އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ 5 ލޯކަލް ކައުންސިލަކުން ހުސްވެފައިވާ މަޤާމުތަކަށާއި، 28 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކުން ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައްވާފައެވެ.އިލެކްޝަންސް ކޮމިޝަނުން މިކަމާއި ގުޅިގެން ނެރުއްވި އިއުލާނުގައި ވިދާޅުވެފައިވަނީ 5 ރަށެއްގެ ލޯކަލް ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް އަންނަ 2025 ފެބުރުވަރީ މަހުގެ 08 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންއަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް، ހދ. މަކުނުދޫ ކައުންސިލްގެ މެންބަރު، ނ. ލަންދޫ ކައުންސިލްގެ އަންހެން މެންބަރު، ރ. ފައިނު ކައުންސިލްގެ ރައީސް އަދި ފ. ބިލެތްދޫ ކައުންސިލްގެ މެންބަރު ހިމެނެއެވެ.އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބާއްވާ 28 ރަށުގެ ތެރޭގައި ހދ. ނައިވާދޫ، ހދ. ހިރިމަރަދޫ، ށ. ގޮއިދޫ، ށ. ނޫމަރާ، ށ. ނަރުދޫ، ނ. މިލަދޫ، ނ. ފޮއްދޫ، ނ. ކުޑަފަރި، ރ. ހުޅުދުއްފާރު، ރ. އިންނަމާދޫ، ރ. އުނގޫފާރު، ބ. ހިތާދޫ، ބ. ގޮއިދޫ، ބ. ފެހެންދޫ، ބ. ދަރަވަންދޫ، ކ. ހުރާ، އދ. ހަންޏާމީދޫ، ވ. ފެލިދޫ، މ. މުލި، މ. މަޑުއްވަރީ، ފ. ބިލެތްދޫ، ދ. ހުޅުދެލި، ލ. ގަން، ތ. ބުރުނި، ލ. އިސްދޫ، ގއ. ގެމަނަފުށި، ގއ. ކަނޑުހުޅުދޫ އަދި ގދ. ރަތަފަންދޫ ހިމެނެއެވެ.އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ، މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2024 ޑިސެންބަރު 22 ވާ އާދީއްތަ ދުވަހުގެ 10:00 ން ފެށިގެން، 2025 ޖަނަވަރީ 06 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައްވާފައިވާ ކަމަށެވެ.މި ބައި-އިލެކްޝަންގެ ވޯޓު ނެގުމަށް ހަމަޖެހިފައަމަޖެހިފައިވަނީ، 2025 ފެބުރުވަރީ 08 ވާ ހޮނިހިރު ދުވަހުގެ 8:00 އިން 16:00 އަށް ކަމަށާއި، ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2025 ފެބްރުވަރީ 09 ވާ އާދީއްތަ ދުވަހުގައި ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.މި ބައި-އިލެކްޝަންތަކަކީ އެކި ސަބަބުތަކާ ހުރެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ އިންތިޚާބުތަކެކެވެ. މިފަދަ އިންތިޚާބުތައް ބޭއްވުމަކީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ފުރިހަމަކޮށް، އެ މުއައްސަސާތަކުގެ މަސައްކަތްތައް އެންމެ އެދެވޭ ގޮތުގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
5 ކައުންސިލެއްގެ ބައި-އިލެކްޝަނާއި 28 ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ