ސްކޫލް ކުދިން ލައްވާ އިސްތިޤްބާލު ކުރުވަން ބޭނުމެއް ނޫން - ސިރިސޭނާ

ސްރީލަންކާގެ ރަސްމީ ހަފްލާތަކުގައި، ސްކޫލް ދަރިވަރުން ލައްވާ އިސްތިޤްބާލު ކުރުވަން ބޭނުންފުޅު ނުވާ ކަމަށް ސްރީލަންކާގެ ރައީސް މައިތްރީޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.
މިދިޔަ ހަފްތާ ބަންދުގައި ސްރީލަންކާގެ ޓީވީ ޗެނަލެއްގެ ޝޯވއެއްގައި ބައިވެރިވެވަޑައިގެން ދެއްވި ބަސްދީގަތުމެއްގައި، ރައީސް ސިރިސޭނާ ވިދާޅުވީ، އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ރަސްމީ ހަފްލާތަކުގައި ސްކޫލް ކުދިން ގަދަކަމުން ބައިވެރިކުރުވުން ބޭނުންފުޅު ނުވާ ކަމަށެވެ.
ރައީސް ސިރިސޭނާ ވިދާޅުވީ، މީގެ ކުރީގެ ރައީސުން ބައިވެރިވެވަޑައިގަތް ރަސްމިއްޔާތުތަކުގައި، ގިނަ އަދަދެއްގެ ސްކޫލު ދަރިވަރުން، ރައީސް ވަޑައިގަންނަވަންދެން ގަދަ ހޫނުގައި ކޮޅަށް ހުރުން ފަދަ ކަންކަން އެމަނިކުފާނަށް ފެނިފައިވާ ކަމަށެވެ.
"ބައެއް މީހުން ބުނޭ ދަރިވަރުން ބޭނުން ކޮށްގެން ތިން ހަތަރު ކިލޯމީޓަރުގެ ބޮޑެތި ކިއު ހައްދައިގެން ދުނިޔޭގެ ރިކޯޑު ހަދަން އުޅޭނީއޭ. އެހެން ނަމަވެސް ބައެއް ދަރިވަރުންނަށް ދަނީ ޖިސްމާނީ ގޮތުން މައްސަލަތަކެއް ދިމާވަމުން މިފަދަ ކަންކަމާ ހެދި، މިސާލަކަށް ނުކައި އައިސް އެގޮތަށް ކޮޅަށް ތިބެން ވުމުން ހޭނެތުން ފަދަ ކަންކަން ދިމާވޭ. މިފަދަ ސަބަބުތަކާ ހެދި، މި މަންޒަރުތައް ނުބަލަންވެގެން އަޅުގަނޑު މި ރަސްމިއްޔާތުތަކަށް އައުން ހުއްޓާލީ،"
ސިރިސޭނާ ވިދާޅުވެފައި ވަނީ، ރަސްމީ ޖަލްސާތަކުގައި އެޤައުމުގެ ޤައުމީ ސަލާމް ފަދަ ލަވަތައް ކިޔާ ދަރިވަރުން ފިޔަވާ އެހެން ސްކޫލް ދަރިވަރުން ރަސްމީ ޖަލްސާތަކުގައި ބައިވެރިވާން ނުގެނައުމަށް އެދިވަޑައިގެންފައެވެ.
މިކަމާއި ގުޅިގެން، ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވަނީ ރައީސް ސިރިސޭނާއަށް ތައުރީފް ކުރައްވާފައެވެ. އެމީހުން ބުނެފައި ވަނީ އެފަދައިން ކުދިން ކޮޅަށް ގިނައިރު ވަންދެން ބެހެއްޓުމަކީ އެކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ވެސް މައްސަލަތައް ކުރިމަތިކުރުވާ ކަމެއް ކަމަށާއި، އެކަމުގެ ނޭދެވޭ އަސަރުތައް މީގެ ކުރިްނ ފެނިފައިވާ ކަމަށެވެ.
މަސްދަރު: ޑެއިލީ ނިއުސް އެލްކޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ