ކުރީގެ ރައީސް މައުމޫން އިންކުއަރީ ކޮމިޝަނަށް ހާޒިރުވެވަޑައިގެންފި

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު އުފައްދަވާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ހާޒިރުވެވަޑައިގެންފި އެވެ.
ކޮމިޝަނަށް މައުލޫމާތު ދެއްވުމަށް މައުމޫން ހާޒިރުވެ ވަޑައިގެންފައިވަނީ މިރޭ 10 ޖެހިއިރު އެވެ.
ރައީސް މައުމޫން އިންކުއަރީ ކޮމިޝަނަށް ވަޑައިގެންފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިއަދު ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ވަޑައިގެން، އެ ކޮމިޝަނަށް މަޢުލޫމާތު ދެއްވާފައިވެ އެވެ.
ރައީސް ޑރ.ވަހީދު މީގެކުރިން ވެސް އިންކުއަރީ ކޮމިޝަނަށް ވަޑައިގެން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހުރިހާ މަޢުލޫމާތަކާއި އަދި އެމަނިކުފާނު ކަންތައްތައް ގެންދެވި ގޮތުގެ މަޢުލޫމާތު ވެސް އެ ކޮމިޝަނަށް ދެއްވާފައިވެ އެވެ.
ރައީސް ޑރ.ވަހީދުގެ އިތުރުން ކުރީގެ ރައީސް ނަޝީދު ވެސް ވަނީ މީގެކުރިން އިންކުއަރީ ކޮމިޝަނަށް ވަޑައިގެން މައުލޫމާތުދެއްވާފައެވެ.
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު އުފައްދަވާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތް ނިންމައި ރިޕޯޓު ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހޭ ތާރީހަކީ އޯގަސްޓް 30 ކަމަށް ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައެވެ.
އިންކުއަރީ ކޮމިޝަނުން މިމަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް 139 ފަރާތަކާއި އިންޓަރވިއު ކޮށްފައިވާކަމަށާއި އެބޭފުޅުން މަސައްކަތް ކުރައްވަމުން ދަނީ މިމަހުގެ ނިޔަލަށް އިންޓަރވިއު ދެއްވާ ފަރާތްތަކުގެ އިންޓަރވިއުތައް ނަގައި ނިންމުމަށްކަމަށްވެސް އިންކުއަރީ ކޮމިޝަނުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ