ދިއްދޫގެ ހައުސިންގ ޔުނިޓްތަކުގެ ފެނާއި ކަރަންޓް މީޓަރުތައް ރަޖިސްޓަރ ކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފި

ދިއްދޫގައި އަލަށް އިމާރާތްކުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން އަލަށް މީހުން ބަދަލުވާ ހައުސިންގ ޔުނިޓްތަކުގައި ބޭނުންކުރާ ފެނާއި ކަރަންޓް މީޓަރުތައް ވީ އެންމެ އަވަހަކަށް ރަޖިސްޓްރީ ކުރުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން ދިއްދޫ ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު ހާޝިމް ވިދާޅުވީ، ހައުސިންގ ޔުނިޓްތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް މިހާރު ލިބެމުންދިޔަ ނަމަވެސް، މި ޚިދުމަތްތަކަށް ބިލް ކުރެވޭނީ ފެނަކައިގައި ރަޖިސްޓަރ ކުރުމުން ކަމަށެވެ. އެހެންކަމުން ހައުސިންގ ޔުނިޓްތައް ލިބުނު ފަރާތްތަކުގެ ތެރެއިން އެ ހައުސިންގ ޔުނިޓްތަކަށް ބަދަލު ނުވާ ފަރާތްތަކުންވެސް ފެނާއި ކަރަންޓުގެ ޚިދުމަތް ރަޖިސްޓަރ ކުރުމަކީ މުހިންމު ކަމެއްކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އަދި މީގެ ސަބަބުން ބިލްތައް ދެއްކުމަށް ފަހުން އުފުލަންޖެހޭ ތަކްލީފްތަކަށް ލުޔެއް ލިބިގެންދާނެކަމަށްވެސް ކައުންސިލުން ބުނެއެވެ.
ހއ.ދިއްދޫގައި ސަރުކާރުން އިމާރާތްކުރި 250 ހައުސިންގ ޔުނިޓް މިހާރު ދޫކޮށްފައިވާއިރު، ބައެއް ހައުސިންގ ޔުނިޓްތަކުގައި މިހާރުވެސް މީހުން ދިރިއުޅެމުންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ