އަވިން ހަކަތަ އުފައްދައިގެން ހއ. އުތީމަށް ކަރަންޓު ފޯރުކޮށްދޭން ފަށައިފި

އަވިން ހަކަތަ އުފައްދައިގެން ހއ. އުތީމަށް ކަރަންޓު ފޯރުކޮށްދޭން ފަށައިފިއެވެ.
އެގޮތުން އުތީމު އިންޖީނުގެއިން ސޯލާ ސިސްޓަމް ބޭނުންކޮށްގެން ކަރަންޓު ފޯރުކޮށްދޭން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 7:20 އިން ފެށިގެންނެވެ. އަދި މިހާރު އެރަށަށް ކަރަންޓު ދެމުންދަނީ ސޯލާ ސިސްޓަމް އިން އުފައްދާ ކަރަންޓު ވެސް ބޭނުންކޮށްގެންނެވެ.
އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން އުތީމު އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރު ހުސެއިން ނަސީރު ވިދާޅުވީ، ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށާ އަދި ޕޮއިސް ޕްރޮޖެކްޓް ސޯލާ ސިސްޓަމްސްގެ ދަށުން ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓް އެއްކޮށް ނިމުމުން 150 ކިލޯވޮޓްގެ ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށެވެ.
އުތީމުގައި މިހާރު ހަރުކުރެވިފައިވާ ސޯލާ ޕެނަލްތަކުން 130 ކިލޯވޮޓްގެ ކަރަންޓު ނަގައިދެމުން އަންނަ ކަމަށް ނަސީރު ވިދާޅުވެއެވެ. އަދި ބާކީ 20 ކިލޯވޮޓްގެ ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި އަންނަ ހަފުތާ ތެރޭގައި އެމަސައްކަތް ނިމޭވަރުވާނެ ކަމަށް ނަސީރު ވިދާޅުވެއެވެ.
މިހާރު ރަށަށް ސޯލާ ޕެނަލްއިން ކަރަންޓު ފޯރުކޮށްދެމުން އަންނަނީ ރަށުގެ ކަރަންޓު ވިއުގައާ ގުޅުވާލައިގެން ކަމަށް ވެސް ނަސީރު ވިދާޅުވެއެވެ. ނަސީރު އިތުރަށް ވިދާޅުވީ އެސޯލާ ޕެނަލްތައް އުތީމުގައި ހަރުކުރެވިގެން ދިއުމާއެކު ދުވާލު ވަގުތު އިންޖީނުތައް ނިއްވާލައިގެން މުޅިރަށަށް ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އާބާދީގައި 960 އެއްހާ މީހުން ދިރިއުޅެމުން އަންނަ އުތީމުގައި ސޯލާ ޕެނަލް ހަރު ކުރުމުގެ މަސައްކަތްކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެންނެވެ.
އުތީމުގެ އިންޖީނުގެ ހިންގަމުންދަނީ ފެނަކަ ކޯޕަރޭޝަންގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ