"ސިމެދަ" ޕޯޓަލް މެދުވެރިކޮށް ނޫނީ ޕާޓީތަކަށް މެންބަރުން ނުވެއްދޭ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
މި އިސްލާހާއިއެކު މިއަދުން ފެށިގެން ސިޔާސީ ޕާޓީއަކަށް މެންބަރުން ވެއްދޭނީ "ސިމެދަ" ޕޯޓަލް މެދުވެރިކޮށެވެ. ސިމެދަ ޕޯޓަލް ގައި އާންމު ރައްޔިތުންނަށް ހާއްސަ އަދި ސިޔާސީ ޕާޓީތަކަށް ހާއްސަ ޕޯޓަލް އެއް ހުރެއެވެ. ''ސިމެދަ" ޕޯޓަލް އިން ޕާޓީއަކަށް ވަނުމަށް އެ ޕޯޓަލް އިން އީފާސް އިން ލޮގިން ވުމަށްފަހު ވަނުމަށް ބޭނުންވާ ޕާޓީއެއް އިހުތިޔާރު ކުރުމަށްފަހު މިހާރު ހުރި ރަށާއި އެޑްރެސް ލިޔުމަށްފަހު ހުށަހަޅާނީއެވެ.
މި ޕޯޓަލް އިން ހުށަހަޅާއިރު ޕޯޓަލް އިން ބޭނުން ކުރާނީ ޑީއެންއާރުގައި ހުރި އެ ފަރާތެއްގެ މައުލޫމާތެވެ. އަދި އެ މައުލޫމާތު އީސީ އިން ބޭނުންވެއްޖެ ހިނދެއްގައި ހޯދުމަށް އިއުތިރާޒު ނުކުރާކަމުގައި އިގުރާރުވާން ޖެހޭނެއެވެ.
މި އިސްލާހުގައިވާ ގޮތުން ޕާޓީއަކަށް މީހަކު ވެއްދުމަށްފަހު، އެ މީހާގެ މައްސަލައެއް އޮތްތޯ ބެލުމަށް އިއުލާނެއް ކުރަން ޖެހޭނެ އެވެ. އަދި ޕާޓީތަކުން އޮންލައިންކޮށް ހުށަހަޅާ ފޯމުތައް 10 އަހަރު ދުވަހުގެ މުއްދަތަށް ރައްކާކޮށް ބަލަހައްޓަން ޖެހޭނެ އެވެ.
ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ތާރީހުން ފެށިގެން 6 މަސް ދުވަސް ތެރޭގައ،ި އަލަށް އުފައްދަން ހުށަހަޅާ ޕާޓީއަށް ވަނުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން 3,000 މީހުން ހަމަކުރަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.
މީގެ އިތުރުން މި އިސްލާހުގައިވާ ގޮތުން އޮޅުވާލައިގެން ނުވަތަ ނުފޫޒު ފޯރުވައިގެން ނުވަތަ އެހެން މީހެއްގެ ނަމުގައި އޭނާއަށް ނޭނގި ޕާޓީއަށް ވައްދާފައިވާކަން ދިވެހި ފުލުހުންގެ ހިދުމަތް މެދުވެރިކޮށް ކުރާ ތަހުގީގަށް ފެނިގެން އެކަން އީސީއަށް އަންގައިފި ނަމަ އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާތިލުކުރަން ޖެހޭނެއެވެ.
ދެން ޕާޓީތަކަށް މެންބަރުން ވެއްދޭނީ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ