މާފުށީ ޖަލުގައި ހުރި ފިރިމީހާއަށް މަސްތުވާތަކެތި ފޯރުކޮށްދޭން އުޅުނު އަނބިމީހާގެ ބަންދަށް ކޯޓުން ތާޢީދު ކޮށްފި

މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ފިރިމީހާއަށް މަސްތުވާތަކެތި ފޯރުކޮށްދިނުމަށްޓަކައި، ފުރަގަސްފަރާތުގައި ރައްޖާކޮށްގެން ޖަލަށް މަސްތުވާތަކެތި އެތެރެ ކުުރމަށް މަސައްކަތް ކުރި އޭނާގެ އަނބިމީހާ ބަންދު ކުރުމަށް ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާޢީދު ކޮށްފި އެވެ.
ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރަނިކޮށް ހައްޔަރު ކޮށްފައި ވަނީ، 26 އަހަރުގެ ފާތިމަތު އުމްނިއްޔާ،  ދޮންގާ، ކ.ތުލުސްދޫ އެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ، ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޔުނިޓާއި މާފުށި ޕޮލިސް ސްޓޭޝަނާ ގުޅިގެން، މި މަހުގެ 7 ވަނަ ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން އުމްނިއްޔާގެ މައްޗަށް ބަންދުގެ ގޮތުގައި 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ. ނަމަވެސް އޭނާ ވަނީ މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
ހައި ކޯޓުގައި އުމްނިއްޔާގެ ފަރާތުން ބުނެފައި ވަނީ، ކޯޓުން އަމުރު ނެރުނީ އޭނާގެ ވަކީލުގެ ޣައިރު ހާޒިރުގައި ކަމަށާއި، މިއީ ފުލުހުންގެ އިހުމާލުގެ ސަބަބުން ވީ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް މިކަމާ ދެކޮޅު ހައްދަވަމުން ދަޢުލަތުގެ ފަރާތުން ބުނެފައި ވަނީ، ވަކީލެއްގެ އެހީތެރިކަމަށް އުމްނިއްޔާގެ ފަރާތުން އެދިފައި ވަނީ  އޭނާ ކޯޓަށް ހާޒިރު ކުރި ފަހުން ކަމަށެވެ.
އެހެން ނަމަވެސް، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ބަންދުގެ މުއްދަތަށް 10 ދުވަސް ޖަހާފައިވާ އިރު، މި 10 ދުވަސް ވެސް މިހާރު ވަނީ ފާއިތު ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ