އެމްސީ ހަމީދަށް އަނބުރާ ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ވާތީ އަނބުރާ ވަޒީފާ ދިނުމަށް ސްޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފިއެވެ.
އެމްސީ ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އިދާރީ ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ވަކިކުރިއިރު، އޭނާ ހައްޔަރުކޮށް ދޫނިދޫ ޖަލުގައި ވެސް ބެހެއްޓި އެވެ. އޭނާއަށް ތުހުމަތުކުރީ ސިއްރު މައުލޫމާތުތަކެއް ލީކުކުރުމެވެ.
މި މައްސަލައިގައި ހަމީދަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފައެވެ. އެހެން ނަމަވެސް ފަހުން ހައިކޯޓުން ވަނީ އެހުކުމް ބާތިލްކޮށްފައެވެ.
ސްޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ހަމީދު ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން، ވަޒީފާ އަނބުރާ ދިނުމާއި ހަމައަށް އޭނާ ހުރި މަގާމުގެ މުސާރައާއި އިނާޔަތްތައް އޭނާއަށް ދިނުމަށެވެ.
މީގެ ހަތް އަހަރު ކުރިން ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔާގެ މަގާމުގައި ހުންނަވަނިކޮށް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ މުހައްމަދު ހަމީދު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ސްޕްރީމް ކޯޓުން މިއަދު ނިންމެވިއިރު، އާ ސަރުކާރުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރައްވަން މަސައްކަތް ކުރައްވަނީ އޭނާ ކަމަށް ވަނީ އަޑު ފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ