ރައީސް އޮފީހުން ކޯޓަށް ހުށަހެޅި ސިޔާސީ މުވައްޒަފުންގެ ނަންތައް ހާމަކުރުމުގެ މައްސަލަ އަނބުރާ ނަގައިފި

ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ރައީސް މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ސިޔާސީ މުވައްޒަފުންގެ ނަންތަކުގެ މައުލޫމާތު ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ނިންމި ނިންމުމެއް އިސްތިއުނާފު ހައި ކޯޓަށް ހުށަހެޅުމަށް ފަހު އަނބުރާ ނަގައިފި އެވެ.
ވީ ކިހިނެއް؟ - ހައި ކޯޓުގެ ރަޖިސްޓްރީން ދަައްކާ ގޮތުގައި ރައީސް އޮފީހުން އެ މައްސަލަ އިސްތިއުނާފްކުރީ މިދިޔަ ހަފުތާ ހޯމަ ދުވަހުގަ އެވެ. އެ ކަން މިއަދު ފާހަވަގެން ރާއްޖޭގެ ނޫސްތަކުގައި ރިޕޯޓްކުރި އެވެ.
ތަފްސީލް - އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިރޭ 'ދައުރު'އަށް ވިދާޅުވީ އެ މައްސަލަ ހައި ކޯޓަށް ހުށަހެޅި ދުވަހު އަނބުރާ ނަގާފައިވާ ކަމަށެވެ.
"ރައީސް މުހައްމަދު މުއިއްޒު އަޅުގަނޑުމެންނަށް އިރުޝާދު ދީފައި ވަނީ އާރުޓީއައި (މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު)ގެ މައްސަލަތަކުގެ ތެރެއިން ގާނޫނީ ގޮތުން ސާފު، އެއްވެސް ފުށުއެރުމެއް ނެތް މިފަދަ މައްސަލަތައް އިސްތިއުނާފްކުރުމަށް،" އުޝާމް ވިދާޅުވި އެވެ.
ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް އެދިފައިވަނީ:
17 ނޮވެމްބަރު 2023 އިން ފެށިގެން 8 ޖެނުއަރީ 2024ގެ ނިޔަލަށް އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު
އެ މުވައްޒަފުންގެ ނަންތައް، އެޑްރެސް، ވަޒީފާ އަދާކުރާ މިނިސްޓްރީ، މަގާމު އަދި މުސާރައިގެ މައުލޫމާތު ދިނުމަށް
އައިކޮމް އިން ނިންމީ އެޑްރެސް އުނިކުރުމަށް ފަހު ދެން ހުރި މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށެވެ.
ފާހަގަކޮށްލެވޭ - ސަރުކާރުގެ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކުރި އިރު، އެ މުވައްޒަފުންގެ މައުލޫމާތު ވެސް ސިއްރުކުރަން ސަރުކާރުން ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ