އަމީރު އަހުމަދު މަގު އަލުން ހުޅުވަނީ

އިސްލާމީ މަރުކަޒު ކައިރިން މިހާރު ބަންދުކޮށްފައި އޮތް އަމީރު އަހުމަދު މަގު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދުއްވާ އެއްޗެއްސަށް އަލުން ހުޅުވާލަން ނިންމައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، އެ މަގުން އިސްލާމީ މަރުކަޒާ ދިމާލުގައި ޖަހާފައި ހުރި މާބުލްތައް ނެއްޓުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަމީރު އަހުމަދު މަގު އަލުން ހުޅުވި ނަމަވެސް، މާބުލް ޖަހާ ބަންދުކޮށްފައިވާ މެދުޒިޔާރަތް މަގު ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމެއް ސާފެއް ނުވެ އެވެ.
އަލަށް އުފެއްދި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި، އާ ސަރުކާރަށް 90 ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުގެ ތެރެއިން އަލުން ހުޅުވާލަން ޖެހޭ މަގުތައް ހުޅުވާލުމުގެ މަސައްކަތް ވަނީ ހިމަނާފަ އެވެ.
މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް، ބޭނުން ނުކޮށް ޕާކު ކޮށްފައި ގިނަ ދުވަސްތަކެއް ވަންދެއް ބަހައްޓާފައި ހުރި ވެހިކަލްތައް ނެގުމުގެ މަސައްކަތް ޓްރެފިކް ޕޮލިހުންނާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ