އެމްއެމްސީގެ މެމްބަރުންނަށް ދިން ލިވިންގް އެލަވަންސްގެ ފައިސާ ލިބިފައެއް ނުވޭ: އޮޑިޓް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ފުރަތަަމަ ދައުރުގައި ކައުންސިލްގެ 15 މެމްބަރަކަށް ގާނޫނާއި ގަވާއިދާއި ހިލާފަށް ދިން ލިވިން އެލަވަންސްގެ ޖުމްލަ ފައިސާ އަދިވެސް ދައުލަތަށް އަނބުރާ ލިބިފައިނުވާކަން އޮޑީޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ މިމަހުގެ 19 ވަނަ ދުވަހު ނެރެފައިވާ އެމްއެމްސީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެމްއެމްސީގެ ފުރަތަމަ ދައުރުގެ 15 މެމްބަރަކަށް ގާނޫނާއި ހިލާފަށް 2011 ވަނަ އަހަރު ލިވިންގް އެލަވަންސްގެ ގޮތުގައި 1،012،500ރ. ދޫކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ތިން މެމްބަރެއްގެ އަތުން 2013 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް އަނބުރާ 202،500ރ. ލިބިފަވާއިރު، 2014 ވަނަ އަހަރުގެ ނިޔަލަށް 12 މެމްބަރެއްގެ އަތުން 810،000ރ. ދައުލަތަށް އަނބުރާ ލިބިފައިނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ މީޑިއާ ކައުންސިލުގެ 2010 ވަނަ އަހަރުގެ އޮޑިޓްގައި އެކަން ފާހގަކުރެވި، އެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ވަކިގޮތެއް އަންގަންދެން ލިވިނަގް އެލަވަންސް ދިނުން ހުއްޓާލުމަށް 17 ފެބްރުއަރީ 2011 ގައި އޭސީސީން އެމްއެމްސީއަށް އެންގިނަމަވެސް އެ އެންގުމާއި އެއްގޮތަށް ކައުންސިލުން އަމަލުކޮށްފައިނުވާ ކަމަށެވެ.
މީގެއިތުރުން އެ ފައިސާ އަނބުރާ ހޯދިދާނެ ގޮތަކާމެދު 5 އޯގަސްޓް 2013 ގައި އެމްއެމްސީއަށް އެޓަނީ ޖެނެރަލް ލަފާދީފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާގަހަކޮށްފައި ވެއެވެ. އެގޮތުން އެ ފައިސާ ދައްކާފައި ނުވާ މެންބަރުންގެ އަތުން ފައިސާ އަނބުރާ ހޯދުމަށްޓަކައި، ކައުންސިލުން ވަކި އުސޫލެއް ކަނޑައަޅާ އެ އުސޫލުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެ ފަރާތަކަށް ލިޔުމުން އެންގުން ރަނގަޅުވާނެ ކަމަށާއި އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެ މައްސަލަ އެ ކައުންސިލުން ޝަރީއަތަށް ހުށަހެޅުން ރަނގަޅުވާނެ ކަމަށް އޭޖީ ލަފާދީފައި ވެއެވެ.
އެ ފައިސާ އަނބުރާ ދެއްކުމަށް 2012 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން ކައުންސިލު މެމްބަރުންނަށް ލިޔުމުން އަންގާފައިވީނަމަވެސް، ފައިސާ ދެއްކުމަށް މުއްދަތެއް ބަޔާންކޮށްފައި ނުވާކަމާއި، ފައިސާ ނުދައްކާ މެމްބަރުންގެ މައްސަލަ މިދިޔަ އަހަރުގެ ނިޔަލަށްވެސް އެމްއެމްސީން ހުށަހަޅާފައިނުވާކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
އެ ފައިސާ ނުލިބި ލަސްވާވަރަކަށް ފައިސާ އަބުރާ ދައުލަތަށް ހޯދުމުގެ ފުރުސަތު ކުޑަވުން އެކަށީގެންވާތީ އެޓަނީ ޖެނެރަލާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ލަފާގެ މަތިން އެ ފައިސާ ހޯދުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ ލަފާދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ