ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މުގައްރިކަށް ގާސިމް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރަކަށް މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ހަމަޖައްސައިފި އެވެ.
ބަޖެޓް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މިއަދު އެ ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރުންނަށް ބޭފުޅުންނަށް ހަމަޖައްސަންދެން އެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ އަމީންއާންމު އަޙްމަދު މުޙައްމަދެވެ.
ބަޖެޓުގެ ކޮމިޓީގެ މުޤައްރިރަކަށް ޤާސިމް އިބްރާހިމް ހަމަޖެއްސުމަށް އެމްޑީޕީގެ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށެޅުއްވުމުން އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ޕީޕީއެމްގެ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރެވެ. ރިޔާސަތުން މި ހުށަހެޅުމަށް ވޯޓަށް އެހުމުން ބަޖެޓް ކޮމިޓީގެ މުޤައްރިރަކަށް ޤާސިމް އިބްރާހިމް ހަމަޖެއްސުމަށް ފާސްވީ އެ ވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި 17 މެންބަރުންގެ އިއްތިފާޤުންނެވެ.
ބަޖެޓް ކޮމިޓީގެ ނައިބު މުޤައްރިރަކަށް އެމްޑީޕީގެ ބިލަތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ ހަމަޖެއްސުމަށް އެމްޑީޕީގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ކާނަލް ހުށަހެޅުއްވުމުން އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. މިހުށަހެޅުން ފާސްވީ އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި 18 މެންބަރުންގެ ތެރެއިން 12 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މެންބަރުން ސާފުކުރަން ބޭނުންވާ މައުލޫމާތު ސާފުކުރުމަށް އަންނަ އާދިއްތަ ދުވަހު ބާއްވާ ބަޖެޓް ކޮމިޓީގެ ދެވަނަ ބައްދަލުވުމަށް އެދުވަހުގެ ހެނދުނު 10:00 ޖަހާއިރަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހާޒިރުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ބަޖެޓާއި ގުޅުންހުރި ކަންކަމަށް އޮޑިޓާ ޖެނަރަލް އޮފީސް މެދުވެރިކޮށް ޕްރިފެޝަނަލް އޮޕީނިއަންއެއް ހޯދުމަށް ވެސް ކޮމިޓީގެ މެންބަރުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ