ހަލާލު ސެޓްފިކެޓް ދޫކުރުމާއި ބެހޭ ގޮތުން ހަވީރު ނޫހުގައި ލިޔެފައިވާ ޙަބަރުގައި ހުރީ ކުށް މައުލޫމާތުތަކެއް –މިނިސްޓްރީ

"ހަލާލް ސެޓްފިކެޓް ހޯދަން ކުންފުނިތަކުގެ ތަރުހީބު ކުޑަ" މި ސުރުހީގެ ދަށުން ހަވީރު ނުހުގައި ލިޔެފައިވާ ޙަބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަކީ ކުށް މައުލޫމާތުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "ހަލާލް ސެޓްފިކެޓް ހޯދަން ކުންފުނިތަކުގެ ތަރުހީބު ކުޑަ" މި ސުރުހީގެ ދަށުން ހަވީރު ނޫހުގައި ލިޔެފައިވާ ޙަބަރުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކަކީ ކުށް މައުލޫމާތުތަކެއް ކަމަށެވެ. ބަޔާނުގައި ބުނެފައި ވަނީ މިހާރު އެ މިނިސްޓްރީން ދަނީ ފެލިވަރު ކުންފުނިން އުފައްދާ މަހުގެ 5 ބާވަތަކަށް ހަލާލް ސެޓްފިކެޓް ދޫކުރުމުގެ އެންމެ ފަހުގެ ތައްޔާރީތަށް ވަމުން ކަމަށެވެ.
އަދި ރާއްޖޭގައި މަހުގެ ބާވަތްތަށް އުފައްދާ މަޝްހޫރު ކުންފުނިތަށް ކަމަށްވާ މިފްކޯ ފަދަ ކުންފުނިތަކުން ދަނީ ހަލާލް ސެޓްފިކެޓް ހޯދުމަށްޓަކާ ހުށައަޅަންޖެހޭ ޑޮކިޔުމެންޓްތަށް ފުރިހަމަ ކުރުމުގެ މަސައްކަތްކުރަމުން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ހަވީރުގައި މިއަދު ޝާއިރުކޮށްފައިވާ މި ޙަބަރުގައި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ދީދީއާ ހަވާލާދީ ބުނެފައިވަނީ ހަލާލް ސެޓްފިކެޓް ހޯދަން ފެލިވަރު ފިޔަވައި އެހެން މަސް ކުންފުނިތަކުން އަދި ޝައުގުވެރިކަން ފާޅުކޮށްފައި ނެތް ކަމަށެވެ.
އަދި އެކަމަށް އެ ކުންފުނިތަކުން ޝައުގުވެރި ނުވަނީ އެ ފަރާތްތަކުން މަސް އެކްސްޕޯޓް ކުރާ މާކެޓްތަކުގައި ކޮންމެހެން އެ ސެޓްފިކެޓް މުހިންމު ނުވާތީ ކަމަށް ވެދާނެ ކަމަށް ވެސް ދީދީއާ ހަވާލާދީ ހަވީރު ނޫހުގައި ބުނެފައިވެއެވެ.
ހަލާލް ސެޓްފިކެޓް ލިބޭ އުފެއްދުންތަކުގައި ހަލާލު ލޯގޯ ޖަހާނެއެވެ. އިސްލާމިކް މިނިސްޓްރީން ދޫކުރާ ހަލާލް ސެޓްފިކެޓަކީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ