ފީފާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކުޅުންތެރިން ވީއްލުމަށް 335 މިލިއަން ޑޮލަރު ހަރަދުކުރަނީ ފީފާ އިން އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކުޅުންތެރިން ވީއްލުމަށް 335 މިލިއަން ޑޮލަރު ހަރަދުކުރަނީ

ޒިއުރިކް (ސެޕްޓެމްބަރު 18) - ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅުންތެރިން ގައުމީ ޓީމުތަކަށް ވީއްލުމަށް ކްލަބްތަކަށް ދޭ ފައިސާގެ ބަޖެޓަކީ 355 މިލިއަން ޑޮލަރު ކަމަށް ކަނޑައަޅައިފި އެވެ.
ކްލަބްތަކުގެ ކޮންޓްރެކްޓްގައި ތިބޭ ކުޅުންތެރިން ގައުމީ ޓީމުތަކުގެ ބޮޑެތި މުބާރާތްތަކަށް ދޫކުރުމުގައި، ވީއްލުމަށް ދައްކަންޖެހޭ ފީ (ފީފާ ކްލަބް ބެނެފިޓް ޕްރޮގްރާމް) އަކީ، 2010 ވަނަ އަހަރު ލޯންޗްކުރި ކަމަކެވެ. އެއީ، ފީފާގެ ރައީސަކަށް ސެޕް ބްލެޓާ އަދި މިހާރުގެ ރައީސް، ޖިއާނީ އިންފަންޓީނޯ، ޔުއެފާގައި މަސައްކަތްކުރައްވަނިކޮށެވެ.
އެ ގޮތުން، 2010 ވަނަ އަހަރު ފެށި އެ ޕްރޮޖެކްޓް، 2015 ވަނަ އަހަރު ކުރިއަށްގެންދަން ނިންމީ، 2018 އާއި 2022 ގެ ވޯލްޑް ކަޕްގެ ނިޔަލަށެވެ. އަދި، އޭގެ ފަހުން، 2023 ވަނަ އަހަރު ވަނީ މި ޕްރޮގްރާމް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ހިންގަން ފާސްކޮށްފަ އެވެ.
އެ ގޮތުން، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި، 32 ގައުމުގެ ކުޅުންތެރިން ކްލަބްތަކަށް ވީއްލުމަށްޓަކައި، ފީފާ އިން 209 މިލިއަން ޑޮލަރު، 440 ކްލަބަށް ދެއްކި އެވެ. އެ އަދަދު، ކުރިއަށް އޮތް ވޯލްޑް ކަޕްގައި، 144 މިލިއަން ޑޮލަރު އިތުރުވާއިރު، 355 މިލިއަން ޑޮލަރުގެ ބަޖެޓެއް އެކުލަވާލީ، 32 ޓީމުން 48 ޓީމަށް ވޯލްޑް ކަޕް ބަދަލުވާތީ އެވެ.
ފީފާގެ ރައީސް، އިންފަންޓީނޯ ވިދާޅުވީ، ކްލަބް ބެނެފިޓް ޕްރޮގްރާމް ކުރިއަށްގެންދިއުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި ކުޅުންތެރިންނަކީ ކްލަބްތަކުގެ އިންވެސްޓްމަންޓްތަކެއް ކަމަށެވެ. އަދި، އެކަން ފީފާ އިން ގަބޫލުކޮށް، މީގެ މާލީ މަންފާ ޓީމުތަކަށް ލިބިދޭނެ ގޮތް ފަހިކޮށް ބާއްވަން ޖެހޭ ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.
އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި، ގައުމީ ޓީމުތަކަށް ކުޅުންތެރިން ވީއްލައިގެން އެންމެ ބޮޑު އާމްދަނީއެއް ހޯދީ މެންޗެސްޓާ ސިޓީ އަށެވެ. އެ ގޮތުން، ސިޓީ އަށް 4.6 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ