ސުޕްރީމް ކޯޓަށް ބަދަލުތަކެއް ގެންނަަން ހުށަހެޅި އަގަކަށްވީ އަޅުގަނޑުގެ ސިޔާސީ ހަޔާތް ދުއްވާލުން: ނާޒިމް

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރައްވައި، އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމަށް އަބްދުﷲ ސައީދު ގެންނެވުމަށް ކުރެއްވި މަސައްކަތުގެ އަގަކަށްވީ ސިޔާސީ ހަޔާތް ދުއްވާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްްޖެއެވެ.
ދެ އަހަރާއި 11 މަހާއި ހަތް ދުވަހު ރާއްޖޭން ބޭރުގައި އަމިއްލަފުޅަށް އަރުވާލެވިގެން ހުންނެވުމަށް ފަހު، ރާއްޖެ ވަޑައިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ އޭނާއާ މެދު ރައީސް ޔާމީން ކަންކަން ކުރެއްވި ގޮތާއި، ޝަރީއަތް ހިންގާފައިވާ ގޮތުގެ އިތުރަށް ވެސް ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ.
"ހުލާސާކޮށް ބުނާ ކަމަށް ވަންޏާ އެ މައްސަލަ އެގޮތަށް ދިމާވީ، އަދި ޕީޖީ އެމައްސަލަ (ނާޒިމް ޖަލަށް ހުކުމް ކުރި މައްސަލަ) ސުޕްރީމް ކޯޓަށް ހުށަހެޅީ ވެސް ފަނޑިޔާރު އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރުކަމަށް އަންނަން ބޭނުންވެގެން ކުރެވުނު މަސައްކަތުގެ ތެރެއިން، ދެ ފަނޑިޔާރަކު އުނިކޮށްފައި އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރުކަން ހޯދަދޭން، ހުށަހެޅުއްވި ބަޔަކު ހުށަހެޅުއްވި އަގަކީ އަޅުގަނޑު ސިޔާސީ ހަޔާތް ނިމުމަކަށް ގެނައުން. އެގޮތަށް އެކަންވެގެން ދިޔައީ،" ރައީސް ޔާމީންގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެވާހަކަތަކުގެ ތަފްސީލްތައް ފަހުން ހާމަކުރައްވާނެ ކަމަށެވެ. 
ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު އާއި ފަނޑިޔާރު މުއުތަސިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެންނަވައި، ސުޕްރީމް ކޯޓުގެ އޭރުގެ ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ދަށް ކުރުމަށް ފާސްކޮށް، ވަކިކުރައްވާ ދެ ފަނޑިޔާރުންގެ ގޮތުގައި އޭރުގެ އުއްތަމަ ފަނޑިޔާރު ފާއިޒު އާއި މުއުތަސިމް ވެގެންދިއުމެވެ. 
އެ ދެ ފަނޑިޔާރުން ވަކި ކުރެއްވުމަށް ފަހު، އުއްތަމަ ފަނޑިޔާރުގެ މަގާމަށް ވަޑައިގެންނެވީ ފަނޑިޔާރު އަބްދުﷲ ސައީދުއެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމަށް ބުނެ، ދައުވާތަކެއް އުފުލައި، އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުން ސައީދު ވަނީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރައްވާފައެވެ. 
މީގެ އިތުރުން ނާޒިމް ވިދާޅުވީ އޭނާ ރައީސް ޔާމީނާ ގުޅޭ ގޮތުން މި ހުރިހާ ދުވަހު އެއްޗެއް ވިދާޅުނުވެ ހުންނެވީ، ރައީސް ޔާމީންގެ އަނިޔާވެރިކަމާއި ދައުލަތުގެ ހުރިހާ ބާރެއް އެމަނިކުފާނުގެ އަތްޕުޅުގައި އޮތީމަ ކަމަށެވެ.
"އަޅުގަނޑަށް ހުކުމް ކުރުމުގެ ދެ ދުވަސްކުރިން ޔާމީން އަޅުގަނޑަށް މެސެޖްކުރެއްވި ވެއްޓިފައި އޮންނަ ފަތެއްވެސް ތިމަންނަ އެއްފުށުން އަނެއް ފުށަށް ނުޖަހާ ނަމޭ ނާޒިމަށް ގެއްލުމެއްވާ ގޮތަކަށް އެއީ ރައީސް ޔާމީން އަމިއްލަ ނަފްސަށް ހެއްދެވި އިތުރުފުޅެއް،" ނާޒިމް ވިދާޅުވިއެވެ. 
ނާޒިމް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުގައި މަސައްކަތްކުރަމުންދާއިރު، އޭނާ މަސައްކަތް ކުރައްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއެކު ކަމަށެވެ. 
"މިމަސައްކަތުގެ ބިންގާ އެޅުނު ހިސާބަކީ އަޅުގަނޑު ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވި ހިސާބުން. އިބްރާހީމް މުހައްމަދު ސޯލިހުއާއި ފާރިސް މައުމޫން ބައްދަލުވާނެ ގޮތް އަޅުގަނޑު ސިންގަޕޫރުގައި ހުރިއިރު ހަމަޖައްސަ ދިނިން. އެއީ މި ކޯލިޝަންގެ ބިންގާއެޅިގެން ދިޔަ ހިސާބަކީ،" ނާޒިމް ވިދާޅުވިއެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ