ރޯދައަށް ގޭތެރެ ސާފުކުރުމަށްފަހު މަގުތަކަށް ކުނި ނޭޅުމަށް އިލްތިމާސްކޮށްފި

ރޯދަ މަހަށް ތައްޔާރުވުމަށް ގޭތެރެ ސާފުކުރުމަށްފަހު ހުންނަ ކުނި މަގުތަކަށް ނޭޅުމަށް އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އީޕީއޭ އިން ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހަށް ތައްޔާރުވުމަށް ގޭތެރެ އާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކޮށް، ޒީނަތްތެރިކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދިގެންދާ ކަމަށެވެ. އެގޮތަށް އުފެދޭ ކުނި މަގުމައްޗަށާއި ދުވާރު މައްޗަށް ނެރެ، ބަހައްޓަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
މިހާރަކަށް އައިސް އާންމުކޮށް ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނި ވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން ފާހަގަކުރެވިފައިވާކަމަށާއި އެކަމުގެ ސަބަބުން އެއީ މަގުތައް ނުސާފުވާނެ ކަމެއް ކަމަށާއި މަގުތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތައް ދިމާވާނެ ކަމެއްކަމަށް ވެސް އީޕީއޭ އިން ބުނެފައިވެއެވެ.
އެއީ ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ވާތީވެ، މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް އީޕީއޭއިން ބުންޏެވެ. މީގެއިތުރުން، ރޯދަ މަހަށް ގެ އާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ކުރިން، ކުނި އުކާލެވޭނެ އިންތިޒާމު ހަމަޖައްސަން ވެސް ހަނދާންކޮށްދެއްވާފައިވެއެވެ.
އީޕީއޭއިން އިތުރަށް ބުނީ، ތިމާވެށި ތަގައްޔަރުވާ ނުވަތަ ވެދާނެ ފަދަ ގޮތަކަށް އަމަލު ކުރުމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މަނާކަމެއްކަމަށެވެ. އެހެންކަމުން ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނާ އެއްގޮތަށް ކުނި މެނޭޖުކޮށް، މަގުތަކާއި އާންމު ސަރަހައްދުތަކަށް ކުނި އުކާލުމުގެ ބަދަލުގައި އެ ތަންތަން ސާފުކޮށް ބޭއްވުމަށް އީޕީއޭއިން ހަނދާންކޮށްދެއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ