮށް، އެ ގައުމުގެ ބޮޑު ވަޒީރު ނަފްތަލީ ބެނެޓް ވަނީ އެކަމާ ގުޅޭގޮތުން ބަޔާނެއް ނެރުއްވާފައެވެ. ބެނެޓް ވަނީ އެއީ އެ ކުންފުނިން އިސްރާއީލާ ދެކޮޅަށް ކުރި ”އެންޓި އިސްރާއީލް“ އަމަލެއް ކަމަށް ސިފަކޮށް، ގާނޫނީ ގޮތުން އެކަމަށް އެޅެން ހުރި ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
ބެނެޓް ވިދާޅުވީ، އެއީ އިސްރާއީލުގެ ރައްޔިތުންނަށް ޖެއްސުމަށް ނިންމި ނިންމުމެއް ކަމަށާއި، އިސްރާއީލާ ދެކޮޅަށް އެފަދަ ޒާތީ ފިޔަވަޅުތައް އަޅާ ކޮންްމެ ބަޔަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ބެން އެންޑް ޖެރީ އަކީ ފަހުގެ ތާރީހެއްގައި އިސްރާއީލަށް ހިދުމަތްދިނުން ހުއްޓާލި ބޮޑު ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. އެ ކުންފުނީގެ އިސްރާއީލުގެ ގޮފީގެ ސީއީއޯ ބޭރުގެ މީޑިއާތަކަށް މައުލޫމާޓު ދީފައިވާ ގޮތުގައި، ބެން އެންޑް ޖެރީގެ މައި ކުންފުނިން އިސްރާއީލަށް އައިސްކްރީމް ވިއްކުން ހުއްޓާލުމަށް ޕްރެޝާ ކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. އެހެން ނަމަވެސް މިހާތަނަށް އެކަން ނުވެ އޮތީ އިސްރާއީލުގެ ގާނޫނުތަކާ ފުށުއަރާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ