ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ވޯޓްދީ އިންތިޚާބު ކުރަންޖެހޭ ސަބަބު ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ ޤާސިމް އިބްރާޙިމް ވިދާޅުވެދެއްވައިފިއެވެ.
ކުރިއަށް އޮތް ބައި-އިލެކްޝަންގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަށް ޖުމްހޫރީ ޕާޓީންވެސް ތާއީދުކުރަން ނިންމާފައިވާތީ، އޭނާއަށް ތާއީދު ހޯއްދަވައި ދެއްވުމަށް ކޮމަންޑޫ ދާއިރާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ށ، މަރޮށްޓަށް ވަޑައިގެން ގާސިމް ވިދާޅުވީ، ކުރުކޮށް ދަންނަވާނަމަ މުހައްމަދު ރާޝިދަށް ވޯޓް ދެއްވަންވީ ކޮންމެހެން އެމްޑީޕީގެ ކެންޑިޑޭޓަށް ވީތީ ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ، މިއަދު ވެރިކަމުގައިއޮތީ އެމްޑީޕީ ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓް ހޮވައިދިނުން މުހިންމު ވަނީ އެސަބަބާހުރެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ދެއަހަރު ދުވަހުގެ ތެރޭގައިވެސް ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ޕްރޮޖެކްޓެއް ހިންގޭނީ ދިވެހި ސަރުކާރުގެ ރުހުމާއި ރައީސުލްޖުމްހޫރިއްޔާގެ ލޯތްބާއި އިޚްލާސްތެރިކަން އެރައްޔިތުންނަށް އޮވެގެން ކަމަށެވެ.
މިއަދު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް އިންތިޚާބުވެވަޑައިގަތީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުންކަން ފާހަގަކުރައްވައި ގާސިމް ވަނީ ރައީސް އެދިވަޑައިގަންނަވާ ކެންޑިޑޭޓް ހޮއްވައިވައި ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ގާސިމް ވިދާޅުވީ، އެއިރެއްގަ ހުންނަވާ ރައީސުލްޖުމްހޫރިއްޔާއެއްގެ ރުހުމާއި ލޯބި ލިބިގެންމެނުވީ އެއްވެސް ތަނެއްގައި ޕްރޮޖެކްޓެއް ނުހިނގާނެ ކަމަށެވެ. އަދި ދާއިރާތައް ތަރައްގީވަނީ ރައްޔިތުންގެ މަޖިލީހުގައި ހުންނަ މެމްބަރެއްގެ ޗާޓަކުން ނުވަތަ ޕްލޭނަކުން ނޫން ކަމަށާއި އެކަންކަން ވާނީ ރައީސުލްޖުމްހޫރިއްޔާ ކޮށްދިނުމުން ކަމަށެވެ.
ގާސިމް ވަނީ އޭގެ މިސާލެއްގެ ގޮތުން 2008 ވަނަ އަހަރު ކެމްޕޭންގައި ކޮމަންޑޫ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ހަނދާނަށް ގެންނަވާފައެވެ.
އޭރު ގާސިމް ވައުދުވެވަޑައިގެންނެވީ އަމިއްލަ ޚަރަދުގައި މަތިކޮމަންޑޫ އާއި ދަށުކޮމަންޑޫ ހިއްކައި ދެއްވުމަށެވެ. އަދި އެކަމަށް ސަރުކާރުގެ ހުއްދަ ހޯދުމަށް ގާސިމް އެދިވަޑައިގަތެވެ. ނަމަވެސް ސަރުކާރުން ހުއްދަ ނުދިނުމުން އެެކަން ވާގޮތް ނުވިއެވެ.
ގާސިމް އިބްރާހިމް ހިމެނޭގޮތަށް ޖޭޕީގެ އިސް ބޭފުޅުންގެ ޓީމެއް ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ވަޑައިގަތީ އިއްޔެއެވެ.
ރާޝިދުގެ ކެމްޕެއިނަށް ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފައި ވާއިރު، ޖޭޕީއަށް ނިސްބަތްވެވަޑައި ގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މިފަހުން ރާޝިދުގެ ކެމްޕޭނަށް އެދާއިރާގެ ރަށްތަކަށް ވަޑައިގެންފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ތިން ކެންޑިޑޭޓުންނެވެ. އެއީ ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދުގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސްއެވެ.
ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުއެވެ.
ކޮމަންޑޫ ދާއިރާއަށް ރާޝިދު އިންތިޚާބުކުރަންޖެހޭ ސަބަބު ގާސިމް ވިދާޅުވެދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ