ބާސެލޯނާގެ ޑެނީ އޮލްމޯ އާއި ޕައު ވިކްޓަރ ރަޖިސްޓަރީ ކުރުމުގައި ގޯހެއް ހަދާފައިނުވާނެ ކަމަށް އެކްލަބުގެ ރައީސް ހުއާ ލަޕޯޓާ ބުނެފި އެވެ.
ސްޕެއިންގެ ލަލީގާ އާއި ފުޓްބޯޅަ ފެޑަރޭޝަނުން އޮލްމޯ އާއި ވިކްޓަރ ރަޖިސްޓަރ ކޮށްނުދިނީ ކުޅުންތެރިޔާ ދާއިމީ ކުރަން ދީފައިވާ މުއްދަތުގައި ބާސެލޯނާއަށް އެކަން ނުކުރެވުމުންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް ބާސެލޯނާއަށް އެކަން ނުކުރެވުނީ ލީގުގެ މާލީ ގަވާއިދުތަކަށް އެ ކުލަބު ނުފެތުމުންނެވެ. އެއާއެކު އެ ދެ ކުޅުންތެރިން ވަނީ ރަޖިސްޓަރީން އުނިކޮށްފައެވެ. އަލުން ރަޖިސްޓަރ ކުރަން ގަވާއިދު ތަނެއްނުދެއެވެ. ލަލީގާ އިން އެންމެ ފުރަތަމަ ވެސް އޮލްމޯ ރަޖިސްޓަރީ ކޮށްދީފައިވަނީ ހަ މަސް ދުވަހަށެވެ.
އެއާއެކު ކުޅުންތެރިން ރަޖިސްޓަރ ކުރާ ލީގުގެ ގަވާއިދަކީ މިހާރަށް ފެތޭ އެއްޗެއް ނޫން ކަމަށް ބުނެ ބާސެލޯނާއިން ވަނީ މި މައްސަލަ ކަމާއި ގުޅުން ހުރި ފަރާތްތަކަށް ހުށައަޅާފަ އެވެ. އަދި ދަށު ކޯޓުތަކުންނާއި ލީގާއި ފެޑަރޭޝަނުން އެކަން ކޮށްދޭން ދެކޮޅު ހެދި ނަމަވެސް، ބާސެލޯނާ އަށް ކާމިޔާބުވީ ސްޕެއިންގެ ކުޅިވަރު ކަންކަން ނިންމާ އެންމެ މަތީ ކައުންސިލް ކަމަށްވާ ސްޕްރީމް ސްޕޯޓްސް ކައުންސިލުން ދެ ކުޅުންތެރިން ރަޖިސްޓަރ ކުރުމަށް ވަގުތީ ހުއްދައެއް ދިނުމުންނެވެ.
މި ދެ ކުޅުންތެރިން ރަޖިސްޓަރީ ނުކޮށްދީފައިވަނީ ބާސެލޯނާގެ މާލީ ހާލަތު ދަށްވެ ކުޅުންތެރިންނަށް މުސާރަ ދެވޭނެ ގޮތްތަކެއް އެ ކްލަބުގެ މާލީ ހިސާބުތަކުން ދައްކާފައިނުވާތީ އެވެ. އަދި ފަހުން އެ ކްލަބުން ވަނީ ނޯކޭމްޕްގެ ވީއައިޕީ ބޮކްސް ވިއްކާލުމަށްފަހު ކުޅުންތެރިންނަށް މުސާރަ ދެވޭނެ ކަން ކަށަވަރުކޮށްދީފަ އެވެ.
ލަޕޯޓާ ބުނެފައިވަނީ މެދުއިރުމަތީގެ ފަރާތްތަކަށް ވީއައިޕީ ބޮކްސް ވިއްކާލުމަށް ނިންމާފައިވާއިރު, ނައިކީ އާއިއެކު އެކްލަބުގެ ކިޓް ސްޕޮންސަރ ކަމުގައިވާ ނައިކީ އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ހަތް އަހަރަށް އިތުރު ކުރުމާއިއެކު އެ ކްލަބުގެ މާލީ ނުތަނަވަސްކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ސްޕެއިންގެ ސްޕްރީމް ސްޕޯޓްސް ކައުންސިލުން ކުޅުންތެރިން ރަޖިސްޓަރީ ކުރުމަށް ހުއްދަ ދިނުމާއިއެކު ލަލީގާގެ ބައެއް ކްލަބްތަކުން ވަނީ އެކަމަށް ފާޑު ކިޔާފަ އެވެ. އަދި އެ މައްސަލަ އިސްތިއުނާފު ކުރާނެކަމަށްވެސް ލަލީގާ އިން ވަނީ ބުނެފަ އެވެ.
އޮލްމޯ ރަޖިސްޓަރީ ކުރުމުގައި ބާސެލޯނާއިން ގޯހެއް ނަހަދާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ