ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ގަބޫލްފުޅު ކުރެއްވުމަށް ނިންމެވި ނިންމެވުމަކީ އެކަމަނާގެ އަމިއްލަ ނިންމެވުމެއްކަމަށާއި, އެ ނިންމުމަށް ތާއީދު ނުކުރައްވާކަމަށް އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އެމަނިކުފާނު ދަރިކަނބަލުން ދުންޔާ މައުމޫން އައްޔަންކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން ދެންމެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދުންޔާ އަބުރާ ސަރުކާރަށް ދިއުމަކީ އެކަމަނާގެ އަމިއްލަ ނިންމެވުމެއްކަމަށެވެ. އަދި ދުންޔާގެ އެ ނިންމެވުމަށް ތާއީދުނުކުރައްވާކަމަށް ރައީސް މައުމޫންގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.
ސަރުކާރާއި ރައީސް މައުމޫނާއި ވަރަށް ބޮޑަށް ހިޔާލް ތަފާތުވެފައިވަނިކޮށް ދުންޔާ މައުމޫން ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއިމެދު އުފެދުނު ހިޔާލް ތަފާތުވުންތަކާއި ގުޅިގެންކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އެދުވަސްވަރު ޔުމްނާ މައުމޫންވެސް ވަނީ ސަރުކާރުން އިސްތިއުފާދެއްވާފައެވެ.
އަދި ރައީސް މައުމޫން ވަނީ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދަވާ ރައީސް އަބުދުﷲ ޔާމީން ވެރިކަން ކުރައްވަމުން ގެންދަވާ އުސޫލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވާފައެވެ. މީގެ އިތުރަށް ރައީސް މައުމޫންގެ ދޮށީދަރިކަލުން ފާރިޝް މައުމޫންވެސް މަޖިލީހުގައި ފަހަކަށް އައިސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާއި ވަކިންނެވެ.
ވަޒީރުކަމުން އަމިއްލަފުޅަށް އިސްތިއުފާދެއްވުމަށްފަހު ހެލްތު މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ދުންޔާ ހަވާލްވެވަޑައިގަތުމާއި ގުޅިގެން އެކަމަނާގެ އެއްމާބަނޑު ކޮއްކޯފުޅު ޔުމްނާ މައުމޫންވެސް ވަނީ އެކަމާއި ކަންބޮޑުވުންފާޅުކޮށްފައެވެ.
ޔުމްނާ ވިދާޅުވީ ދުންޔާގެ ނިންމެވުމަކީ އެކަމަނާގެ އަމިއްލަފުޅު ނިންމެވުމެއްކަމަށާ ނަމަވެސް އެ ނިންމެވުމުގެ ސަބަބުން ޔުމްނާގެ ސާބިތުކަމަށް ބަދަލެއް ނާންނާނެކަމަށެވެ. އަދި އެކަމަނާ ހުންނަވާނީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި ސާބިތުކަންމަތީ ހައްގުގެ މަގުގައިކަމަށް ޔުމްނާ ވިދާޅުވިއެވެ.
ކުއްލިގޮތަކަށް ސަރުކާރާއިއެކު އަލުން މަސައްކަތް ކުރައްވަން ފެއްޓެވި ވަކި ސަބަބެއް ދުންޔާ ހާމަކުރައްވާފައި ނުވެއެވެ. ނަމަވެސް ވަޒީރުކަމުން އިސްތިއުފާދެއްވި ފަހުން ދުންޔާ މައުމޫން ވެސް ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.
ދުންޔާ އަނބުރާ ސަރުކާރަށް ވަޑައިގަތުމުގެ ނިންމުމަށް ތާއީދެއް ނުކުރަން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ