ހުކުމްތައް ރައްޔިތުން ބަލައިގަންނާނީ ފަނޑިޔާރުންގެ އުޅުމާއި ގުޅުން ރަނގަޅުކޮށްގެން: އުއްތަމަ ފަނޑިޔާރު

ފަނޑިޔާރުންގެ ހުކުމް ރައްޔިތުން ބަލައިގަންނާނީ ކޯޓް ތެރޭގަ އާއި ޒާތީ ދިރިއުޅުމުގައި ވެސް އެއްގޮތަކަށް ރައްޔިތުންނާމެދު އަމަލުކޮށްގެން ކަމަށް ވިދާޅުވެ، ފަނޑިޔާރުންގެ އުޅުމާ ގުޅުން ރަނގަޅު ކުރެއްވުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ސުޕްރީމް ކޯޓުގެ ތިން ވަނަ އަހަރީ ދުވަސް ފަހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފާއިޒު ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތިން ފަނޑިޔާރަކު ހުކުމެއް އިއްވެވި ކަމުގައި ވިޔަސް އެ ނިންމުން ރައްޔިތުން ބަލައިގަންނާނީ އެ ފަނޑިޔާރަކީ ރަނގަޅަށް އުޅޭ މީހަކަށް ވެގެން ކަމަށެވެ. އަދި ކޯޓްރޫމް ތެރޭގަ އާއި ޒާތީ ދިރިއުޅުމުގައި ވެސް ތަފާތެއް ނެތި އަމަލު ކުރުމަށް ފަނޑިޔާރުންގެ ކިބައިން އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންނެވި އެވެ.
"ތަފާތެއް ނެތި ކޯޓް ރޫމް ތެރޭ އޮންނަ ގުޅުމާއި ކޯޓުން ބޭރުގަ އޮންނަ ގުޅުމާ އެބަޖެހޭ އެއް ގޮތްވާން. ރައްޔިތުން ވަޒަން ކުރަނީ އަޅުގަނޑުމެން އުޅޭ އުޅުންތަކާއި އަޅުގަނޑުމެން އުޅޭ އުޅުންތަކަށް ބަލައިގެން ކަމަށް ވަނީ ވިއްޔާ އަދި އެކަން އެބަޖެހޭ ބަލައިލާ ރަނގަޅުކޮށްލަން. ހަމަކަށަވަރުން ވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ އެއްކަމެއް އަޅުގަނޑުމެންގެ ނިންމުންތައް ގަބޫލު ކުރާނީ އެ ނިންމުން ނިންމާ މީހަކީ ]ފަނޑިޔާރަކީ[ ވެސް އެބަޔަކަށް ގަބޫލު ކުރެވޭ ގޮތަކަށް އުޅޭ މީހަކަށް ވާ ކަމަށް ވަންޏާ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ފާއިޒު ވިދާޅުވީ ކުރިން އެހެން ގޮތަކަށް އުޅެން ޖެހުނު ކަމުގައި ވިޔަސް މިހާރު އެގޮތް ރަނގަޅު ނުވާނެ ކަމަށާއި ރައްޔިތުންތެރޭގައި ފަނޑިޔާރުން އުޅޭ އުޅުން ރަނގަޅު ކުރަންޖެހޭ ކަމަށެވެ. ފާރަވެރިވާ ފަރާތްތަކުން އެކަންތައްތައް ބަލާ މިހާރު ފާޑުކިޔުންތައް އަމާޒު ކުރަމުންދާނެ ކަމަށާއި ޒާތީ ދިރިއުޅުމުގައި ވެސް އެއް އުސޫލަކުން އަމަލުތައް ބެހެއްޓެވުމަކީ ފަނޑިޔާރުން ކުރަންޖެހިފައިވާ ޖިހާދެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް އެ އިލްތިމާސް ފަނޑިޔާރުންނަށް ކުރައްވަނީ ފަނޑިޔާރުންގެ އުޅުއްވުން އެގޮތަށް ހުރުމުން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގެ މުސްތަގިއްލު ކަމަށް ހުރަސް އެޅޭ އެއްވެސް ކަމަކަށް ޖާގައެއް ނުދައްވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. ވިދާޅުވީ ޝަރުއީ ދާއިރާގެ އެތެރެ އާއި ބޭރުން ވިޔަސް އެ ދާއިރާއަށް ގޮންޖެހޭނެ އެއްވެސް ކަމެއް ސްޕްރީމް ކޯޓުން ބަލައިނުގަންނާނެ ކަމަށެވެ. އަދި އެފަދަ ކަމަކަމަށް ފުރުސަތު ނުދައްވާނެ ކަމަށެވެ.
ފާއިޒު ވިދާޅުވީ ޝަރުއީ ދާއިރާއަށް ގޮންޖެހުންތައް ހުންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށާއި ފާޑުކިޔުންތައް އަމާޒުވާނެ ކަންވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ހަމައެއާއެކު ގާނޫނު އަސާސީން ލިބިދީފައިވާ މުސްތަގިއްލު ކަމާއެކު ޝަރުއީ ދާއިރާ ކުރިއަށްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޖުޑީޝަރީ އެތެރެއިން ވިޔަސް، ޖުޑީޝަރީގެ ބޭރުންވިޔަސް ރައްޔިތުންނަށް ލިބިދީފައި މިއޮންނަ ހައްގު، ލިބިދީފައި މިއޮންނަ ޝަރީއަތް ކުރުމުގެ ހައްގު އިރާދަ ކުރައްވިއްޔާ މި މިނިވަންކަންމަތީ ކުރިއަށް ގެންދިޔަދޭނަން... މި ވާޖިބު އަދާކުރަނީ ކެރިގެންނޭ އެއްވެސް ފަރާތަކަށް މިކަމުގައި ދުލެއް ދޭކަށެއް އަޅުގަނޑުމެން ނެތީމޭ. ގޮންޖެހުންތައް ހުންނާނެ ހުންނާނެކަން ގަބޫލު ކުރަން. ފާޑުކިޔުންތައް ހުންނާނެ ކަން ގަބޫލު ކުރަން. އެހެން ނަމަވެސް ގާނޫނު އަސާސީން ލިބިދީފައި މިއޮންނަ މުސްތަގިއްލުކަމާއެކު އަޅުގަނޑުމެންގެ މިސްރާބު ދާނީ ކުރިއަށް،" ފާއިޒް ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށާއި ޖާގައިގެ ދަތިކަން ހައްލުވެއްޖެ ނަމަ ފަނޑިޔާރުން އިތުރުކޮށް މައްސަލަތައް ކުރިއަށް ގެންދިއުން އަވަސް ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ޝަރުއީ ދާއިރާއަށް ބިމެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށާއި ނަމަވެސް އެ ބިން އަދި ލިބިފައި ނުވާ ކަމަށެވެ.
ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވޭތުވެދިޔަ ތިން އަހަރުގެ ސުޕްރީމް ކޯޓުން ނެރުނު ހުކުމްތައް އެކުލެވޭ ފޮތް، "ސްޕްރީމް ކޯޓްގެ ނިންމުން" ނެރުނެވެ. އެ ފޮތް ނެރެދެއްވީ ވެސް އުއްތަމަ ފަނޑިޔާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ