ރިނބިދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން އުޅޭތީ އެކަން ކުށްވެރިކޮށްފި

ދ. ރިނބުދޫ ރައްޔިތުންނާ ދެކޮޅަށް، އެފަރާތްތަކުގެ ބަހެއް ހޯދުމެއްނެތި، ސިޔާސީ މަޤްސަދުތަކެއް ޙާސިލްކުރުމަށް މި ސަރުކާރުން ރިނބިދޫއިން މީހުން ބަދަލުކުރުމަށް ކުރާ މަސައްކަތް އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައިވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއްރަށުން އަނެއްރަށަށް ހިޖުރަ ކުރުމުގެ ޙައްޤަކީ ޤާނޫން އަސާސީން އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޙައްޤެއް ކަމަށެވެ.
ނަމަވެސް ރައްޔިތުން ނޫނެކޭ ބުނެފައިވާ ބަޔަކާއި އެކު ރައްޔިތުންގެ ބަހެއް ނެތި ވެރިކަމަށް އިސްވެގަނެގެން އުޅޭ ފަރާތްތަކުން، ރައްޔިތުންގެ ޚިޔާލެއް ނުހޯދައި ރައްޔިތުންގެ ރުހުމާއި ދެކޮޅަށް ސިޔާސީ ބޭނުންތަކަށްޓަކައި މިފަދަކަންތައް ކުރުމަކީ އިންތިހާ ދަރަޖައަށް ކަންބޮޑުވާކަމެއް ކަމަށް އެމްޑީޕީން ބުނެ އެވެ.
"ދ. ރިނބިދޫއަކީ ފުޅާ ދާއިރާއެއްގައި ރަން ރިހީގެ މަސައްކަތް ކުރަމުން އަންނަ ރަށަކަށްވުމުން، އެމްޑީޕީގެ ވެރިކަމުގައި ވާނީ، މި މަސައްކަތް އިތުރަށް ފުޅާކުރުމަށް މަސައްކަތްތެރިކަމުގެ މަރުކަޒެއް ރިނބިދޫގައި ޤާއިމްކުރުމަށް އިދާރީ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
މި ސަރުކާރުން ރައްޔިތުން އަޅުވެތިކޮށް، ސިޔާސީ ބޭނުމަށްޓަކައި ކުރަމުން ގެންދާ މިފަދަ އަނިޔާވެރި ޢަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ ކަމަށާއި ޤާނޫން އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އެންމެހާ އަސާސީ ޙައްޤުތައް އޭގެ އެންމެ ފުޅާ ދާއިރާއެއްގައި ލިބިދީ، ރައްކާތެރި ކުރުމަށް މިޕާޓީން އަބަދުވެސް މަސައްކަތްކުރާނޭކަމުގެ ފުރިހަމަ ޔަޤީންކަން މި ފުރުޞަތުގައި އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
އަދި ރިނބިދޫ ރައްޔިތުންގެ ޙައްޤުގައި މިކަމުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ރަށުގެ ރައްޔިތުންނާއި ގުޅިގެން އެމްޑީޕީން ކުރަމުން ގެންދާނޭކަމުގެ ޔަޤީންކަން އަރުވާ ކަމަށް އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ