ރައީސް ޔާމީން އާއި އަބްދުﷲ ގާޒީ ބައްދަލުކުރައްވާކަށް ނުޖެހޭ: ރޮޒައިނާ އާދަމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްﷲ މުހައްމަދާއި ދެބޭފުޅުން ބައްދަލުކުރައްވަން ޖެހިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ މީދޫ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެވެ.
ރޮޒައިނާ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް ކޮންމެ ބޭފުޅަކާ ވެސް ބައްދަލުކުރެއްވިދާނެ ކަމަށާއި ނަމަވެސް މީޑިއާ އަށް ފިއްލަވައިގެން އަމިއްލަ ގެކޮޅުގައި ރޭގަނޑުގެ ވަގުތުގައި ފަނޑިޔާރަކާ ބައްލުކުރައްވަންނުޖެހޭ ކަމަށެވެ.
“ފަނޑިޔާރުންގެ މައްސަލައެއް އުޅޭ ނަމަ ނުވަތަ ކްރިމިނަލް ކޯޓުގެ ގާޒީންގެ މައްސަލަތަކެއް އުޅޭ ނަމަ ނުވަތަ ސަރުކާރުން އަދި ފުލުހުން ބޭނުންވާ އަމުރުތައް ކޯޓުން ނެރެނުދިނުން ފަދަ މައްސަލަތައް އުޅޭ ނަމަ އެ މައްސަލަ ހުށަހަޅަންޖެހޭނީ ޖުޑިޝާލް ސާވިސް ކޮމިޝަނަށް، ސީދާ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރާ ބައްދަލުކުރައްވައި އެ ވާހަކަ ދައްކަވަންޖެހޭ ސަބަބެއް ނޯންނާނެ” ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ މިކަމާ މެދު ސުވާލު އުފެދެނީ ކަން ހިނގި ގޮތުން ކަމަށެވެ. އެއީ ބައްދަލުކުރެއްވުމުގެ ކުރިން، ރައީސްގެ ލޯންޗްކޮޅުގައި ހިނގި ހާދިސާ ތަހްޤީގް ކުރުމަށް ފުލުހުން ފާސްކުރަން އެދުނު ތަނެއް ފާސްނުކުރެވުނު ވާހަކަ ދެކެވިފައި ވާއިރު އަދި ރައީސް ޔާމިން އާއި އަބްދުﷲ ގާޒީ ބައްދަލުކުރެއްވުމަށް ފަހު ހާލަތު ބަދަލުވެގެންދިޔަ ކަމަށާއި ފުލުހުން ބޭނުންވި އަމުރު ވެސް ލިބިގެންދިޔަ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރޮޒައިނާ އިތުރަށް ވިދާޅުވީ މިސަރުކާރަކީ ސުޕްރީމް ކޯޓަކުން ގެނައި ސަރުކާރެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު ސިޔާސީ ކަންކަމުގެ ތެރެއަށް ކޯޓުތައް ވަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ކޯޓްތައް ވާން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ