ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތައް މަޑުޖައްސާވުމަށް އެންގި އެންގުމަކީ ސުޕްރީމް ކޯޓުން މަޖިލީހަށް ނުފޫޒު ފޯރުވުންކަމަށް ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
ރައީސް އަދި ނައިބުރައީސް އަޒުލުކުރުމަށް ފަހިވެގެންދާގޮތަށް މަޖިލީހުގެ ގަވައިދަށް ހުށައަޅާފައިވާ އިސްލާހަކަށް އަމަލުކުރުން ވަގުތީ ހުއްޓާލުމަށް އަންގައި ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރިފައިވާ މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، ތިން ބާރު ވަކިކޮށްފައިވަނީ މުހިންމު މަގުސަދެއްގައިކަމަށާއި އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދެވޭންވާނެކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން އަމަލުކުރާނެ ގޮތް ނިންމަނީ މަޖިލީހުގެ ތެރެއިންކަމަށާއި މެމްބަރުންގެ ތެރޭގައި ބަހުސްކުރެވި މަޝްވަރާތައް ކުރެވި އެކުލަވާލާފައިވާ މަޖިލިސް ހިންގުމުގެ ގަވައިދެއްވެސް އޮތްކަމަށް އަލިއެޅުއްވިއެވެ.
އަފީފް ވިދާޅުވީ، އެ ގަވައިދުގައި ބަޔާންކުރާ އަދަދާއި ގުޅޭ ޑިސްޕިއުޓެއް އުފެދިގެން ބަންޑާރަ ނައިބުވަނީ ކޯޓަށް ވަޑައިގެންފައިކަމަށެވެ. އެހެންނަމަވެސް ދައުލަތުގެ ފަރާތުން ވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރެއްވުމަށްވެސް ހުންނަވަނީ ބަންޑާރަ ނައިބުކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަން އެކަކަށް ކުރެވޭނެ ގޮތާއިމެދު އަފީފް ސުވާލު އުފެއްދެވިއެވެ. އަދި އެއް ފަހަރު އެއް ގޮނޑީގައި އިނދެ މަޖިލީހުގެ ވަކީލުކަމަށް ވިދާޅުވުމަށްފަހު އަނެއް ގޮނޑީގައި އިޝީނުމަށްފަހު ބަންޑާރަ ނައިބުކަމަށް ވިދާޅުވާނީތޯވެސް އޭނާ ސުވާލު އުފެއްދެވިއެވެ.
އޭނާ ވިދާޅުވީ، މަޖިލީހުގައި ކުރެވޭ ބަހުސްތަކުގެ ސަބަބުން ޝަރީއަތްތަކަށް ނުފޫޒު ފޯރާކަމުގެ ވާހަކަތައްވެސް ދެކެވިފައިވާކަމަށެވެ. އެހެންނަމަވެސް މަޖިލީހުގައި ކުރެވޭ ބަހުސްތަކުގެ ސަބަބުން ޝަރީއަތަށް ނުފޫޒު ފޯރާ ގޮތެއް ނުވިސްނޭކަމަށާއި މަޖިލީހުގެ މެމްބަރުނަށްވެސް އެ ބީދައިން ވާހަކަތައް ދެއްކުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވިއެވެ.
”ހަމަ އެ ބީދައިން އަޅުގަނޑުމެންނަށް ވާހަކަ ދެކެވިދާނެ، މިއަދު މި މަޖިލީހުގެ މަސައްކަތަށް ނުފޫޒު ފޯރުވަންވެސް މިއޮތީ ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރިފައި ސުޕްރީމް ކޯޓުން ނިންމަން ޖެހޭނެ ވަގުތުން ވަގުތަށް އެއީ މި ގާނޫނުއަސާސީއާއި ތައާރަޒްވާކަމެއް ތޯ މަޖިލީސްގެ ކޯރަމާއި ގުޅޭގޮތުން ނުނީ މަޖިލިސްގެ އަދަދާއި ގުޅޭގޮތުން މަޖިލިސްގެ ގަވައިދަށް ގެނެވިފައިވާ ބަދަލަކީ އެހެން ނުނިންމާ ވަގުތީ އަމުރެއް ނެރުމަކީ އެގޮތަށް އަމަލު ނުކުރާށޭ ކިޔައިގެން ނިންމާ ނިންމުމަކީ މި މަޖިލީހުގެ މަސައްކަތަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވުންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ“ އަފީފް
އަފީފް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތަކަށް ނުފޫޒުފޯރުވުމަށް ސުޕްރީމް ކޯޓުންވަނީ ވަގުތީ އަމުރެއް ނެރިފައިވަކަމަށާއި އެހެންނަމަވެސް ހުށެޅުނު މައްސަލައިގައި ސުޕްރީމް ކޯޓުން އެކަމަކީ ގާނޫނުއަސާސީއާއި ތައާރަޒްވާ ކަމެއް ތޯ ވަގުތުން ވަގުތަށް ނިންމަން ޖެހޭކަމަށް ވިދާޅުވިއެވެ. އަފީފް ވިދާޅުވީ، ގޮތް ނިންމުމުގެ ބަދަލުގައި ވަގުތީ އަމުރެއް ނެރުމުން މަޖިލީހުގެ މަސައްކަތްތަކަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވާފައިވާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
އޭނާ ވިދާޅުވީ، ދައުލަތުގެ އެއްބާރުން އަނެއް ބާރަށް ފޯރުވަން ޖެހެނީ ނުފޫޒެއް ނޫންކަމަށެވެ. އަފީފް ވިދާޅުވީ، ދައުލަތުގެ އެއްބާރާއި އަނެއް ބަރާއި ވާހަކަ ދެކެވި އިސްލާހުގެ މަގުން ކަންކަން ކުރިއަށް ގެންދެވެންވާނެކަމަށެވެ. އޭނާ ވިދާޅުވީ ދުސްތީރީ މައްސަލައެއް ކަމަށްވާނަމަ ހުށައެޅުމާއިއެކު އެ މައްސަލައިގައި ގޮތް ނިންމަންޖެހޭކަމަށާއި މަޖިލީހުގެ ގަވައިދަށް ގެނެވިފައިވާ ބަދަލު ގާނޫނުއަަސާސީ އާއި ތައާރަޒްވޭތޯ ނިންމެންޖެހޭނެކަމަށް ތަކުރާރުކުރެއްވިއެވެ.
އަފީފް ވިދާޅުވީ، ސުޕްރީމް ކޯޓުން މައްސަލަ ނިންމަންދެން މަޖިލީހުން ކުރަމުންދާ މަސައްކަތްތައް މަޑުޖައްސާލަން ބުނުމަކީ މަޖިލިސް މަޑުޖެހުމަކަށް ގެނައުންކަމަށެވެ. އެނާ ވިދާޅުވީ ދައުލަތުގެ އެއްވެސް ފަރާތަކުން ކުރާ އެއްވެސް ކަމަކީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކުރާ މަސައްކަތަކަށް ވެގެން ނުވާނެކަމަށް ވިދާޅުވިއެވެ.
މަޑުކުރަން އެންގުމަކީ މަޖިލީހަށް ސުޕްރީމް ކޯޓުން ނުފޫޒު ފޯރުވުން: އަފީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ