ވެލިދޫ ކަރަންޓް މައްސަލަ ކުރިއަށް އޮތް ދެ ގަޑިއިރުތެރޭ ހައްލުވާނެ: ފެނަކަ

ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ކުރިއަށް އޮތް ދެގަޑިއިރެއްހާ އިރު ތެރޭގައި ނ. ވެލިދޫ އަށް ކަރަންޓް ފޯރުކޮށްދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ސަން އަށް ވިދާޅުވީ ވެލިދޫ އަށް ކަރަންޓް ފޯރުކޮށްދިނުމަށް ދަތިވެފައި ވަނީ އެރަށަށް ރޯދަ ފެށުމުގެ ކުރިން ގެންދިޔަ 300 ކިލޯ ވޯޓްގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ދިމާވެ ބާކީ ހުރި ކުޑަ ތިން ޖަނަރޭޓަރު ބޭނުންކޮށްގެން ރަށުގެ ކަރަންޓް ލޯޑް ނުހިފެހެއްޓޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރޭގައި އަޅުގަނޑުމެންގެ ޓީމެއް ސާމާނާ އެކު ވެލިދޫ އަށް ދިޔަ. އެބޭފުޅުން މިހާރު ވަނީ އިންޖީނު ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައި. ކުރިޔަށް އޮތް ދެ ގަޑިއިރެއްހާ އިރު ތެރޭގައި އެ މައްސަލަ ހައްލުކުރެވި ރަށަށް ކަރަންޓް ދޫކުރެވޭނެ ކަމުގެ ޔަގީންކަން އެބޭފުޅުން ދެއްވާ، " ނިމާލް ވިދާޅުވި އެވެ.
ވެލިދޫން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެ މެންދުރު ފަހު 2:30 ހާއިރު ކަރަންޓް ކެނޑުނު ގޮތަށް ކަރަންޓް ލިބުނީ އިރުއޮއްސި 06:15 ހާއިރު ކަމަށެވެ. އެއަށްފަހު 30 ވަރަކަށް މިނަޓް ފަހުން އަނެއްކާވެސް ކަރަންޓް ކެނޑުނު ކަމަށާއި ކަރަންޓް ދެން ލިބުނީ ރޭ 11:00 ގައި ކަމަށެވެ. ނަމަވެސް މިއަދު ހެނދުނު އަނެއްކާވެސް ކަރަންޓް ކަނޑާލާ ވާހަކަ ކައުންސިލުން އަޑުގަދަކުރާ މެދުވެރިކޮށް ގޮވަމުން އަންނަކަމަށް އޭނާ ބުންޏެވެ.
"މިއީ ރޯދަމަސް ވީމަ ކަރަންޓް ނެތީމަ ވަރަށް އުނދަގޫ ވާނެ. ބައެއް ގެތަކުގަ ކުދިކުދި ޓެންޓް ކަހަލަ ތަންތަން ޖަހައިގެން ކެއްކީ. ރޯދަވީލާ ތަކެތި ތައްޔާރުކުރަން ވަރަށް އުނދަގޫ. އަނެއްކޮޅުން ވަރަށް ހޫނުވޭ. އަޅުގަނޑު ދެލޮލުން ދުށިން މީހަކު ދެ ކުދިން ގޮވައިގެން ގޮސް މިސްކިތު ވަޅުން ފެންވެރުވި ތަން ވެސް، " ވެލިދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ