ކަސްޓަމްސްއިން 3 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ނައްތާލައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ސްޓިކު ނައްތާލައިފި އެވެ.
ތަފްސީލު - ކަސްޓަމްސްއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ނައްތާލީ 199 ކޭހުގައި ހިމެނޭ 3،183،040 ސިނގިރޭޓު ސްޓިކް ކަމަށެވެ.
އެއީ ގާނޫނާ ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރެއިން ހޯދި ތަކެއްޗެވެ.
އެ ތަކެތި ނައްތާލީ އިއްޔެ ދޫނިދޫގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގަ އެވެ. ނަމަވެސް އެ ސިނގިރޭޓު ކޭސްތައް އަތުލައިގަތް ދުވަހެއް ކަސްޓަމްސްއިން ނުބުނެ އެވެ.
ގުޅުން ހުރި - އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ތެރޭގައި ހުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް މި ފަހުން ވަނީ ފެންމަތިވެފަ އެވެ.
އެ މައްސަލައިގައި ހަތަރު މީހުން ހައްޔަރުކޮށް، 12 މީހަކަށް ރާއްޖެއިން ފުރުން ވަނީ މަނާކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ވަގަށް ނެގީ މިދިޔަ އޭޕްރީލް ފަހުކޮޅު ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނަރުގައި ހިމެނޭ ސިނގިރޭޓެވެ.
އޭރު ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި:
40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި
މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ސިނގިރޭޓުގެ އަގު ސަރުކާރުން ބޮޑުކުރުމާ އެކު އެކި ކަހަލަ ވަގު ބްރޭންޑްތަކުގެ ސިނގިރޭޓާއި އެނޫން ވެސް ވަގަށް އެތެރެކޮށްފައިވާ ސިނގިރޭޓު ވިއްކުން ވަރަށް ބޮޑަށް ވަނީ އާންމުުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ