ފުލުހުން މަނާ ކުރި ނަމަވެސް މާލޭގެ ހުރިހާ ތަނަކަށް ވެސް އެއްވެވޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ ފުލުހުން މަނާ ކުރި ނަމަވެސް މާލޭގެ ހުރިހާ ތަނަކަށް ވެސް އެއްވެވޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ސަރުކާރުން ހުއްދަ ދީފައިވާ މަދު ސަރަހައްދަކަށް މެނުވީ އެއްނުވެވޭނެ ކަމަށް އަންގައި ފުލުހުން އިންޒާރު ދީފައިވީ ނަމަވެސް ވެރި ރަށް މާލޭގެ ހުރިހާ ތަނަކަށް ވެސް އެއްވެވޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ކާނިވާ ސަރަހައްދާއި ރަސްފަންނާއި އުސްފަސްގަނޑާއި އިންޑަސްޓްރިއަލް ޒޯން ނޫން ތަނަކަށް އެއްވެއްޖެ ނަމަ އެ އެއްވުމެއް ބާރުގެ ބޭނުންކޮށްގެން ރޫޅާލާނެ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ. ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ މާލެއަށް އެއްވުން ސަރުކާރުން ދުވަހަކު ވެސް މަނާ ނުކުރާ ކަމަށެވެ.
"[ފުލުހުންގެ އެންގުމަކީ] ގާނޫނު މިވަގުތު އޮތް ގޮތުން ލިޔުން ނެރެންވާ ގޮތް ކަންނޭނގެ. އަޅުގަނޑު ބަލައިލާނަން އެ އިބާރާތް. އަޅުގަނޑު އަހާލަން ޖެހޭނީ އެހެން އޮތީ.. އެކަމަކު ޕްރެކްޓިސް ކުރަނީ ކީއްވެތޯ. ރޭގައި ވެސް ހަމަ ރީތިކޮށް އެއްވެވުނު. ރޭގައި ވެސް އެއްވެވުނު. އެއްވެސް ކަހަލަ އިންޒާރެއް ވެސް ނުދޭ،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނުގެ ވަނީ ޒުވާނުން މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޒުވާނުންގެ އެއްވުމުގައި ހުތުރު ބަހުން އެއްޗެހި ކިޔާ ކަމަށާއި ކުޅިވަރު ކުޅޭ ކަމަށް ބުނެ ވެސް އެމަނިކުފާނު ފާޑުވިދާޅުވި އެވެ.
ކުރިން އެންގުމަކައި ނުލައި މުޒާހަރާ ކުރުމަކީ ގާނޫނުއަސާސީއިން ލިބިދޭ ހައްގެކެވެ. އެކަމަކު އެ ހައްގު ހަނި ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގާނޫނެއް ހެދި އެވެ. އެ ގާނޫނުގެ ދަށުން މާލޭގައި އެއްވެވޭނީ ސަރުކާރުން ހުއްދަ ދޭ ތަނަކަށް އެކަންޏެވެ.
"ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށް ގާނޫނީ ބާރުގެ ބޭނުންކޮށ،ް އެއްވުން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި އާންމު މަސްލަހަތު ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ދިވެހި ފުލުހުންގެ ހިދުމަތުން އަޅަމުންގެ ގެންދާނެ ވާހަކަވެސް ދަންނަވަން،" ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ. ފުލުހުން އެހެން ބުނިއިރު، ގާނޫނުއަސާސީގައި ހުއްދަ ކޮށްފައި އޮތް މިންވަރަށް މުޒާހަރާ ކުރުމުގެ ހައްގު ފުޅާ ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއްވެ އުޅުމަކީ އަސާސީ ހައްގެއް. އެއްވެ ހިޔާލުފާޅުކުރެވެން ޖެހޭނެ. އެކަމަކީ އަސާސީ ގޮތުން އޮންނަންޖެހޭ ކަމެއް. އެހެންވީމާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުދޫދުގެ ތެރޭގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެންމެ ފުޅާމިނެއްގައި އަދި އިސްލާމީ ޝަރީއަތުގައި ތަންދޭ އެންމެ ފުޅާމިނަކަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލެއްވިއްޔާ ގެނެސްގެން ވިޔަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއްވެ އުޅުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ލިބިގެންދާނެ،" އޯގަސްޓް 15، 2023، ގައި ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ