ސަޔަނޯރާ ހައިރާންވީ ދިވެހިން ކުށްކުރާލެއް ގިނަވީމާ، އެކަމަކު މިހާރު މިއީ ކުށުގެ ރާއްޖެއެއް

ސޯޝަލް މީޑިއާގައި މަލިކުގެ ދިރިއުޅުމުގެ ވާހަކަތައް ގެނެސްދޭ ސަޔަނޯރާ ޔައުގޫބު 'ދައުރު'އަށް ދިން އިންޓަވިއުގެ މައްޗަށް ބިނާކޮށް އިއްޔެ ރިޕޯޓެއް ގެނެސްދިނެވެ. ރާއްޖެއާ މެދު އޭނާގެ ހިތުގައި އޮތީ ވަރަށް ބޮޑު ލޯތްބަކާއި ގުޅުމެކެވެ. އެއްބަނޑު އެއްބަފާ ބޭބެ މަސައްކަތްކުރަނީ ރާއްޖޭގެ ސަފާރީއެއްގަ އެވެ. ރާއްޖޭގެ މާހައުލު ތަޖުރިބާކޮށްގެން އެނބުރި ގޮސް އެ ބޭބެ ކިޔައިދޭ ވާހަކަތަކުގެ ތެރެއިން ސަޔަނޯރާ އެންމެ ހައިރާންވަނީ ރާއްޖޭގައި ކުށްކުރާލެއް ގިނަކަމުންނެވެ.
"ބޭބެ ރަށަށް ދާ ފަހަރުތަކުގައި އެ މީހުންނަށް ރާއްޖޭގެ ވާހަކަތައް ކިޔައިދެ އެވެ. އޭނާ އެންމެ ހައިރާންވީ، ރާއްޖޭގައި ކުށްކުރާ މިންވަރު ބޮޑުކަމުގެ އަޑުއިވިފަ އެވެ. މަލިކުގައި ކުށް ކުރާ ރޭޓު އިންތިހާއަށް ދަށެވެ. ސަޔަނޯރާ ބުނާ ގޮތުން މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުން އެ ރަށުގައި ނޯންނާނެ އެވެ. އެންމެން ވެސް އުޅެނީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކުވެރިކަމާ އެކުގަ އެވެ،" ރިޕޯޓްގައި ލިއުނެވެ.
މަލިކުން ފެންނާނީ ދިވެހިންގެ ކުރީގެ ދިރިއުޅުމެވެ. މަލިކުގެ އަބާދީއަކީ ގާތްގަނޑަކަށް 15،000 އެވެ. ރާއްޖޭގެ ނިސްބަތުން ނަމަ އެއް ރަށަކަށް އެއީ ވަރަށް ބޮޑު އާބާދީއެކެވެ. މާލެ ސަރަހައްދު ނަގާފައި ރާއްޖޭގައި އެވަރުގެ އާބާދީއެއް އޮންނާނީ ހދ. ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫގަ އެވެ.
ނަމަވެސް އެ ދެ ރަށުގައި ވެސް ތަފާތު ކުށްތައް އާންމުކޮށް ހިންގަ އެވެ. މަސްތުވާތަކެއްޗާއި މާރާމާރީ އެވެ. ވައްކަމެވެ. ބައެއް ފަހަރަށް މަރުގެ އަމަލްތަކެވެ.
މަލިކުގައި ނެތީ އެ ހާސްކަމެވެ. ސަޔަނޯރާ ބުނާ ގޮތުގައި މަސްތުވާތަކެތީގެ މައްސަލަ  އެއްގޮތަކަށް ވެސް ނެތެވެ.
ކުށަކީ، އެއްބައެއްގެ ނަޒަރުގައި، ތަރައްގީއާ އެކު ފެތުރޭ އިޖުތިމާއީ މައްސަލަގަނޑެކެވެ. މާއްދީ ކަންކަން އިސްކޮށް، ދިރިއުޅުމުގެ ސާދާ ގޮތްގަނޑު ނެތި، ތިމާ ބޭނުންވާ ކަމެއް ކޮންމެ ގޮތަކުން ކުރަން ޖެހޭނެކަމުގެ ވިސްނުމުގެ ތެރޭގައި ވަދެވޭ ހަލާކެކެވެ. މަސްތުވާތަކެތި ބޭނުންކުރަނީ ކުޑަ ވަގުތުކޮޅެއްގެ 'އަރާމަށެ'ވެ. ނަމަވެސް އެ 'އަރާމު'ގައި މީހާ ހަލާކުކޮށްލަނީ އެވެ. އެ ބޭނުންނުކޮށް ނުތިބެވޭ ހާލަތަށް ދިއުމުން ވައްކަން ކުރަން ވެސް 'މަޖުބޫރުވަނީ' އެވެ. 
ފުލުހުން ވަނީ މިދިއަ ރޯދަމަހާއި މިދިއަ އަހަރުގެ ރޯދަމަހު ރިޕޯޓްކުރި ކުށުގެ ތަފާސްހިސާބު ނެރެފަ އެވެ. ކުރީ އަހަރަށް ވުރެ މި އަހަރުގެ ރޯދަމަހު ރިޕޯޓްކުރި ކުށްތައް މަދުވީމާ އުފާކުރަންވީ ހެއްޔެވެ؟ އެއީ އެހާ ބޮޑު ކާމިޔާބީއެއް ހެއްޔެވެ؟
ޖިނާއީ ކުށަށް ފެތެރޭ ހުރިހާ ބާވަތެއްގެ ކުށަށް ބަލާ ނަމަ ދެ އަހަރުގެ ތަފާތަކީ މި އެވެ:
2004: 1،116 ކުށް
2025: 904 ކުށް
212: ކުރީ އަހަރަަށް ވުރެ މި އަހަރު މަދުވި މިންވަރު
ޖިނާއީ ކުށްތައް ގިނަކަމުން މިހާރު ހުންނަނީ ބައިބަޔަށް ބަހާފަ އެވެ. ކުރީގައި ނަމަ ވައްކަމާއި މާރާމާރީ އާއި މަސްތުވާތަކެއްޗާއި ޖިންސީ ގުޅުމުގެ ބައިތަކުން ފުއްދާލެވެ އެވެ. އެކަމަކު މިހާރު ސައިބަކްރައިމް އާއި ސްކޭމް ފަދަ ޒަމާނީ ކުށްތައް ވެސް ރާއްޖޭގައި މި އޮތީ އާންމުވެފަ އެވެ. އެހެންކަމުން މަލިކުގެ ހިތްގައިމު، ފަސޭހަ، ސިކުނޑިއަށް ބުރައެއް ނެތް ދިރިއުޅުމުގައި އުޅޭ މީހުންނަށް ރާއްޖެ ސިފަކުރެވޭނީ ކުށުގެ ގައުމެއްގެ ގޮތުގަ އެވެ. އާއެނކެވެ. މިއީ މިހާރު ކުށުގެ ރާއްޖެއެކެވެ.
އެންމެންނަށް ވެސް ފެންނާނީ މަސްތުވާތަކެތީގެ ހަލާކުގެ ތެރޭގައި އުޅޭ ޒުވާނުން ފިހާރައަކުން ވައްކަމެއް ކޮށްގެން ހިފަހައްޓައިގެން އުޅޭ ތަނެވެ. ނޫނީ މަގުމަތީގައި މަސްތުވެގެން އުޅޭ މަންޒަރެވެ. ސޯޝަލް މީޑިއާގެ ބައެއް އެކައުންޓްތަކުގައި އެފަދަ ވީޑިއޯތައް ގިނަ އެވެ. ނަމަވެސް މިއީ ރާއްޖޭގައި ފެތުރިފައި އޮތް ކުށުގެ ކުޑަ މިންވަރެކެވެ.
ދައުލަތުގެ މުދަލަށް ހިޔާނާތްވުމާއި މަޝްރޫއުތަކުގެ ތެރެއިން ނަގާ ނާޖާއިޒު ބޮޑެތި ފައިދާތަކުގެ ތަފުސީލެއް ނުލިބޭނެ އެވެ. އެހެންކަމުން ބޮޑެތި ވައްކަމުގައި އުޅޭ މީހުން ތިބޭނީ ޓައި އަޅައިގެން، އޮފީސްތަކުގެ މޭޒު ކައިރީގަ އެވެ. ނުވަތަ ރައްޔިތުންގެ މަޖިލިހުގަ އެވެ. ނުވަތަ ދައުލަތުގެ ކޮންމެވެސް އެހެން އިދާރާއެއްގަ އެވެ. ނުވަތަ ދައުލަތުގެ މިނިވަން ކޮންމެވެސް މުއައްސަސާއެއްގަ އެވެ.
ފަހަރެއްގައި ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމެއްގެ ތެރޭގައި ފައިސާ މާ ބޮޑަށް އެނބުރިގަތީ އެވެ. އެ މުއްސަނދިކަން ހޯދަން ނާޖާއިޒު ގޮތެއްގައި ބޭނުންކުރެވޭނެ ފުރުސަތުތައް ދައުލަތުގެ ވެރިންނަށް އެނގިގެންނާއި ނޭނގި ނަމަވެސް، ތަނަވަސްވީ އެވެ. މިއަދު ޝަރުއީ ނިޒާމުގެ އެތައް ފަނޑިޔާރުންނަކަށް މަސްތުވާތަކެތީގެ ފައިސާގެ ނުފޫޒު ފޯރާކަން ޔަގީނެވެ. ރައްޔިތުންގެ މަޖިލިހާއި މިނިވަން މުއައްސަސާތަކާއި ފުލުހުންގެ ތެރެއަށް ވެސް އެ ފައިސާ ވަނީ ވަދެފަ އެވެ. އެހެންކަމުން ތެދުވެރިކަމާ އެކު މަސައްކަތްކުރާ މީހުންނަށް ދިމާވާނީ ހުރަހެވެ. މައްސަލަތައް ވާނީ ލަހެވެ. އާންމުންގެ ހަނދާނުން ކުށްވެރިން ގެއްލި ދާނީ އެވެ.
ސަޔަނޯރާ ފަދައިން އަޅުގަނޑުމެން ވެސް ބޮޑު ލޯގަނޑު ގަރުދިޔަ ކައި އުޅުނީމެވެ. ރަށްފުށުގެ ދިވެހި އަންހެނުން، މަލިކު އަންހެނުން ގޮތަށް، މަސް ބަލާ އަތިރިމައްޗަށް ނުފޭބިޔަސް، ގެއަށް މަސް ގެނައުމުން ބަދިގެ ތެރޭގައި ހުރިހާ ކަމެއްގެ ޒިންމާ ނަގާނީ އެ މީހުންނެވެ. އަޅުގަނޑުގެ ބައްޕަ ފަރާތު މާމަ ފަދައިންނެވެ. ގޭ އަންހެނުންނާއި ގޭދޮށު އަންހެނުން އެއްކޮށްގެން މާމަ ހުންނާނީ މަސައްކަތުގެ ލީޑަރަކަށެވެ. ހުރިހާ ކަމެއް ހިނގަމުން ދާނީ މާމަގެ އަމުރަށާއި އިރުޝާދަށެވެ.
ގޭ ދޯނި މަސް ބާނައިގެން އައުމުން ބަދިގެ ދޮށް އެ ފުރުނީ އެވެ. މަސްކަނޑާ މީހުން މަސް ކަނޑަނީ އެވެ. ގަރުދިޔަ ކައްކާ އަންހެނުން، ހޫނުގެ ތެރޭގައި ދާހިއްލާ ފޯވެގެން އަވަދިނެތި އެވެ. އިލޮއްޓަކަށް މަހުގެ ބިސްތައް އަމުނާފައި ގަރުދިޔަގަނޑަށް ލަ އެވެ. އެއީ ކުދިވެރިންގެ ތާޒާ ކާނާ އެވެ. ރޯފިލުމާ އެކު އަވަހަށް ގެނެސް ކުދިންގެ އަތަށް ދިއްކޮށްލަ އެވެ.
މިއީ 1970ގެ އަހަރުތަކުގެ ކުޑަ މަންޒަރެކެވެ.
ދިރިއުޅުމުގެ ބައެއް ކަންކަން ނުފުދިގެން އޭރު ވެސް ޝަކުވާ ހުރެ އެވެ. އެކަމަކު އެ ޝަކުވާއަށް ހައްލު ހޯދަނީ ކުށެއް ކޮށްގެންނެއް ނޫނެވެ. ކެތްތެރިވެގެންނެވެ. އެކަމަކު މިއަދު އެ ޝަކުވާއާ އެކު ގިނަ މީހުން ބަލާނީ ކޮންމެ ގޮތެއް ހަދައިގެން ވިޔަސް އެ ކަމެއް ފުއްދޭތޯ އެވެ.
އާއެނކެވެ. ކުރީގެ އެ ދިރިއުޅުމުގެ ތެރެއަށް އަނބުރައެއް ނުދެވޭނެ އެވެ. އެހެންކަމުން މަލިކު ފަދަ ރަށެއް މި ރާއްޖެއަކުން ދެނެއް ނުފެންނާނެ އެވެ. އެކަމަކު މި ވަރަށް ކުށް ކުރާ ގައުމަކަށް ރާއްޖެ ވީ ދައުލަތުގެ ވެރިންގެ ނާގާބިލްކަމުންނެވެ. ވެރިންގެ ދުރު މުސްތަގުބަލުގެ ވިސްނުން ކުޑަކަމުންނެވެ. ފައިސާގެ ނުފޫޒާއި ވެރިކަން ދެމެހެއްޓުމުގެ އެދުމާއި ސިޔާސީ މަންފާ ހޯދުމުގެ ނިޔަތް މާ ބޮޑުވެގެންނެވެ.
އެ ހަގީގަތުގެ މައްޗަށް ވިސްނާ މީހަކަށް މި ރާއްޖެ ފެންނާނީ ނާއުއްމީދީ ތަނެއްގެ ގޮތުގަ އެވެ. ގައުމު ކިތައްމެ ރީތި ނަމަވެސް، މާހައުލު ކިތައްމެ ހިތްފަސޭހަޔަސް، އޭގެ އުފަލެއް ދިވެހިންނަކަށް މިހާރު ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ