މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނި އަނިޔާތަކެއް ލިބިފައިވާ ހައްވާ ޔުމްނު ރަޝީދު ފަރުވާއަށް ފަހު މެލޭޝިއާގެ ހޮސްޕިޓަލުން މިހާރު ދޫކޮށްލާފައިވާ ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ. ނަމަވެސް އޭނާ އަދި އޮތީ ބަޔާން ދެވޭ ހާލަތެއްގައި ނޫން ކަމަށް ވެސް އާއިލާއިން ބުންޏެވެ.
ވީ ކިހިނެއް؟ - މި މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ވެސް އަދި ރިޔާސީ ކޮމިޝަނަށް ވެސް ޔުމްނުގެ ބަޔާން ލިބިފައެއް ނުވެ އެވެ. ފުލުހުންނާއި ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި ބަޔާން ނެގުމަށް އާއިލާގެ އެއްބާރުލުން ލިބިފައެއް ނުވެ އެވެ.
ނަމަވެސް މިކަން ޔުމްނުގެ އާއިލާއިން ދޮގު ކުރެ އެވެ.
ތަފްސީލު - 18 އޭޕްރީލްގައި ހިނގި މި ހާދިސާއާ ގުޅިގެން 27 އޭޕްރީލްގައި އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ މަސައްކަތް ނިންމައި ރިޕޯޓު ރައީސް މުހައްމަދު މުއިއްޒަށް މިއަދު އަރުވާފަ އެެވެ. ކޮމިޝަނުން އެ ރިޕޯޓު ނިންމާފައިވަނީ ޔުމްނުގެ ބަޔާނާ ނުލަ އެވެ.
އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު، ޔުމްނު މެލޭޝިއާއަށް ގެންގޮސްފައިވަނީ 26 އޭޕްރީލްގަ އެވެ. އޭގެ ފަހުން އޭނާއަށް މެލޭޝިއާގެ ދެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވެ އެވެ.
އާއިލާގެ ފަރާތުން މިއަދު 'ދައުރު'އާ ވާހަކަ ދެއްކި ޔުމްނުގެ ޅިޔަނު މޫމިން މައުމޫން ބުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
"ހާލު އަންނަނީ ރަނގަޅު ވަމުން. ނަމަވެސް އަދިވެސް އެދުމަތީގައި އޮތީ... މީގެ ހަތް ދުވަސް ކުރިން ހޮސްޕިޓަލުން ދޫކޮށްލައިފި،" މޫމިން ބުންޏެވެ.
ޔުމްނުގެ ބަޔާން ނެގުމަށް އާއިލާގެ އެއްބާރުލުން ނުލިބުނު ވާހަކައާ ގުޅޭ ގޮތުން ސުވާލު ކުރުމުން މޫމިން ބުނީ "އެއީ ބޮޑު ސިންގާ ދޮގެއް" ކަމަށެވެ. އާއިލާގެ ފަރާތުން އެއްބާރުން ދިން ކަމަށާއި ނަމަވެސް ޔުމްނުގެ ސިއްހީ ހާލަތު ހުރީ ބަޔާން ދެވޭ ގޮތަކަށް ނޫން ކަމަށް އޭނާ ބުންޏެވެ.
"ކޮމިޝަނަށް އިންނާނީ [ޔުމްނުގެ] މެޑިކަލް ރިޕޯޓް ހިއްސާކޮށްފައި. އޭގައި [އެ ރިޕޯޓުގައި] އިންނާނެ، ޝީ އިޒް ނޯޓް ފިޓް ޓު ގިވް އިންޓަވިއު... ސިއްހީ ހާލަތު އަދި ތަނެއް ނުދޭ ބަޔާން ދޭކަށް،" މޫމިން ބުންޏެވެ.
ޔުމްނު މިހާރު އެ އޮތް ހާލަތުގައި ދޭ ބަޔާނަކީ، މޫމިން ފާހަގަ ކުރި ގޮތުގައި، ޝަރީއަތުގެ މަޖިލީހެއްގައި ބަލައިގަންނާނެ ބަޔާނަކަށް ނުވާނެ އެވެ.
"އަހަރެމެން ވެސް ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެކަން ކުރަން [ބަޔާން ނަގަން]،" މޫމިން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - ޔުމްނުގެ ބަޔާން ނުނެގިގެން ފުލުހުން ވަނީ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ވެސް ހޯދަމުންދާ ކަމަށް މީގެ ކުރިން ބުނެފަ އެވެ. ޔުމްނުގެ ބަޔާން ނެގުމަށްޓަކައި އޭނާ މެލޭޝިއާއަށް ފުރި ފަހުން އެ ގައުމުގައި ދެ ފުލުހަކު ގާއިމްވެ ތިބި ކަމަށް ވެސް ފުލުހުން އޭރު ބުނެފައިވެ އެވެ. އޭގެ ތެރޭގައި މެޑިކަލް ޑޮކްޓަރެއް ހިމެނެ އެވެ.
އާއިލާގެ ފަރާތުން އޭރު ބުނެފައި ވަނީ ފުލުހުން ރަސްމީކޮށް ބަޔާން ނަގަން އެދިފައި ނުވާ ކަމަށެވެ.
ޔުމްނު ގެއަށް ދޫކޮށްލައިފި؛ 'އޮތީ ބަޔާން ދެވޭ ހާލަތެއްގައެއް ނޫން'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ