މުޙައްމަދު ޙުސައިނާއި އަޒުހާން ވެސް ޖޭޕީއަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ކަނޑިތީމު ދާއިރާގެ މެމްބަރު މުޙައްމަދު ޙުސައިންނާއި، މާވަށު ދާއިރާގެ މެމްބަރު އަޙުމަދު އަޒުހާން ފަހުމީ މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.
ޖުމްހޫރީޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެޕާޓީއަށް ސޮއިކުރެއްވުމަށްފަހު ދެ ބޭފުޅުންވަނީ މެމްބަރޝިޕް ފޯމުގެ އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ޙަވާލުކުރައްވައިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެމްބަރު މުޙައްމަދު ޙުސައިން ވިދާޅުވީ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނާއި ޤައުމަށް ޚިދުމަތް ކުރެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު މަސައްކަތް ކުރެއްވީ ރައްޔިތުން ޙަވާލުކުރެއްވި ކަންކަން ސަރުކާރާ ގުޅިގެން ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޕީޕީއެމްގެ ސަރުކާރާ ގުޅިގެން ކަންތައްތަކެއް ޙާސިލް ކުރެއްވުނު ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ސަރުކާރުގެ މުއްދަތު ހަމަވެ ނިމުމަކަށް މިހާރު އައުމުން ދެންވެސް ބެއްލެވީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން ދެން ރައްޔިތުންނަށް ޚިދުމަތް ކޮށްދެވޭނީ ވެރިކަންކުރާ ކޯލިޝަނުގެ ތެރެއިން ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަލުން ޖޭޕީއަށް ވަޑައިގަތީ އެ މަޤުސަދުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއާ ގުޅުމުގެ ފުރުސަތު ދެއްވުމުން އުފާކުރައްވާ ކަމަށެވެ. ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމަކީ ވަރަށް ހިތްޕުޅު ތަނަވަސް ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ހިތްޕުޅުގެ ބޮޑުބައެއްވަނީ ރާއްޖޭގެ ތަޢުލީމާއި، ޑިމޮކްރަސީއަށް ހުސްކުރައްވައިފައި ކަމަށް ވެސް ވިދާޅުވިއެވެ.
ގައުމު މިދެކެނީ ޚާއްސަ ދުވަސްވަރެއް ކަމަށާއި މިހާރު ހުޅުވިފައިވާ ޚިދުމަތުގެ ކުޑަދޮރު ބަންދުވުމުގެ ކުރިން ކަންކަން ރަނގަޅަށް ތަރުތީބު ކޮށް އިސްލުޙު ކުރުމަކީ މުހިންކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޤާސިމް ވިދާޅުވީ މުޙައްމަދު ޙުސައިނަކީ އަމާނާތްތެރި އިޚުލާސްތެރި ބޭފުޅެއް ކަމަށެވެ. މުޙައްމަދު ޙުސައިންނާއި އަޒުހާން ޖޭޕީއާ ގުޅިވަޑައިގެންނެވުމަކީ ޕާޓީއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.
މިދެބޭފުޅުންގެ އިތުރަށް ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ވަނީ މިރޭ އެމްޑީޕީއަށް ސޮއި ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ