އަދަދެއް ނުވާ ގިނަ ގުނަ ހުރަސްތައް ކުރިމަތިވެގެން އަޔަކަސް.......

އަދަދެއްނުވާ ގިނަގުނަ ހުރަސްތައް ކުރިމަތިވެގެން އަޔަކަސް
މަދަދާއި ފޮނި އިލްހާމްތައް ފަހެ ނުލިބިދާނޭތޯ
 
މަގުތައް ކޮށެވި އާރަސްތުވެވިގެން އަންނަ ގޮތް ވީމާ
ތަގުދީރުގައި ތިޔަހެން އަތުން ހިފެހެއްޓިދާނެތޯ
އާއެކެވެ. މިއީ މަޝްހޫރު ޅެންވެރިޔާ ހޯރަފުށީ އާދަމް ސަލީމް ހައްދަވައިފައިވާ ޅެމެއްގެ ދެ ޅެންބައިތެވެ. އެ ޝާއިރު މިއަދު އަޅުގަނޑުމެންނާ ވަނީ ވަކިވެވަޑައިގެންފައެވެ. އެހެން ނަމަވެސް ޅެންވެރިކަމުގެ ގުލްޒާރުގައި މި ޅެމުގެ އަޑެއް ހިލައި ފަނޑުވެގެން ގޮސްފައެއްނެތެވެ. އާންމު އުސޫލުން ލިބެން އޮތް ފުރުސަތުތައް ނުފޫޒުން ބަންދުކުރިޔަސް އިތުރު ދޮރުތައް ހުޅުވި އެކަންކަން ހާސިލް ވުމުން މިޅެން ބައިތުތައް އަލުން ދިރިގެން އަންނަނީ މަދެއް ކޮށެއް ނޫނެވެ.
އަޑުއައްސަވާށެވެ. ދިވެހިރާއްޖޭގައި މިވަގުތު އޮތް ސަރުކާރު ގާނޫނީ އިމުގެ ތެރެއިން ބަދަލު ކުރުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބެވެ. އެ އިންތިހާބުގައި ގުޅިފައިވާ ކޯލިޝަނުން ނެރޭނެ ކެންޑިޑޭޓެއްގެ ބަހުސް ދިގުލައިގެން ދިޔުމުގެ އެއް ސަބަބަކަށް ވެގެން ދިޔައީ ގުޅިފައިވާ ކޯލިޝަނުގެ ލީޑަރުން ވަކި ހަމަތަކަކަށް ފައްތައި އޮބެ ހެއްޓުމަށް ކުރެވިފައިވާ މަސައްކަތްތަކަކުން ކަމަށް ގަބޫލުކުރާ ބަޔަކު އެބަތިއްބެވެ. ނޫން ނަމަ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރެވިފައި އޮތުން އެއީ ސަބަބަކަށް ބަލައެވެ. އަދި ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހެއްގެ ސަބަބުން ގާސިމް އިބުރާހިމަށް ކުރިމަތިލެއްވުމަށް އޮތް ފުރުސަތު ބަންދުވެގެން ދިޔުން ވެސް ސަބަބަކަށް ބެލި މީހުން މަދެއް ނޫނެވެ.
ރައީސް ޔާމީނުގެ ވެރިކަމާ ނުރުހި މިގައުމުގައި ތިބި އެތައް ހާސް ބަޔަކަށް މިއަދު ލިބުނު އުންމީދަކީ ކޯލިޝަންގެ ކެންޑިޑޭޓްގެ ގޮތުގައި އިބުރާހިމް މުހައްމަދު ޞާލިހް ހަމަޖެހިގެން ދިޔުމެވެ. މިހާރު އެވަނީ އިލެކްޝަން ކޮމިޝަނުން އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާސް ކޮޅުގައި އޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ. މިހިސާބަށް ދަތުރުކުރި އިރު އެމަނިކުފާނާއެކީ އިސްލާހީ މަސައްކަތަށް ނިކުންނެވި އެތައް ބޭފުޅުންނެއް ތިއްބެވީ ވެސް ޖަލުގައެވެ. ކުރީގެ ރައީސުންނެވެ. މަޖިލިސް މެމްބަރުންނެވެ. މީގެ ތެރޭގައި ޕާޓީއަށް އިހްލާސްތެރި އާންމު މެމްބަރުން ވެސް ހިމެނެއެވެ. ޖުމްލަކޮށް ދަންނަވާނަމަ ނުހައްގުން ޖަލަށް ލެވުނު މީހުންގެ ލިސްޓު އިދިކޮޅުފަރާތްތަކުން ހާމަ ކުރާއިރު ގައުމަށް ވެފައި އޮތް ގޮތް މުޅިން ސާފެވެ. 
އެމަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓްކަން ހަވާލު ކުރެވުނީ އުކުޅަކުގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައެވެ. އެގޮތަށް އެންމެ ފަހު ވަގުތު ނިންމަން ޖެހުނީ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އިންތިހާބު ކުރެވުނު ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު އިލެކްޝަން ކޮމިޝަނުން ބަލައިނުގަނެ އިދިކޮޅު ކެންޑިޑޭޓެއް ނެތި އިންތިހާބަށް ގޮސްފާނެ ކަމުގެ ބިރުވެސް އޮތުމުންނެވެ. ވަގުތު ފާއިތުވުމުގެ ކުރިން ޝަރުތުހަމަވާ އެހެން ކެންޑިޑޭޓެއް އިދިކޮޅުފަރާތްތަކަށް ނުދެއްކިއްޖެ ނަމަ މި ސަރުކާރުގެ ބާރު ކަނޑުވާލަން އޮތް ފުރުސަތު ގެއްލި ހިނގައިދާނެ ކަމަށެވެ.
ރިޔާސީ އިންތިހާބަށް 50 ދުވަހަށް ކައިރިވެފައިވާއިރު ދިމާވި އެތައް ހުރަސްތަކެއް އެބަހުއްޓެވެ. އިންތިހާބަށް ތާއީދު ހޯދުމަށް މަގުމަތީގައި ޕޯސްޓަރު ހިއްޕުމާއި، އެއްވެސް ރަށެއްގައި ތާއީދު ހޯދުމަށް ހާމަ ތަނެއްގައި ޖަލްސާ ބޭއްވުމާ، މާލޭގެ މަގެއްގެ މަތިން ސަފުހަދާފައި ހިނގާލުމަކީ ކުރެވުނު ކަމެއް ނޫނެވެ. އެހެން ނަމަވެސް މިކަންކަން މިވަގުތު ބަދަލުވަމުން މަގުތައް ހުޅުވެމުންދާ މަންޒަރު އެދަނީ ފެންނަމުންނެވެ. އިންތިހާބުގެ މިނިވަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކަށް ނިމުން އައިސްފައި ނުވިޔަސް ކަންކަން ބަދަލުވާ މަންޒަރު އެބަފެނެއެވެ.
ބަދަލުވަމުންދާ މަންޒަރުގެ ސަބަބުން ހައްގުތައް ފުރިހަމައަށް ނުލިބި ޖަލުގެ ކުޑަގޮޅީގެ އަށިމަތީގައި ދިމާ އެއްތެދަށް އެކަނި އޮތް މީހާއާއި، މިނިވަން ކަމާއެކީ ބަސްނުބުނެވި އަނގަ ބަންދުވެފައިވާ މީހާއާއި، ގައުމުގައި އޮތް ކޮރަޕްޝަނަށް ނޫނެކޭ ބުނަން ހިތުގައިލައިގެން އޮތް މީހާ ކުރާ އުންމީދަކީ ގައުމު ހަމަހިމޭން ކަމުގެ ނޭވާއެއްލުމަށް ފުރުސަތު ލިބޭނެ ކަމުގެ އުންމީދެވެ. އާއެކެވެ. ހުރަސްތައް ކުރިމަތިވެއްޖެއެވެ. ކުރެވޭ މަސައްކަތުން އިތުރު ދޮރުތަށް ހުޅުވި އުންމީދު ވެސް މިއަދު ގެނުވައިފިއެވެ.
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ