ގިނަ ބޭސްތަކަކާ އެކު ކޮޗިން އެއާޕޯޓުން 2 ދިވެހިން ހިފަހައްޓައިފި

ހުއްދަ ނެތި ގިނަ އަދަދެއްގެ ބޭސްތަކެއް ބޭރުކުރަން އުޅެނިކޮށް އިންޑިއާގެ ކޮޗިން އެއާޕޯޓުން ދެ ދިވެހިން ހިފަހައްޓައިފި އެވެ.
ވީ ކިހިނެއް؟ - އިންޑިއާގެ ނޫސްތަކުގައި މިއަދު ރިޕޯޓުކޮށްފައިވާ ގޮތުން، އެ ގައުމުގެ ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓުން މި ދެ މީހުން ހިފެހެއްޓީ އިއްޔެ އެވެ.
ބޭސްތަކާ އެކު ހިފަހައްޓާފައިވަނީ، ނިއު އިންޑިއަން އެކްސްޕްރެސް ނޫހުގައި ބުނެފައިވާ ގޮތުން:
މުބާހު ސައީދު 
އަބްދުﷲ ނަސީމް 
ތަފްސީލް - އެ ދެ މީހުންގެ އަތުން 300،000 ރުޕީސް އާއި 500،000 ރުޕީސްއާ ދެމެދުގެ (ގާތްގަނޑަކަށް 88،000ރ.)ގެ އަގު ހުރި ބޭސް ފެނިފައިވެ އެވެ.
އެހާ ގިނަ އަދަދެއްގެ ބޭސް ބޭރުކުރަން އުޅުނީ ކީއްވެ ކަމެއް އަދި ސާފު ނުވާ ކަމަށް އިންޑިއާގެ ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ. ފަހަރުގައި އެއީ ރާއްޖޭގައި ރީޓެއިލްކޮށް ވިއްކުމަށް ބޭރުކުރަން އުޅުނު ބޭސްތަކަކަށް ވެދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
އެހާ ގިނަ އަދަދެއްގެ ބޭސް ބޭރުކުރާ ނަމަ އެ ކަމަށް ހާއްސަ ލައިސެންސެއް ބޭނުންވާނެ އެވެ. 
ބޭސްތަކުގައި މަސްތުވާތަކެތި ހިމެނޭތޯ ބަލަމުން އަންނަ ކަމަށް ވެސް އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ފާހަގަ ކުރެވޭ - ކޮޗިން އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށް ދަތުރު ކުރާ ސިޓީ އެކެވެ. 
އިންޑިއާ މަގުން ގިނަ އަދަދެއްގެ ބޭސްތަކެއް ރާއްޖެ ގެންނަން އުޅެނިކޮށްް ދެ މީހަކު ހިފެހެއްޓި އިރު ބައެއް ބޭސްތައް ރާއްޖެއިން ލިބުން ދަތިކަމުގެ ޝަކުވާ ގިނަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ