މުސްތަފާ މެންބަރުކަމުން ވަކިވެފައިވާ ކަމަށް ބުނާ މައްސަލަ: ބީސީސީއައި އަށް ފައިސާ ދައްކަންޖެހެނީ ކުންފުނިން، އެކަމަކު 14 އަހަރުވީ އިރު ވެސް ފައިސާ ދައްކާފައި ނުވާނެ ކަމަށް މުސްތަފާ އިއުތިރާފްވެއްޖެ

ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް [ބީސީސީއައި] އަށް ފައިސާ ދައްކަން ޖެހެނީ ސީފުޑް އެންޑް ޓްރޭޑް އިންޓަނޭޝަނަލްގެ ފަރާތުން ކަމަށާއި ނަމަވެސް އެ ކުންފުނިން ވެސް މިއަދާ ހަމައަށް އެ ފައިސާ ދައްކާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު މުސްތަފާ ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ކުރީގެ ނައިބު ލީޑަރު އުމަރު ނަސީރު މުސްތަފާގެ މައްޗަށް ކުރައްވާ ދައުވާގެ ޝަރީއަތުގައި މުސްތަފާ މިއަދު ވިދާޅުވީ މީގެ 14 އަހަރު ކުރިން އޮގަސްޓް 26، 1997 ގައި ބީސީސީއައި އަށް ފައިސާ ދައްކަން މަދަނީ ކޯޓުން ހުކުމްކޮށްފައި ވަނީ އޭނާގެ ކުންފުނި، ސީފުޑް އެންޑް ޓްރޭޑްގެ މައްޗަށް ކަމަށެވެ. އެހެންކަމުން އޭނާ ފަރުދީ ގޮތުން އެކަމުގައި ޒިންމާވާން ނުޖެހޭނެ ކަމަށާއި އޭނާގެ އެއްވެސް ދަރަންޏެއް ނެތް ކަމަށް މޯލްޑިވްސް މަނެޓަރީ އޮތޯރިޓީ [އެމްއެމްއޭ] އިން ވެސް ބުނެފައިވާ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ އޭނާ އެއްވެސް އިރެއްގައި ބީސީސީއައި ގައި އެކައުންޓެއް ހުޅުވާފައި ނޯންނާނެ ކަމަށާއި ލޯނެއް ވެސް ނަގާފައި ނުވާނެ ކަމަށެވެ. އެކަމަކު އޭނާ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވާ ކުންފުނިން ވަނީ ބީސީސީއައި އިން 12،000 ޑޮލަރުގެ އޯވާޑްރާފްޓެއް ނަގާފައި ކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި އެ ބޭންކް ބަނގުރޫޓުވެގެން ދިޔައިރު އިންޓްރެސްޓާ އެކު 31،000 ޑޮލަރު ސީފުޑް އެންޑް ޓްރޭޑުން ދައްކަންޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކޯޓުން އެ ފައިސާ ދެއްކުމަށް ހުކުމް ކުރި ފަހުން މިހާރު 14 އަހަރުވެފައިވާ އިރު ވެސް މިހާތަނަށް ވެސް އެ ފައިސާ އިން އެއްވެސް މިންވަރެއް ދައްކާފައިނުވާނެ ކަމަށް މުސްތަފާ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި އެވެ.
އުމަރުގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވީ މަދަނީ ކޯޓުން އެ މައްސަލައިގައި ފައިސާ ދެއްކުމަށް ހުކުމްކޮށްފައި ވަނީ މުސްތަފާގެ މައްޗަށާއި އޭނާގެ ކުންފުނީގެ މައްޗަށް އެކުއެކީގައި ކަމަށެވެ. އެހެންކަމުން މުސްތަފާ ވެސް އެކަމުގައި ފަރުދީ ގޮތުން ޒިންމާވާން ޖެހޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ސާބިތު ދަރަންޏެއް މުސްތަފާ ދައްކަވާފައިނުވާތީ އޭނާގެ މެންބަރުން މިހާރު ގެއްލިފައިވާ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ