ޖުންޖުލާ 9
"ތިބާއަށް ދެއްވާފައިވާ ނިއުމަތްތައް ހަނދާން ނައްތާލަން ފަސޭހަވާނެއެވެ. ނަމަވެސް ގުނާ އަދަދު ނުކުރެވޭހާ ނިއުމަތްތައް ދެއްވާފައިވެއެވެ. ހެނދުނު ހޭލާ ދުނިޔެއަށް ނޭވާލުމަކީ ނިއުމަތެކެވެ. ހުރިހާ ހިއްސެއް ސަލާމަތުން ހުރުމަކީ އަދި ޖިސްމާނީ، ނަފްސާނީ ދުޅަހެޔޮކަމަކީ ނިއުމަތެކެވެ. ބަނޑުފުރާނަ މުއްތިކޮށް ހިޔާވަހިކަން ލިބި ހިނގާ ބިނގާވެ އުޅެ އެހެން މީހުންނަށް އަޅާލުމުގެ ފުރުސަތަކީވެސް ނިއުމަތެކެވެ. ކުދި ކުދި ކަންތައްތަކަކީވެސް އަބަދުހެން ޝުކުރުވެރިވާން ޖެހޭފަދަ ކަންތައްތަކެވެ. ޝުކުރުވެރިވުމުން ލިބޭ ނިއުމަތްތައް ގިނަވާނެކަމަށް ވަނީ އަންގަވާފައެވެ." *** އަހަރެން ނޫޅެން އެ ދެ އަންހެނުންކުރެ އެކަކާ ހެދިއެއްވެސް....." އޭނަ އަމިއްލައަށް ދިފާއުވާން މަސައްކަތްކުރިއެވެ. އެފަދަ ޚަބަރެއްވެއްޖެއްޔާ އެހާ އަވަހަށް އެންމެނަށް އެނގޭނެއެވެ. އޭނާ ވެފައިވަނީ އެންމެންގެ ހޫނު މައުޟޫއަށެވެ. "ކީއްވެ ތިހާ ހާސްވެފައި؟" "ނެތިން ހާސްވެފައެއް..." ޖެނީފާ އޭނައާ ދިމާލަށް ވޭޕް ދިއްކޮށްލީ މައިކްރޯފޯނެއް ކަމަށް ހަދާފައެވެ. "އާރިކް...އެއީ ހަމަ ކޯރެއް... ކޮއިފުޅު... އަދި މިހާރު އެ ކޯރުގައި ތި ގެނބެނީ..." *** އާރިކް އޭނަގެ މާމަ ގޮވައިގެން ރެސްޓޯރެންޓަކަށް ވަނުމުން ގިނަ ބަޔެއްގެ ސަމާލުކަން ލިބުމުން ލަދުގަންނަގޮތްވިއެވެ. ކޮންމެވެސް އަންހެންކުދިންތަކެއް ސިއްރުން ފޮޓޯނެގިކަން އޭނަގެ ހަވަނަ ހިއްސު ބުނެދިނެވެ. އެކުދިން ތުއިވެ އޭނަގެ ސަމާލުކަން ހޯދަން ކުރި މަސައްކަތްވީ ފެނަށެވެ. އެ ޒުވާނާއަކީ އެހެން ޕްލެނެޓަކުން އައި "އޭލިއަން"އެއްކަމަށް އެކުދިން ނިންމިއެވެ. އެހެން ނޫންނަމަ އެހާ ރީތި ސްޓައިލިޝް އަންހެންކުދިންތަކެއްގެ ސަމާލުކަމަށް ކޮންމެވެސް ސިފައެއްގައި ރައްދުދޭނެ ނޫންހެއްޔެވެ؟ އަމިއްލައަށް ޚިދުމަތް ލިބިގަންނަންޖެހޭ ތަނެއްކަމުން އޭނަ މާމައަށްވީ ތަބައްވެސް ހިފައިގެން ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. "ނިގާބު އެޅި ކުއްޖާ ފަހުން އައިތަ؟" މާމަ އެހީ މޫސުމާއި ބެހޭގޮތުން އެއްޗެއް ބުނެލާފަދަ އާދައިގެ ރާގެއްގައެވެ. އާރިކް ކޮފީ ބޮއިބޮއި އިނދެ ކޮށި ނޭރީ ހަމަކިރިޔާއެވެ. "މާމައަށް އެވަރުގެ ބޮޑު ޚަބަރެއް ނެތިގެން އެ ވާހަކަ ކިޔާދިނީ ކާކު؟" "މާމަ މުސްކުޅިވިޔަސް ދިރި އެބަހުރިން...މުވައްޒަފުންވެސް ރަނބަ ހިލާނެ.." "އެކުއްޖާގެ ބޮޑުދައިތައަށް ޒިޔާރަތްކުރަން އައީ..." "މްމްމމްމ....."މާމަ އެ ބަހަނާ ގަބޫލުކުރަން ދެކޮޅުހެދިއެވެ. "އަލާނާ....ވެސް ހީވަނީ އެންމެ ފެވެރިޓް ޝޯ ކެންސަލްވެގެން އުޅޭހެން...ވާނުވާއެއް ނޭގޭ......ކީއްވެ އެންމެން ޝައްކުކުރަނީ؟ ސިކުނޑިއާއި ވިސްނުމާއި ޟަމީރުއަކީ ދެއްކެން އޮންނަ އެއްޗެއްނަމަތާ ދޯ ނަގާފައިވެސް ދެއްކޭނީ މާމާ.." "މާމަގެ ދަރިޔާ...ކޮއިފުޅަށް ފަހަރެއްގައި މޮޔަވުމާއި ދެވިހިފުމާއި ކުޑައިރުލިބޭ އަނިޔާ ދޭހަވެދާނެ އެކަމަކު. އަންހެނުންނާއި ޖެހުނީމަ އެއްވެސް އެއްޗެއް ނޭގޭ...."މާމަ ހިނިއައިއިރު ލޮލުން ވިދުމެއް ފެނުނެވެ. "ކޮއިފުޅު ހުސްހަށިބަޔަށް ހުންނާތީ އަންހެންކުދިން ވާވަރުވެސް މާމަގެ ލޮލަށް އެބަފެނޭ. ބަލާލައިގެން ރީތިވެގެން ކަމަކުނުދާނެ...ތަހުޒީބަށް ލޯ ހުޅުވުނަސް ދީނަށް އުޅޭ އަޚުލާގު ރަގަޅު ގެވެހި ކުއްޖެއް އަންބަކަށް ގެނައީމަ ނޫނީ އުފާވެރިކަމެއް ނުލިބޭނެ..." މާމަ އަބަދުވެސް ނަސޭހަތްދޭނެއެވެ. އެހުރިހާ އަގުހުރި ލަފުޒުތަކެއް އޭނަގެ ސިކުނޑީގެ ޚަޒާނާގައި ރައްކާކުރެވިފައިވެއެވެ. *** އުދަރެހުގެ ތިރިން އަޅިކުލައިގެ ބޮޑެތިވިލާތައް އެއްވަމުން ދިޔައީ ވާރޭވެހެން އުޅޭކަން އިއުލާންކުރަމުންނެވެ. ފަޒާގައިވަނީ ތެތް ފިނިކަމެކެވެ. ހީކަރުވައިގަންނަފަދަ ގޮތެކެވެ. "ދަ ވިލެޖް"ގެ އެތެރެ ލެޑް ބޮކިތަކުން ދިއްލާ އަޅާފައި އޭސީގެ ފިނިކަމާއެކު ބޭހުގެ ވަސް އެކުވެގެން ބޭސްވެރިކަމުގެ މާހައުލެއް އުފައްދާފައިވިއެވެ. ޑޮކްޓަރުންނާއި ނަރުހުން އަދިވެސް އެކި ޚިދުމަތްތެރިން މަސައްކަތުގެ ޒިންމާ އުފުލަނީ ވަރުބަލިވެސް ވެފައިތިބެއެވެ. ނަމަވެސް އިންސާނިއްޔަތުކަން އެކުލެވިފައިވިއެވެ. އަލާނާ ތިންވަނަ އައިސް ކޮފީ ހިފައިގެން އަންނަމުން ނަރސް ޖަގަހަ ފެނުމާއެކު ލޯ ދިއްލުނެވެ. "ޑޮކްޓަރު އާރިކްއަކީ މަގޭ ހެޕީ ޕިލްތަ؟ ފެނުމުން މޫޑު ރަގަޅުވެއްޖެ...." ޔަގީނުންވެސް ހިނިތުންވުން ފުޅާވިއެވެ. އާރިކް ބަލިމީހުންގެ ޗާޓުތައް ކިޔާކަމަށް ހެދިގެން އިނަސް އޭނަގެ ޚިޔާލުވީ މަންމައާއިއެކުގައެވެ. މަންމަ ރުޅިނާރުވާ ނޫނީ މަލާމާތަކަށް ނުވާނެގޮތަކަށް ހޮސްޕިޓަލުގެ ތެރޭގައި ވޭޕްކުރުމަކީީ ފަރުވާއެއްނޫންކަމަށް ބުނާނީ ކިހިނެއްހެއްޔެވެ؟ ނަރުސްކުދިންވެސް އޭނަގެ ކުރިމަތީގައި ކައުންޓަރުގައި ތިބިއިރު އާރިކްގެ ޝަޚުސިއްޔަތުން އަސަރުކޮށްފައިވާކަމަށް ފެނެއެވެ. ކުއްލިއަކަށް އެންމެންގެ ސަމާލުކަން ލިބުނީ މޫނު ބުރުގާގައި އަންނަ އަންހެންކުއްޖާއަށެވެ. އެއީ އަދީނާގެ ބޮޑުދައިތަ އަންހެންދަރިފުޅު އަހެދްއެވެ. މިއަދު ހައިރާންކަން އިތުރުވީ އެ އަންހެންކުއްޖާއާއެކު އެހެން ނިގާބީއެއް ހުރުމުންނެވެ. ބޮޑު ހެދުމެއްގެ ނިވަލުގައި ފޮރުވިގެން ހުއްޓަސް ލޫޅާފަތި ކުއްޖެއްކަން ދެނެގަނެވޭވަރުވެއެވެ. "މިތަން އިންވޭޑްކުރަން އަންނަ ބަޔެއްތަ؟" ޝިފާ ވައިއަޑަކުން ކިޔައިލިއެވެ. "ޕިސްޕިސް...ހުއްޓާލާ...އެކުދިން ކިހާ ސްވީޓް..."ރިސެޕްޝަނުގައި ހުރި ނަރުސް ހިތާއި ދެކޮޅަށް ބުނެލިއެވެ. "ބިރެއް ނުގަނޭ...އެކަމަކު...ހަމަ ސަޕްރައިޒްވީ.." ދެ އަންހެންކުދިންގެ މިސްރާބު ހުރީ އެ ޖަގަހައާއި ދިމާލަށެވެ. އަހެދް ކައުންޓަރއައި ކައިރިވީއިރު ޑޮކްޓަރ އާރިކްވެސް އިސްއުފުލާ ބަލައިލީއެވެ. އޭރު އަލާނާވެސް ކައުންޓަރގައި އަތް އަޅުވާލައިގެން ބަލަން ހުރީ މި ދެއަންހެންކުދިންގެ ހަރަކާތަށެވެ. ނަރުސްކުދިންގެ ވާހަކަތައް އިވުނަސް އެކަމާއިމެދު އޭނަގެ ހިތް ގޮތެއް ނުނިންމިއެވެ. "އައްސަލާމް އަލައިކުމް...."އަހެދްގެ ސަލާމަށް ޖަވާބުދިނީ ހަމައެކަނި އާރިކްއެވެ. "މިއީ އަޅުގަނޑުގެ އެކުވެރިޔާ ބާބިލް....." އާރިކް އެއްޗެކޭ ބުނަން އުޅެފައި ނަޒަރު ހުއްޓުނީ އެހިސާބާ އަރާ ހަމަވީ މީހަކު ފެނިފައެވެ. ޖެނީފާ ވޭޕުން ދުން އަރުވަމުން ކާލި އަޅަމުން އައިއިރު ހާލަތު އެހާ ރަގަޅުހެން ހިޔެއްނުވެއެވެ. ޑްރަގް ހުއްޓާލާފައިވުމުން އޭގެ ސަބަބުން ދިމާވާ ނުގުޅޭ އަސަރުތަކާއެކު ބޭސް ގަވާއިދުން ނުކާތީ ސިކުނޑި ހަމަޔަކަށް ނޭޅޭ ވަގުތުވެސް އަންނަނީއެވެ. ނޫނީ ސިއްރުން ޑްރަގް އެތެރެ ނުކުރާކަމެއްވެސް އެނގެނީއެއްނޫނެވެ. އަނެއްކާ ވޭޕަށް އަޅައިގެން ބޭނުންކުރަނީ ހެއްޔެވެ؟ އާރިކްގެ ސިކުނޑި ވަގުތުން ރަތް ސިގްނަލް ދިނެވެ. އެ ދެ އަންހެންކުދިން އޭނަގެ ނަޒަރުގެ ރާޑަރަށް އެރުމާއެކު ފިޔަވަޅުތައް ހުއްޓުނެވެ. "މިއީ....ކޮންކަމެއް؟ ނިންޖާ ކޮންފެރެނެސެއްގެ ތެރެއަށް މަށަށް މިވަދެވުނީ......." "ކޮޓަރިއަށް ދަމާ..."އާރިކް ތެދުވުނެވެ. "ކޮސްޕްލޭ އިވެންޓެއްތަ؟"ޖެނީފާގެ އަޑު ގަދަވިއެވެ."އަހަރެންވެސް ކަނޑިއެއް ގެންނަންވީ؟" "އައްސަލާމް އަލައިކުމް އާންޓީ..."އަހެދް އަދަބުވެރިކަމާއެކު ބުނެލިއެވެ. "ޢައްދޭ މަށަކީ ކަލޭގެ އާންޓީއެއްނޫން..."ޖެނީފާ އިޝާރާތްކޮށްލީ ބާބިލްއަށެވެ. އަދި ކަލޭ....ކޮންމެވެސް ތާކުން ދުށް ހަނދާނެއްވޭ...." އެންމެން ނޭވާ ހިފަހައްޓައިލިއެވެ. "މަތިމައްޗަށް ފޮތިއަޅާ ފޮރުވިގެން ހުއްޓަސް ކަލޭގެ ދެލޯ މަށަށް އޮޅުވައެއްނުލެވޭނެ....ކަލޭ......މަގޭ ރަށަށް އައީ..ރޮމުން...އޭނަ ހީކުރީޔޯ ދުނިޔޭގައި ހުންނަނީ އެންމެ ޖެނީފާއެއްކަމަށް...މަށަކީ މީނަގެ މަންމަ ކަމަށް ހީކޮށްގެން އައީ......." އާރިކް ސިއްސައިގެން ދިޔައެވެ. "އެކަމަކު މަގޭ ދަރިއެއްވެސް ނޫން...ސިކުނޑި ދޮވެވިފައިހުރި ކަޅު ފޮތިގަނޑެއް...އެފަހަރުވެސް ސޮއްކިޔާފައި ފައްސައިލީ...މިފަހަރުވެސް ފަހާލާނަން..." އެންމެނަށް ސިހުން ލިބި އެއްކުއްޖެގެ އަތުން ގަލަން ދޫވިއެވެ. ބާބިލް ބިރުން އިސްޖެހިނަމަވެސް މަސްލަހަތަށް ބަލާފައި އަަސްއަވަހަށް ހިނގައިގަތީ ކަޅުކުލައިގެ ނިވަލުގައި ހުރިހާ ޝުއޫރުތަކެއް ފޮރުވައިލަމުންނެވެ. އަހެދްވެސް ފަހަތުން ހިނގައިގަތުމުން އެންމެނަށް ބަލަން ތިބެވުނީއެވެ. އެކުދިންގެ ކޮންމެ އަދާއެއްގައިވީ ތަވާޟައުވެރިކަމާއި އަދަބުވެރިކަމެވެ. ކިޔަމަންތެރިކަމެވެ. އަލާނާވެސް އާރިކްގެ މޫނަށް ބަލައިލިއިރު އެ ނަޒަރު ވީ ޖެނީފާއަށް ހުއްޓިފައެވެ. އަލަނާގެ ހިތަށް ފިނިކަމެއް ލިބުނެވެ. "ވެލް...އާރިކްގެ އަޅުވެރިކަން ނަސީބެއް. ކާކުގެ ނަސީބެއްކަން ނޭގޭ...އާރިކްގެ އެންމެ ކަމުދާ ސިފައަކީ އަންހެނުންނަށް ފޯރި ނުހުންނަކަން....ވަރަށް ތަފާތު...." *** ހޮސްޕިޓަލުގެ ބޭރުގައި ހައްދާފައިވާ ގަސްތަކާއި ވިނަގަނޑުވެސް ވާރޭގެ ސަބަބުން ދޮވެވި ފެހިކަން ގަދަވެފައިވެއެވެ. އާރިކް ބެންޗުގައި އިށީދެ އިނީ ފޯނަށް ބަލަހައްޓައިގެން ކަމުގައިވިޔަސް ކޮންމެވެސް ޚިޔާލެއްގައި އިންކަން އަލާނާ ދެނެގަތެވެ. އޭނަ ގޮސް އަނގައިން ބުނުމެއްނެތި މީހަކަށް އިށީދެވޭނެހާ ޖާގައިގެ ދުރުމިނުގައި އިށީނެވެ. "ކޮންކަމަކާއި ތިވިސްނަނީ؟" އެތައް އިރެއްގެ ހިމޭންކަމަށްފަހު އޭނަ އެހިއެވެ. އާރިކް ޖަވާބެއްނުދިނެވެ. "އަހަންނަށްވެސް ވެގެން އުޅޭގޮތެއް އެހާ ނޭގޭ...އެކަމަކު.."އޭނަ ބުނެލިއެވެ." އެކަމަކު އެއްވެސް އެހީއަކަށް ބޭނުންވެއްޖެއްުޔާ މިބުނީ...ހަމަ ސަމާސާނުކޮށް ހަމަ ސީރިޔަސް ވާހަކަދައްކަންވެސް އިނދެވިދާނެ. ޑޮކްޓަރެއްހެން..ނަފްސާނީޑޮކްޓަރެއްހެން........." އާރިކްގެ ނަޒަރު އޭނަގެ މޫނަށް ސިކުންތުކޮޅަކަށް ނަމަވެސް ހުއްޓުނެވެ. މޮޅިވެރިކަމުގެ މިންވަރެއް އެލޮލުން ފެނުނެވެ. "ވަރަށް ގިނަ ކަންތައް ސިކުނޑިއަށް ލައިގެން ތިއުޅެނީ އާރިކް..ކޮންމެވެސް ދުވަހަކުން ތި ސިކުނޑީގެ ބުރަ ދޫކޮށްލަންވާނެ.." އަލާނާގެ ފަރާތުން ސީރިޔަސްކަމާއިއެކު އޯގާތެރިކަން ފެނުމުން އާރިކްއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. "ހަމަ ރަގަޅަށް މިބުނީ..ތިއީ އޯގާތެރި ޑޮކްޓަރެއް..ސްމާޓް....އެކަމަކު ފިލައިގެން އުޅެނީ އަނެއްކާ އަނިޔާއަކަށް އިންތިޒާރުކޮށްގެން ހުންނަ މީހެއްފަދައިންކަން އެނގޭތަ؟" ދެމީހުންވެސް އަނގައިން ނުބުނެ ހިމޭނުން ތިއްބާ ވާރޭގެ ތިކިތައް ތަންކޮޅެއް ބޯކޮށްލައިފިއެވެ. ގާ ޖަހާފައިވާ ހިމަ މަގުގައި ވާރޭގެ ތިކިތައް ޖެހި ވަށް ބޮޅުތައް އަޅަންފެށިއެވެ. އަލާނާއަށް އެވަގުތު އިހުސާސްކުރެވުނީ އިށީދެގެން ތިބެވުނުލެއް ގާތްކަމެވެ. އާރިކްގެ ނަޒަރުގައިވި އަސަރެވެ. އޭނަގެ ހިތް ފުންމައިގަތެވެ. އަވަސްއަވަހަށް ކަރުކެހިލިއެވެ."ޢެނީވޭ...ސޮރީ..މާ ފުނަށް ދެވުނީ...އެއީ....މިބުނީ ޚިޔާލުތަކުން އެއްފަރާތް ވާން ބޭނުމިއްޔާ އަހަރެންގެ އަތުގައި ކެޓް މީމް އެބަހުރި........." އާރިކް ހިނިތުންވެލިއެވެ. *** އެރޭވެސް ގުގުރީގެ އަޑު މެދުނުކެނޑިހެން އިވެމުންދާއިރު ކަނޑުގެ ސަތަހައާއި ދިމާލުން ވިދުވަރުގެ އަލި ކެނޑިގެންދާތަން ފެނެއެވެ. ހޮސްޕިޓަލާއި މާ ދުރުނޫން ހިސާބެއްގައި ހުރި އެޕާޓްމެންޓެއްގެ ކޮޓަރިއެއްގެ ތެރެއިން ފެންނަނީ ފަނޑު އަލިކަމެކެވެ. ބާބިލް މުސައްލަމަތީގައި ސަޖިދައިގާ އޮވެ ކަރުނަ އޮއްސަމުން ދިޔައިރު ވާރޭގެ އަޑާއިއެކުވިއެވެ. *** ނިކްސަން ފޫހިވާގޮތްވީ ކޮންމެވެސް މީހަކު އޭނަގެ ބޯތަށި ދެއިންޗިވަރު ވައަތްފަރާތަށް ޖައްސާލަފައިވާތީއެވެ. ނުވީތާކަށް ވާރެއާއިހެދި އަވީގައި ލެވޭނެ ތަންކޮޅެއް ނުފެނުނެވެ. އެންމެ ބޮޑު މައްސައަކީ އާރިކް ގެއިން ނުކުތީ ނިކަން ސާފު ބޫޓެއްލައިގެން އުއްމީދުން ފުރިގެންވާ މޫނަކާއެކުގައެވެ. އޭގެ މާނައަކީ ކޮންމެވެސް ކަހަލަ ޖަޒުބާތީ ގެއްލުމެއް ވާން އުޅުމެވެ. އެހެންވެ ނިކްސަންވެސް އާރިކްގެ ފަހަތު އަޅުވައިލީއެވެ. ސްޓާފް ލައުންޖަށް އެސޮރުވަނީ ނިގޫ ކޮޅަށް ޖަހާލައިގެން ނިކަން ހަމަޖެހިފައެވެ. އެއީ އަހެދް ފެނުމުގެ ކުރިންނެވެ. އަހެދް ކައުޗްގައި ހޮޅިއެއްގެ އެހީތެރިކަމާއެކު ފެންތަށްޓެއް ބޯލަން އިންއިރު މުޅިން ކަޅުކުލައިން ފަރުދާވެފައެވެ. ނިކްސަންގެ ފިޔަވަޅު ހުއްޓުނެވެ. ލޯބޮޑުކޮށްގެން އޮވެ ނިގޫ ކޮޅަށް ޖަހައިލިއެވެ. "ޢައްސަލާމް އަލައިކުމް ކުޑަ ކުޑަ ސިންގާ...ވަރަށް ލޯބި...."އަހެދް އަތްދިއްކޮށްލުމާއެކު ބަކަރިއެއްހެން ހަޅޭއްފަޅޭއްޖަހައިގެންފާ އަޅާއިތިކޮށް ދުވެގޮސް ގޮނޑިއެއްގެދަށަށް ވަނެވެ. "އަހަންނަށް ނުބައި އެއްޗެއް ބުނެވުނީތަ؟" "އާނ...."އަލާނާއަށް އެ މަންޒަރު ފެނުމުން ކައިރިއަށް އައެވެ."އެސޮރު ބިރުގަންނަވާލީނު.. މިބުޅާ ހަމައެކަނި ފިލަންދުވާނީ ވެކުއުމް ކްލީނާއަށް..." "އޯ.....މިސްޓްރީތަކަށް ލޯބިނުކުރާ ބުޅަލަކަށްވާނީ.."އަހެދް އިނީ ހަމަޖެހިލައިގެންނެވެ. އަލާނާ އަތް މޭގައި ހުރަސްކޮށްލައިގެން ހުރިއިރު ނިކްސަން ސިއްރުން ބޯ ނެރުނީ ޝައްކުން ފުރިގެންވާ ގޮތަކަށެވެ. ބިރާއި ސިހުމާއެކުގައެވެ." ހޫމް....ބައެއް އިންސާނުންވެސް އެހާ ލޯބިނުކުރާ ކަމަށް ވަނީ..." "ޑޮކްޓަރ އަލާނާ. ހުރިހާކަމެއް ރަގަޅުތޯ؟"އަހެދް ބޯ އަރިކޮށްލިއެވެ. "ކީކޭ؟ އޯ......ނޫން..ހުރިހާކަމެއް ހަމަ ބަރާބަރު...އަހަންނަށް ވަރަށް ކަމުދާކަމެއް ރީތި މީހުން ކުއްލިއަކަށް އައި ނައި ދިމާލެއް ނޭގި އައުމުން އެންމެން އެމީހުންގެ މުޅި ވުޖޫދާއި ބެހޭގޮތުން ސުވާލުކުރަންފެށީމަ...." "ހެހެ...ޑޮކްޓަރ އަލާނާ ވަރަށް މަޖާ ....." "އަހަރެން ހަމަ ފިތުނަ ފަސާދަ ހަދަނީނު...." އޭނަ އެއްލޯ މަރައިލިއެވެ. "ދައްތަ އެބަ ގުޅާ..ދާންވެއްޖެ.." އެހެދް ސަލާމްކޮށްލާފައި ތެދުވެގެން ގޮސް ކޮރިޑޯއިން އަނބުރާލަންދެން ބަލަން ހުރެވުނެވެ. މޫނު ބުރުގާ އެޅުމުން ސިއްރުވެރި އިހިތިރާމް ކުރެވޭފަދަ ގޮތެއް އެބަހުއްޓެވެ. ފޮރުވިފައިވާ ރަން މުތްތަކެއްހެންނެވެ. *** އަލާނާ ފެންއަރުވާ ވަޑާން ކައިރީގައި މަޑުކޮށްލައިގެން ހުރެ އޭނަގެ އައިސް ކޮފީގައިވާ ގަނޑުފެންކޮޅުތަކާއި ހޮޅިން ކުޅެން އިނީ ޚިޔާލެއްގައެވެ. "މަށަށް ކިހިނެއްވެފައި މިހިރީ؟ މޮޔަވެފައި ކަން ނޭގޭ.." ޖެނީފާއަށް އެހިސާބަށް އާދެވުނުގޮތެއް ނޭގި ފެނުމުން އަލާނާވެސް ސިހުނެވެ. ޖެނީފާ އެތަނުގައި ހުރި ދިގު ގޮނޑިއެއްގައި ހަމަޖެހިލައިގެން އިށީނެވެ. "ހަސަދައަކީ ކޮންކަހަލަކަމެއްތަ؟ ޖެނީފާ ގެ ތުންފަތްމަތީގައިވީ ލާނެތް ހިނިތުންވުމެކެވެ. "ކީކޭ ؟ ތިބުނި އެއްޗެއް ނޭގުނު....."އޭނަ ކޮށިއަރާގޮތްވިއެވެ. "ބުޅަލެއް މޭކަށިގަނޑުގައި ވަކި އަޅާ އިހުސާސެއް ދޯ ކުރެވެނީ؟ އެސޮރު ލޮލަށް ނުފެނި......." "ނޫން. އެއްވެސް ގޮތަކަށް ހަސަދަވެރިއެއްނުވަން" "އެންމެ ރަގަޅު..." "އެކަމަކު ވާނުވާ ނޭގިފައި މިހިރީ...ކޮންމެވެސް ގޯހެއް އުޅޭކަން އެނގެނީ..." "ފަސްވަގުތު ނަމާދުކުރާ ފިރިހެނަކާއިމެދު މިލްކުވެރިކަން ހޯދަން އުޅޭތީ ދޯ...އަހަރެން މިހިރީ ހަނގުރާމަތަކާއި ބަޣާވަތް ކައިވެނިތައް މަރުތައް އެހެންގޮސް ކިތަންމެ ހާލަތުތަކެއް ކައިރިން ދެކެފައި...ލޯ ހުޅުވިފައި.. މިތަނަށް އެ ނިގާބީ ކުއްޖާ އައީމަ ހަސަދަވެރިވެގެން ތިއުޅެނީ؟ އާރިކްއަށް ތިކަހަލަ އަންހެނުން ކަމަކުނުދާނެ. އެނގޭތީ މިބުނަނީ. އޭނައާއި ގުޅޭނީ އެކަހަލަ ނިގާބީއެއް. އަޅުވެރި އަންހެނެއް...އަލާނާވެސް އާރިކްއާއި ހިތާވެގެން އުޅެންޏާ އެންމެ ކުޑަވެގެން އައުރަ ނިވާކޮށްގެން ފަހަތުން އުޅެބަލަ...." އަލާނާގެ މޫނަށް އެތައް ހާސްކުލައެއް އަރާ ފޭބިއެވެ. ޖެނީފާ ބުނީ ތެދެކެވެ. އާރިކްގެ ހިތަށް ވާސިލުވާން އެހާ ފަސޭހައެއްނުވާނެއެވެ. "ކޮމްޕެޓީޝަން އެބައޮތްކަން އިހުސާސްވެއްޖެ. އެކަމަކު އަހަރެންވެސް ދުލެއްނުކުރާނަން. އައި ވިލް ވިން.....ގޯޑް ވިލިން..."އަލާނާ އުދަރެހާއި ދިމާލަށް ބަލައިލަމުން ހިތާހިތުން ކިޔައިލިއެވެ.."ޕްލީޒް ހެލްޕް މީ..." *** "ޑްރަގަކީ ރާއްޖެއަށް ޖެހިފައި އޮތް އެންމެ ބޮޑު އެއް ވަބާ..... ފިރިހެންދަރިއެއް ހުރެއްޖެއްޔާ އެ ކުށުގެ ވެށްޓަށް ވަދެދާނެތީ ބިރުން މައިންބަފައިންނައި އާއިލާއިން އުޅޭއިރު އެފަދަ ބައެއްކުދިން އުފަންވަނީވެސް އެފަދަ މާހައުލަށް. ގޭތެރެއިން ނޫނީ އެކުވެރިންގެ އަވައިގާ ޖެހި މުޅި މުސްތަގުބަލް ހަލާކުގެ ތެރެއަށް ވައްޓައިލެވެނީ..ބައެއްފަހަރު ހިތާމައަކުން އަރައިގަންނަން މިހާ ނުބައި ރާސްތާއެއް ޚިޔާރުކުރެވެނީ. އެކަމަކު މައްސަލައަކީ އަންހެންކުދިންވެސް މިކަމުގެ ތެރެއަށް ވަދެވޭކަން.....މައިމީހާ މަސްތުވެގެން ހުރެ އަމިއްލަ ދަރި އެއްލައިލާ ނޫނީ މަރައިލާ ހިސާބަށް އައުމުން މީގެ ހުރި ނުބައިކަން އެބަ ދެނެގަނެވޭ....އެހެންވެ ދީނުގައި މަސްތުވާ އެއްޗެހި ހަރާމް ކުރައްވާފައިވަނީ. މުޖުތަމައު ހަލާކުގެ ތެރެއިން ނެރެވޭނީ ޑްރަގްއިން ސަލާމަތްކޮށްގެން.." ފުރުގާން ޓީވީއަށް އަރާ ދެއްކި ވާހަކަ އަޑުއަހަން އިން ޖެނީފާގެ މޫނަށް ވެރިވި ކުލަތައް ދެކެން އާރިކް އިނީ ވިސްނުންތެރިކަމާއެކުގައެވެ. "އެ ފުރުގާން ލަދެއްވެސް ނުގަނެއެއްނު..." ޖެނީފާ ރިމޯޓް އެއްލައިލިއެވެ. "ކިހިނެއްވީ؟" "ވަށްބަހުން މަށަށް ޖެއްސުން އެކުރީ...." "ހަމަ އެހެން މީހުންވެސް އުޅޭގޮތެއްނޫންތަ މިއީ؟ އެ ވާހަކަތަކުގައި ގޯހެއްނެތް..........."އާރިކްގެ ޖުމްލައާއެކު ޖެނީފާ މައިތިރިވެ އަނެއްފަރާތަށް އެނބުރުނެވެ. ކުޑަދޮރުގައި އަތް އަޅުވައިލިއެވެ."ތިބުނީ ހަމަ ތެދެއް...އަހަންނަކީ ކުށްވެރިއެއް...ވިޔާނުދާމީހެއް...އަހަންނަށް ހައްގުތަނަކީ ހަމަ ޖަހައްނަމް..." ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ